13. ޢިލްމު އުފުއްލެވުމާއި ޖާހިލުކަން ފާޅުވުން.
ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި، ޢިލްމު އުފުއްލެވުމާއި ޖާހިލުކަން ފެތުރުން ހިމެނެއެވެ. ދެޞަޙީޙުގައި އަނަސް ބިން މާލިކު رضي الله عنه ގެ އަރިހުން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ، وَيَثْبُتَ الْجَهْلُ))[1] މާނައީ: “ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ޢިލްމު އުފުއްލެވުމާއި ޖާހިލުކަން ދެމިއޮތުން ހިމެނެއެވެ.”
އަދި ޝަޤީޤުގެ އަރިހުން ބުޚާރީ ރިވާކުރެއްވި އެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢަބްދުﷲ [ބިން ޢައްބާސް] އާއި އަބޫ މޫސާ [އަލް އަޝްޢަރީ] ގެ އަރިހުގައި ތިމަންކަލޭގެފާނު ވަނިކޮށް އެދެބޭކަލުން ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((إِنَّ بَيْنَ يَدَيِ السَّاعَةِ لَأَيَّامًا، يُنْزَلُ فِيهَا الجَهْلُ، وَيُرْفَعُ العِلْمُ))[2] “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ކުރިން ދުވަސްތަކެއް ވެއެވެ. އެދުވަސްތަކުގައި ޖާހިލުކަން ވެރިވެ ޢިލްމު އުފުއްލެވޭ ހުއްޓެވެ.”
އަދި އަބޫހުރައުރާ رضي الله عنه ގެ އަރިހުން މުސްލިމް ރިވާކުރެއްވި ރިވާޔަތުގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((يَتَقَارَبُ الزَّمَانُ، وَيَنْقُصُ الْعِلْمُ، وَيُلْقَى الشُّحُّ، وَتَظْهَرُ الْفِتَنُ، وَيَكْثُرُ الْهَرْجُ))[3] “ޒަމާން ކައިރިވެ، ޢިލްމު އުފުއްލެވި، ދަހިވެތިކަން ވެރިވެ، ފިތުނަ ފާޅުވެ، މީހުންމެރުން އިތުރުވެއެވެ.”
އިބްނު ބައްޠާލު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ހަމަޔަޤީނުންވެސް މިޙަދީޘްގައި މިވާ ޤިޔާމަތުގެ އެންމެހާ ޢަލާމާތްތައް ތިމަންމެން ދެލޮލުން ދުށީމުއެވެ. ފަހެ ޢިލްމުވެރިކަން އަޑިއަޅައި ޖާހިލުކަން ފާޅުވިއެވެ. އަދި ހިތްތަކަށް ދަހިވެތިކަން ވެރިވެ ފިތުނަ ޢާންމުވިއެވެ. އަދި މީހުން މެރުން ގިނަވިއެވެ.”[4]
މިދެންނެވުނު ވާހަކައާ ގުޅޭގޮތުން الحَافِظ ابن حَجَر މިފަދައިން ވިދާޅުވެއެވެ. [އެބަސްފުޅުގެ މާނައީ:]
ބުރަވެވޭ ގޮތުގައި އެކަލޭގެފާނަށް [އެބަހީ: އިބްނު ބައްޠާލަށް] އެފެނިވަޑައިގެންނެވި ކަންވެސް ވަނީ ވަރަށް އިތުރުވެފައެވެ. ހަމައެއާއެކު އޭގެ އިދިކޮޅުވެސް ހަމަ އެބައޮތެވެ. ޙަދީޘްގެ އަޞްލު މުރާދަކީ އެކަން އެކުއެކީ ފާޅުވެގަދަވެގަތުމެވެ. ނާދިރުގޮތެއްގައި މެނުވީ އޭގެ އިދިކޮޅު ނުފެންނާނެ ހެންނެވެ. ޢިލްމު ހިއްޕެވޭނެކަމަށް އިޝާރަތް ކުރެވެނީ އެހެންވެއެވެ. އޭރުން ދެން ދެމިގެންދާނީ ޖާހިލުކަމުގެ އަނދިރިކަމެވެ. ޢިލްމުގެ އަހުލުވެރިންގެ ޖަމާޢަތެއް އޮތުން އެކަމުން މަނައެއް ނުކުރެއެވެ.
އެހެނީ އެބައިގަނޑާހުރެ އޭރު އެބޭކަލުންގެ އަޑު ވަނީ ކެނޑިފައެވެ.”
