[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޢުތިކާފް – 1

ތަޢުރީފް

ބަހުގެ ގޮތުން އިޢުތިކާފްގެ މާނައަކީ: ކަމެއް ކުރުމަށްޓަކައި ކޮންމެވެސް ތަނެއްގައި، ޤާއިމުވެ ހުންނަހުރުމެވެ.

އިޢުތިކާފްގެ އިޞްތިލާޙީ މާނައަކީ: ﷲ ތަޢާލާއަށް ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި ޤާއިމުވެ ހުރުމެވެ.

އިޢުތިކާފް ޝަރުޢުކުރައްވާފައިވާ ކަމުގެ ދަލީލު

ޤުރުއާނުން: (( وَلا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ )) البقرة/187 މާނަ: (( އަދި ތިޔަބައިމީހުން މިސްކިއްތަކުގައި އިޢުތިކާފަށް ތިބޭއިރު، ތިޔަބައިމީހުން އެކަނބަލުންނާއެކު ޖިމާޢު ނުވާހުށިކަމެވެ. ))

ސުންނަތުން: ޢާއިޝާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖައުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައެއްގައި އިޢުތިކާފަށް އިންނަވައެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އިޢުތިކާފްގައި އިންނެވިއެވެ. )) – متفف عليه –

އަލްއިމާމް ނަވަވީ އާއި އިބްނި ތައިމިއްޔާފަދަ އެތައް ޢިލްމުވެރިންނެއް އިޢުތިކާފް ޝަރުއުކުރައްވާފައިވާކަމަށް އިޖްމާޢުގެންނަވާފައިވެއެވެ.

އިޢުތިކާފްގެ ޙުކުމް

ރަމަޟާންމަހުގައިވެސް އަދި އެނޫން މަސްމަހުގައިވެސް އިޢުތިކާފްގައި އިނުން އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް  ސުންނަތެކެވެ. އަދި ރަމަޟާންމަހުގައި އިޢުތިކާފްގައި އިނުން ސުންނަތްކަން ގަދަވެގެން ވެއެވެ. އޭގެ ތެރެއިންންވެސް އެއްމެ ހެޔޮވެގެންވަނީ ރަމަޟާންމަހުގެ ފަހު ދިހައެކެވެ.

އައްޝައިޚް އިބްނު ބާޒް ރަޙިމަހުﷲ މަޖްމޫޢުލް ފަތާވާގައި ވިދާޅުވެފައި ވެއެވެ. ” ޝައްކެއް ނެތްގޮތުގައި މިސްކިތުގައި އިޢުތިކާފަށް އިނުމަކީ ﷲ ތަޢާލައަށް ކުއްތަންވުމުގެ ގޮތުންކުރެވޭ އަޅުކަމެކެވެ. އެކަން އެހެން މަސްމަހަށްވުރެ ރަމަޟާންމަހުގައި ކުރުން މާ މަތިވެރިވެގެން ވެއެވެ. އަދި ރަމަޟާން މަސް ނޫން އެހެން މަސްމަހުގައިވެސް އިޢުތިކާފަށް އިނދެވިދާނެއެވެ. “

އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ރަމަޟާންމަހެއްގައިވެސް ދިހަ ދުވަހު އިޢުތިކާފަށް އިންނަވައެވެ. އަދި އެކަލޭގެފާނު އަވަހާރަވީ އަހަރުގައި ވިހި ދުވަހު އިޢުތިކާފްގައި އިންނެވިއެވެ. ))

ޢާއިޝާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖައުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައެއްގައި އިޢުތިކާފަށް އިންނަވައެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އިޢުތިކާފްގައި އިންނެވިއެވެ. )) – متفف عليه –

އިޢުތިކާފްގެ މުއްދަތު

ގިނަ ޢިލްމުވެރިންގެ ރަޢުޔަކީ އިޚްތިކާފްގެ އެންމެ މަދުމިންވަރަކީ ހިނދުކޮޅެކެވެ. މިއީ އިމާމް އަބޫހަނީފާ އާއި އިމާމް ޝާފިޢީ އާއި އިމާމް އަހުމަދުގެ މަޒްހަބެވެ.

އަލްއިމާމް ނަވަވީ އަލްމަޖްމޫޢުގައި ވިދާޅުވެފައި ވެއެވެ. ” އަދި އިޢުތިކާފްގެ އެއްމެ މަދު މިންވަރާއި ބެހޭގޮތުން ދަންނާށެވެ. އޭގެ އެއްމެ ޞައްޙަގޮތަކީ ޖުމްހޫރުންގެ ރައުޔުއެވެ. އެއީ އޭގައި މިސްކިތުގައި ހޭދަކުރުން ޝަރުޠުކުރުމެވެ. އެއީ ގިނަ ވަޤުތު ތަކެއްކަމުގައި ވިޔަސް އަދި މަދުވަގުތު ކޮޅެއްކަމުގައި ވިޔަސް މެއެވެ. އެއީ ސާޢަތެއްގެ މިންވަރު ނުވަތަ ހިނދުކޮޅެއްކަމުގައި ވިޔަސް މެއެވެ. “

