[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަތުރުފަތުރު ކުރުމުގެ އަދަބުތަކާއި ޙުކުމުތައް – 2

200127597-003

ދަތުރުފަތުރު ކުރުމުގެ ބައެއް ފައިދާތައް

ދަތުރުފަތުރު ކުރުމުގެ ފައިދާތައް ވަރަށް ގިނައެވެ. އޭގެތެރެއިން، ބައެއް ފައިދާތައް އަލްއިމާމް ޝާފިޢީ ރަޙިމަހުﷲ ގެ މި ބަސްފުޅުގައި ބަޔާން ކުރައްވާފައިވެއެވެ.

تَغَرَّب عَنِ الأَوطانِ في طَلَبِ العُلى              وَسافِر فَفي الأَسفارِ خَمسُ فَوائِدِ
تَفَرُّيجُ هَمٍ وَاِكتِسـابُ مَعيشَـةٍ                     وَعِلمٌ وَآدابٌ وَصُحبَةُ ماجِـدِ

1 – ކަންބޮޑުވުންތަކާއި ދަތި އުނދަގޫތަކުން ނުކުމެވުން : ބައެއް މީހުން މާ ގިނަ ދުވަހު ހުންނަ އެއްތަނެއްގައި ހުންނަން ޖެހުމުގެ ސަބަބުން މޮޅިވެރިކަމާއި ހާސްކަމާއި ހިތްހަމަ ނުޖެހުން ކުރިމަތިވެއެވެ. ޙަޔާތުގެ މާޔޫސްކަން އިޙްސާސް ވެއެވެ. އެހެންކަމުން ދިރި އުޅޭ މާހައުލު ވަގުތީގޮތުން ނަމަވެސް ބަދަލުކޮށްލަން ބޭނުންވެއެވެ. އެގޮތުން ކޮންމެވެސް އެހެން ތަނަކަށް ދަތުރު ކޮށްލުމުން މާހައުލު ބަދަލުވެ، ބައްދަލުވާ މީހުންނާއި ފެންނަ މަންޒަރުތައް ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެން ދެއެވެ.

2 – ރަނގަޅު ދިރިއުޅުމެއް ލިގެން ދިޔުން: ރިޒްޤުގެ ދަތިކަން ކުރިމަތިވާ މީހުން، އެމީހަކު ދިރިއުޅޭ ރަށް ދޫކޮށް ރިޒްޤު ހޯދުމުގެ ގޮތުން އެހެން ހިސާބުތަކަށް ދަތުރު ކުރުމަކީ އެދެވިގެންވާ ގޮތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ ))  ﴿١٥سورة الملك މާނަ: ((އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒްޤުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ ހަޟްރަތަށެވެ. )) ރިޒްޤު ހޯދުމަށްޓަކައި ދަތުރުފަތުރު ކުރާ ކިތައް ކިތައް މީހުންނަށް ﷲ ތަޢާލާ އެމަގު ތަނަވަސް ކޮށްދެއްވާހެއްޔެވެ!

3 – ޢިލްމު ޙާސިލުކުރުން: އަޅުގަނޑުމެންގެ ސަލަފުން ކަމުގައިވާ ނަބީބޭކަލުންނާއި ޞާލިޙުންނާއި އެބޭކަލުންނަށް ތަބާވީ މީހުން ޢިލްމު ލިބިގަތުމަށްޓަކައި ދިގުދަތުރުތައް ކުރައްވާ ކަމުގައި ވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އައިސްފައިވާ އެންމެ ޙަދީސެއް އަޑު އަހާލުމަށްޓަކައި ބައެއް ބޭކަލުން ވަރަށް ދިގު ރާސްތާތައް ކަޑައްތު ކޮށްފައި ވެއެވެ. އެބޭކަލުންގެ ވާހަކަތައް ޢިލްމުވެރިންގެ ފޮތްތަކުގައި ވަރަށް ގިނައިން ޒިކުރު ކުރައްވާފައި އެބަހުއްޓެވެ.

