[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު ( الصلاة ) – 10

salat

ބަންގި ގޮވާމީހާގެ ކިބައިގައި ހުރުން މުސްތަޙައްބު ސިފަތައް

1 – ޢަދުލުވެރިއެއްކަމުގައިވުން ނުވަތަ އަމާނާތްތެރިއެއް ކަމުގައިވުން.

2 – ބާލިޣުވުން. ބާލިޣުނުވިޔަސް ތަންދޮރުވަކިވާ އުމުރަށްގޮސްފައިވާ ކުޑަކުއްޖާގެ ބަންގިވެސް ޞައްޙަވާނެއެވެ. އެއީ މީހުން ދައްކާވާހަކަ ފަހުމުވެ، އެއަށް ޖަވާބުދޭން އެނގޭވަރުވުމެވެ. ނުވަތަ ބައެއް ޢިލްމުވެރިންގެ ގާތުގައި އުމުރުން ހަތް އަހަރުވުމެވެ.

3 – ނަމާދުގެ ވަގުތުތައް ވަނުމުން އެނގޭ މީހެއްކަމުގައިވުން. ލޯފަންމީހާގެ ބަންގި ޞައްޙަވާނެއެވެ. ނަމަވެސް އެފަދަ މީހަކަށް ބަންގި ގޮވަންވީ ވަގުތު ވަނުމުން އަންގައިދޭނެ މީހަކު ނުހުންނަ ނަމަ، ވަޤުތު ވަނުމުން އެނގޭ މީހަކު މުއައްޛިނަކަށް ހުރުން އެދެވިގެންވެއެވެ. އޭރުން ނަމާދު ވަގުތުވުމުން ވަގުތުގެ ކުރީކޮޅުގައި ބަންގި ގޮވުމަށް އަވަސްވެގަނެވޭނެއެވެ.

4 – އަޑުގަދަ އަދި އަޑު ރީތި މީހެއްކަމުގައިވުން. އަދި ބަންގީގެ ކަލިމަތައް ރީތިކޮށް އަދާކުރެވޭ މީހެއްކަމުގައި ވުން. ބަންގީގެ މަޤުޞަދަކީ މީސްތަކުންނަށް ނަމާދުވަގުތު ވެއްޖެކަން އަންގައިދިނުން ކަމުގައިވާއިރު، އަޑުދުރަށް ފެތުރިގެންދިޔުމަށްޓަކައި އަޑުގަދަކުރާފަދަ ވަސީލަތްތައްބޭނުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ.

5 – ދެ ޙަދަޘުން ތާހިރުވެގެން ހުރުން.  ( ޖުނުބުވެރިޔާ މިސްކިތުގައި މަޑުކުރުން ހުއްދަ އެއްނޫނެވެ. ނަމަވެސް ކުޑަ ޙަދަޘުން ތާހިރު ނުވެ ހުރިމީހާ ( ވުޟޫ ނުކޮށް ހުރި މީހާ ) އަށް މިސްކިތުގައި ހުރެވިދާނެއެވެ. ނަމަވެސް ބަންގި ގޮވުމަށްޓަކައި މިސްކިތަށް ދާއިރު ވުޟޫ މަތީގައިހުރުން ހެޔޮވެގެން ވެއެވެ. ވޫޟޫ އާއި ނުލާވެސް ބަންގި ސައްޙަ ވާނެއެވެ.)

6 – ޤިބްލައަށް ކުރިމަތިލައިގެން ހުރެ ބަންގި ގޮވުން.

7 – (حي على الصلاة  )  މިކަލިމަ ކިޔުމަށްޓަކައި ދެފަހަރުވެސް ކަނައަތް ފަރާތަށް މޫނު އަނބުރާލުން. އަދި (حي على الفلاح ) މި ކަލިމަ ކިޔުމަށްޓަކައި ދެފަހަރުވެސް ވައަތް ފަރާތަށް މޫނު އަނބުރާލުން. ކޮންމެ ޖުމްލައެއްގައިވެސް މޫނު އަނބުރާލަން ޖެހޭނެއެވެ.

8 – ދެ ކަންފަތަށް ޝަހާދަތް އިނގިލި ލައިގެންހުރެ ބަންގި ގޮވުން. އޭގެ ސަބަބުން އަޑު އެއްވަރެއްގައި ހިފެހެއްޓުމަށާއި އަޑު ރީތިވުމަށް މަގުފަހި ވެއެވެ.

9 – ބަންގި ގޮވުމުގައި ލަސްލަހުން ގޮވަމުން ދިޔުން. އަދި ގަމަތް ދިނުމުގައި އަވަސް ކޮށްލުން.

ބަންގި ގޮވި މީހާ ގަމަތް ދިނުން.

އެއްމެ ރަނގަޅު ގޮތަކީ، ބަންގި ގޮވާ މީހާ، ގަމަތް ދިނުމެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރު، ބިލާލު ރަޟިޔަﷲ ބަންގި ގޮވުމަށްފަހު، ގަމަތްވެސް ދެނީ އެކަލޭގެފާނެވެ. ނަމަވެސް ބަންގި ގޮވި މީހާ ނޫން އެހެން މީހަކަށްވެސް ގަމަތް ދެވިދާނެއެވެ.


  -ނުނިމޭ-

މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.