އިބްނު ޙަޒްމު ރަޙިމަހުﷲ المحلى ގައި ވިދާޅުވެފައި ވެއެވެ. ” މިސްކިތުގައި ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން އިންނަ ކޮންމެ އިނުމަކީ އިޢުތިކާފެކެވެ. އެއީ ކިތައްމެ ގިނަ ވަގުތެއްކަމުގައި ވިޔަސް އަދި ކިތައްމެ މަދު ވަގުތުކޮޅެއްކަމުގައި ވިޔަސް މެއެވެ. އެހެނީ ޤުރުއާނާއި ސުންނަތުގައި އެކަމަށް ވަކި ޢަދަދެއް ނުވަތަ ވަޤުތެއް ޚާއްސަކޮށްފައެއް ނުވެއެވެ. “

އިޢްތިކާފަށް އިންނަ މިސްކިތުގެ ޞިފަ

ފަރްޟު ފަސްނަމާދު ޖަމާޢަތުގައި އަދާކުރެވޭ ކޮންމެ މިސްކިތެއްގައިވެސް އިޢުތިކާފަށް އިނދެވިދާނެއެވެ.  ޢަލީ ރަޟިޔަﷲ ޢަންހު އާއި ޢާއިޝާ ރަޟިޔަﷲ ޢަންހާއާއި އިބްނި ޢައްބާސް ރަޟިޔަﷲ ޢަންހު މިފަދައިން ފަތުވާ ދެއްވާފައި ވެއެވެ. އަދި އިޢުތިކާފަށް އިންނަ މީހާއަކީ ހުކުރު ނަމާދު ވާޖިބުވާ މީހެއްނަމަ، އަދި އިޢުތިކާފަށް އިންނަ ދުވަސްތަކުގެ ތެރެއަށް ހުކުރު ދުވަހެއް ވަންނަނަމަ، ހުކުރު ނަމާދު ޤާއިމުކުރެވޭ މިސްކިތެއްގައި އިޢުތިކާފަށް އިނުން އެދެވިގެން ވެއެވެ.

ރަމަޞާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަން ބޭނުންވާ މީހާ މިސްކިތަށް ވަންނަންވީ ވަޤުތު

ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަވަން ބޭނުންވާ މީހާ މިސްކިތައް ވަންނާނީ 20 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިންނެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔުއެވެ. އަދި ހަތަރު މަޒްހަބުގެ އިމާމުންގެ މަޒްހަބަކީވެސް މިއީއެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީންގެ ރައުޔަކީވެސް މިއީއެވެ. އަދި ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަން ބޭނުންވާ މީހާގެ އެއްމެ ބޮޑު މަޤްޞަދަކަށް ވާނީ ލައިލަތުލް ޤަދުރީގެ މާތްކަން އެއްމެ ފުރިހަމަ ގޮތުގައި ހޯދުމެވެ. 21 ވަނަ ދުވަހުގެ ފަތިސް ނަމާދަށްފަހުގައި އިޢުތިކާފަށް ވަންނަ މީހާއަށް ފަހު ދިހައެއްގެ އޮނަހިރި ރެއްއެއް އެބަގެއްލެއެވެ. ނަމަވެސް 20 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން މިސްކިތައް އިޢުތިކާފަށް ވަންނަމީހާ އަށް ފަހުދިހައެއްގެ ހުރިހާ ރެއެއް ފުރިހަމަ ގޮތުގައި ލިބޭނެއެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައި ވެއެވެ. (( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ރަމަޟާންމަހެއްގައިވެސް އިޢުތިކާފަށް އިންނަވައެވެ. އަދި ފަތިސްނަމާދުކޮށް ނިމެއްޖެ ނަމަ އިޢުތިކާފަށް އިންނެވި ތަނަށް ވަދެވަޑައިގެންނަވައެވެ. )) رواه البخاري –

މި ޙަދީޘުން ދަލީލު ލިބޭގޮތުގައި އެކަލޭގެފާނު މިސްކިތުގައި ފަތިސް ނަމާދުގެ ކުރިންވެސް އިޢުތިކާފަށް އިންނަވައެވެ. ނަމަވެސް ފަތިސްނަމާދުކޮށް އަވަދިވުމުން، އެކަލޭގެފާނު އިޢުތިކާފުގައި އިންނެވުމަށް މިސްކިތުގައި ޚާއްސަކޮށް ހެދިފައިވާ ތަނަށް ވަދެވަޑައިގަންނަވެއެވެ. ވަﷲ އަޢްލަމު .

ރަމަޞާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަ މީހާ މިސްކިތުން ނިކުންނަންވީ ވަޤުތު

އިޢުތިކާފުން ނިކުންނާނީ ރަމަޟާން މަހުގެ އެއްމެ ފަހު ދުވަހުގެ އިރު އޮއްސުމަށް ފަހުގައެވެ. އެއީ ރަމަޟާން މަސް ނިމުނީމައެވެ. އަދި އެރޭ މިސްކިތުގައި ހޭދަކުރުމަށްފަހު މީސަތަކުންނާއި އެކު ޢީދު ނަމާދުކުރުމަށްފަހު ނުކުތުން މުސްތަޙައްބު ކަމަށް ސަލަފުންގެ ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. އަދި މުޞައްލާގައި ޢީދު ނަމާދު ކުރާ މީހެއްނަމަ، މުޞައްލައަށް ދިޔުމުގެ ކުރިން ފެންވަރައި މީރުވަސްދުވާތަކެތި ލުމަކީ ޢީދުގެ ސުންނަތުގެ ތެރެއިން ހިމެނޭކަމެކެވެ.


މަޞްދަރު