[5]
ދެންފަހެ ޢިލްމު އުފުއްލެވުން ވަނީ ޢިލްމުވެރީންގެ [މަރު] ހިއްޕެވުމުންނެވެ. عَبدُ الله بن عَمْرُو بن العَاص رضي الله عنهما ގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((إِنَّ اللَّهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلَكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا؛ اتَّخَذَ النَّاسُ رُؤُوسًا جُهَّالًا، فَسُئِلُوا، فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا))[6] “އަޅުތަކުންގެ ކިބައިން އަތުލެވޭ އަތުލެއްވުމަކުން، ﷲ ތަޢާލާ ޢިލްމު ނުހިއްޕަވައެވެ. އެހެނެއްކަމަކު އެކަލާނގެ ޢިލްމު ހިއްޕަވަނީ ޢިލްމުވެރީން ހިއްޕަވައިގެންނެވެ. އެއްވެސް ޢިލްމުވެރިއަކު ނެތިއްޖައުމަށް ދާންދެނެވެ. މީސްތަކުން އެމީހުންގެ ބޮޑެތީން ކަމުގައި ޖާހިލުން ހަދައެވެ. އަދި އެމީހުނާ ސުވާލު ވެވެއެވެ. ފަހެ ޢިލްމަކާ ނުލައި އެމީހުން ފަތުވާދެއެވެ. އެބައިމީހުން ވަނީ މަގުފުރެދިގެންނެވެ. އަދި މީސްތަކުން މަގުފުރައްދާލައެވެ.”
[އަލްއިމާމު] ނަވަވީ ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] “އިސްވެދިއަ ޙަދީޘްތަކުގައި މުޠްލަޤުކޮށް އައިސްފައިވާ ޢިލްމު އުފުއްލެވުމުގެ މުރާދު މިޙާދީޘުން ބަޔާންކޮށްދެއެވެ. އެއީ އެތަކެތި ދަސްކޮށްގެން ތިބި މީހުންގެ ހިތްތަކުން އެ ފޮހެލެއްވުމެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. އޭގެ މާނައަކީ އެތަކެތި އުފުލާ ފަރާތްތަކުގެ މަރު ގެންނެވުމެވެ. އަދި މީސްތަކުން އެބައިމީހުންގެ ޖާހިލުކަމުގައި ޙުކުމް ކުރުވުމަށް ޖާހިލުން ކަނޑައަޅައެވެ. އެބައިމީހުން މަގުފުރެދިގެންވާޙާލު އެހެން މީސްތަކުންނަށް މަގު އޮޅުވާލައެވެ.”[7]
މިތާންގައި މިވާ ޢިލްމުގެ މުރާދަކީ [ﷲގެ] ފޮތާއި [ނަބަވީ] ސުންނަތުގެ ޢިލްމެވެ. އަދި އެޢިލްމަކީ ސަލާމާއި ޞަލަވާތްލެއްވި، ނަބިއްޔުންގެ އަރިހުން ވާރުތަވާ ޢިލްމެވެ. ފަހެ ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރިޘުންނެވެ. އެބައިމީހުން ނެތިދިއުމީ ޢިލްމު ނެތި ދިއުމެވެ. އަދި ސުންނަތް މަރުވެގެން ގޮސް ބިދުޢަ ފާޅުވުމެވެ. އަދި ޖާހިލުކަން ޢާންމުވުމެވެ.
=ނުނިމޭ=
__________________________________________
[1] ((صحيح البخاري))، كتاب العلم، باب رفع العلم وظهور الجهل، (1 / 178 – مع الفتح)، و ((صحيح مسلم))، كتاب العلم، باب رفع العلم وقبضه وظهور الجهل والفتن في آخر الزمان، (16 / 222 – مع شرح نووي).
[2] ((صحيح البخاري))، كتاب العلم، باب رفع العلم وظهور الجهل، (1 / 178 – مع الفتح)، و ((صحيح مسلم))، كتاب العلم، باب رفع العلم وقبضه وظهور الجهل والفتن في آخر الزمان، (16 / 222 – مع شرح نووي).
[3] ((صحيح مسلم))، كتاب العلم، باب رفع العلم، (16 / 222 – 223 – مع شرح نووي).
[4] [ބައްލަވާ:] ((فتح الباري)) (13 / 16).
[5] [ބައްލަވާ:] ((فتح الباري)) (13 / 16).
[6] ((صحيح البخاري))، كتاب العلم، باب كيف يقبض العلم، (1 / 194 – مع الفتح)، و ((صحيح مسلم))، كتاب العلم، باب رفع العلم وقبضه وظهور الجهل والفتن، (16 / 223 – 224 – مع شرح النووي).
[7] [ބައްލަވާ:] ((شرح النووي لمسلم)) (16 / 223 – 224).