4 – އަދަބުއަޚްލާޤު ލިބިގަތުން: ބުއްދިވެރި ދަތުރުވެރިޔާ، އަބަދުވެސް އޭނާގެ ދަތުރުގައި ރީތި އަދަބުތަކާއި އަޚްލާޤު ދަސްކުރުމަށްޓަކައި ޢިލްމުވެރިންނާއި، ބުއްދިވެރިންނާއި އަދީބުންނާއި ބައްދަލުކުރުމަށް އަވަސްވެ ގަނެއެވެ. އޭގެ ސަބަބުން އިންސާނާގެ އަޚްލާޤީ ޝަޚްސިއްޔަތު ފުރިހަމަވެ ވަރުގަދަވެގެން ދިޔުމަށް މަގުފަހިވެގެންދެއެވެ. އަދި ދަތުރުގައި ލިބިގެން ދިޔަ އަޚްލާޤީ ފައިދާތަކާއި ޢިބްރަތްތައް އެހެން ފަރާތްތަކަށް ފޯރުކޮށްދެވެއެވެ.

5 – ދަތުރުގައި މާތް ރަނގަޅު މީހުންނާއި އެކުގައިވުން: ގޯސް މީހުންނާއި އެކު ދަތުރުކުރުމުގެ ސަބަބުން، ބައެއް މީހުންގެ ހިތް ފަސާދަވެ ފިޠުރަތް ނުބައި ގޮތްގޮތަށް ބަދަލުވެގެން ދެއެވެ. ނަމަވެސް ރަނގަޅު މާތް މީހުންނާއިއެކު ދަރުކޮށް އެމީހުންނާއި އެކު އުޅެލުމުގެ ސަބަބުން، އެފަދަ މީހުންގެ ހެޔޮ ބަސްތައް އަޑު އެހުމުގެ ފުރުސަތު ލިބިގެން ދެއެވެ. އޭގެ ސަބަބުން ދިރިއުޅުން ރަނގަޅު އަސަރުތައް ކުރެއެވެ. ފަސާދަތަކާއި ނުބައިމަގުތަކުން އަމާންކަން ލިބުމަށް މަގުފަހި ވެއެވެ.

6 – ދުޢާ އިޖާބަވުން: އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީސެއްގައި ވެއެވެ. ((ثَلاثُ دَعَوَاتٍ مُسْتَجَابَاتٌ ، لا يُشَكُّ فِيهِنَّ : وَدَعْوَةُ الْمَظْلُومِ دَعْوَةُ الْوَالِدِ على ولده ، وَدَعْوَةُ الْمُسَافِرِ ، )) – رواه الترمزي – މާނަ : ” ތިން ދުޢާއެއް އިޖާބަވުމާއިމެދުގައި ޝައްކެއްނެތެވެ. (އެއީ) އަނިޔާ ލިބިގެންވާ މީހާގެ ދުޢާއާއި ބައްޕަ ދަރިފުޅުގެ މައްޗަށްކުރާ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާއެވެ. “

7 – ގާތްތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުން: މިއީ ﷲ ތަޢާލާއަށް ކުއްތަން ވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން ވަރަށް މާތް ކަމެކެވެ.

8 – މާތް ޚުލްޤު ހެޔޮ ރަންގަޅު މީހަކުވެސް ފަސާދަކުރާ ނުބައި ބައެއްގެ ތެރޭގައި އުޅޭކަމުގައި ވާނަ، އެމީހަކަށް ނިކަމެތިކަމާއި އިހާނާތް ލިބިގެން ދެއެވެ. ނަމަވެސް އެފަދަ މީހަކު، އެތަން ދޫކޮށް ރަނގަޅުބަޔަކު އުޅޭ ތަނަކަށް ދަތުރުކޮށްފިނަމަ އޭނާގެ ޤަދަރު އުފުލިގެން ދެއެވެ. ނަފްސުގެ ޢިއްޒަތް ލިބިގެން ދެއެވެ.


 ނުނިމޭ

މަސްދަރު : فضيلة الشيخ محمد صالح المنجد ( حفظه الله ) ލިޔުއްވާފައިވާ ފަތް “السفر آداب و أحكام”