[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 57 “އަނިޔާވެރިންނަށް ވާގިވެރިވާ މީހުންނާއި ސިފައިން ގިނަވުން.”

 

14. އަނިޔާވެރިންނަށް ވާގިވެރިވާ މީހުންނާއި ސިފައިން ގިނަވުން.

އަބޫ އުމާމާ رضي الله عنه ގެ އަރިހުން އަލްއިމާމު އަޙްމަދު ރިވާ ކުރައްވައެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((يَكُوْنُ فِيْ هَذِهِ الأُمَّةِ فِيْ آخِرِ الزَّمَانِ رِجَالٌ – أَوْ قَالَ: يَخْرُجُ رِجَالٌ مِنْ هَذِه الأُمَّة فِيْ آخِرِ الزَّمَان – مَعَهُمْ سِيَاطٌ؛ كَأَنَّهَا أَذْنَابُ البَقَر، يَغْدُوْنَ فِيْ سَخَطِ اللهِ، وَيَرُوْحُوْنَ فِيْ غَضَبِهِ))[1] މާނައީ: “މިއުއްމަތުގެ ފަހުޒަމާނުގައި ބަޔަކު ވާނެއެވެ. -ނުވަތަ ޙަދީޘް ކުރެއްވީ: މިއުއްމަތުގެ ފަހުކޮޅުގައި ބަޔަކު މީހުން ނުކުންނާނެތެވެ.- ގެރީގެ ނިގޫ ތަކެއްފަދަ ޗާބޫކުތަކެއް އެބައިމީހުންގެ އަތުގައި ވެއެވެ. އެބައިމީހުން ހަނގުރާމަ ކުރަނީ މާތް ﷲ ގެ ކޯފާލެއްވުމާއެވެ. އަދި އެކަލާނގެ ނުރުއްސެވުމާ ދިމާއަށް އެމީހުން ދަތުރު ކުރެއެވެ.”

އަދި ((الكَبِيْر)) ގައި ޠަބަރާނީ ރިވާކުރައްވާފައިވާ ރިވާޔަތުގައި ވަނީ: ((سَيَكُونُ فِي آخِرِ الزَّمَانِ شَرَطَةٌ يَغْدُونَ فِي غَضِبِ اللهِ، وَيَرُوحُونَ فِي سَخَطِ اللهِ، فَإِيَّاكَ أَنْ تَكُونَ مِنْ بِطَانَتِهِمْ))[2] “ﷲގެ ކޯފާލެއްވުމުގައި ހަނގުރާމަ ކުރާ ބަޔަކު ފަހު ޒަމާނުގައި ވާނެތެވެ. އަދި އެބައިމީހުން ﷲ ގެ ނުރުއްސުވުމާ ދިމާއަށް ދެއެވެ. އެބައިމީހުންގެ އެކުވެރީން ކަމުގައި ނުވުމަށް ތިބާ ސަމާލުވާ ހުއްޓެވެ.”

ދެންފަހެ މުސްލިމުންނަށް ޚުދުމުޚުތާރުވެ ޙައްޤަކާ ނުލައި އެބައިމީހުންނަށް ޢަޒާބު ދިން، މީސްތަކުންގެ ތެރެއިން މިނަންގަނެވުނު ބައިގެ މީހުންނަށް ނަރަކައިގެ ބިރުވެރި އިންޒާރު އައިސްފައި ވެއެވެ.

އަބޫ ހުރައިރާގެ އަރިހުން އަލްއިމާމު މުސްލިމް ރިވާ ކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ…))[3] މާނައީ: “ތިމަންކަލޭގެފާނު ދެކެވަޑައިގެންފައި ނުވާ، ނަރަކަވަންތަވެރީންގެ ދެބައެއް ވެއެވެ. އެއްބަޔަކީ ގެރީގެ ނިގޫތަކެއް ފަދަ ޗާބޫކު ތަކެއް އެބައެއްގެ އަތުގައިވެ މީސްތަކުންނަށް އެއިން އަނިޔާކުރާ ބަޔެކެވެ…..”

[އަލްއިމާމު] ނަވަވީ رحمه الله ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “މިޙަދީޘް ހިމެނެނީ ނަބީކަމުގެ މުޢުޖިޒާތުގެ ތެރެއިންނެވެ. ފަހެ ހަމަކަށާވަރުން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޚަބަރުދެއްވާފައި ވާގޮތަށް އެކަން ވަނީ ހިނގާފައެވެ. އަދި ޗާބުކުތަކުގެ ވެރީންނާމެދު ދަންނައެވެ. ފަހެ އެބައިމީހުންނީ ސިފައިންގެ ކޮމާންޑަރުގެ ދަށުން މަސައްކަތްކުރާ މީހުނެވެ.”[4]

އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު ކަލޭގެފާނު އަބޫހުރައިރާ رضي الله عنه އަށް ޙަދީޘް ކުރެއްވިއެވެ. ((إِنْ طَالَتْ بِكَ مُدَّةٌ؛ أَوْشَكتَ أَنْ تَرَى قَوْمًا يَغْدُونَ فِي سَخَطِ اللهِ، وَيَرُوحُونَ فِي لَعْنَتِهِ، فِي أَيْدِيهِمْ مِثْلُ أَذْنَابِ الْبَقَرِ))[5] “ގެރީގެ ނިގޫތަކެއް ކަހަލަ ޗާބޫކުތަކެއް އެބައެއްގެ އަތުގައިވާ، ﷲގެ ކޯފާލެއްވުމުގައި ހަނގުރާމަކޮށް އަދި އެކަލާނގެ ލަޢުނަތާ ދިމާއަށްދާ ބަޔަކު، ކަލޭގެފާނުގެ ޢުމުރުފުޅު ދިގުވެއްޖެ ނަމަ ފެނިވަޑައިގަތުމާ ގާތެވެ.”

އަދި އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން [ރިވާވެފައި] ވެއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((يَكُونُ عَلَيْكُمْ أُمَرَاءُ هُمْ شَرٌّ مِنَ الْمَجُوسِ))[6] “މަޖޫސީންނަށްވުރެ ނުބައިކަންއިތުރު ވެރީންތަކެއް ތިޔަބައިމީހުންގެ މައްޗަށް ވެރިވާނެއެވެ.”

=ނުނިމޭ=

__________________________________________

[1]  ((مسند الإمام أحمد)) (5 / 250 – بهامشه منتخب الكنز)، وهو صحيح؛ كما في الحديث الذي بعده.

[2]  ((إتحاف الجماعة)) (1 / 507 – 508).

والحديث صحيح. ބައްލަވާ: ((صحيح الجامع)) (3 / 317) (ح 3560).

وقال الهيثمي: ((رواه أحمد والطبراني في ((الأوسط)) و ((الكبير)) . . . ورجال أحمد ثقات)). ((مجمع الزوائد)) (5 / 234).

[3]  ((صحيح مسلم))، باب جهنم أعاذنا الله منها، (17 / 190 – مع شرح النووي).

[4]  [ބައްލަވާ:] ((شرح النووي لمسلم)) (18 / 190).

[5] ((صحيح مسلم))،  باب جهنم أعاذنا الله منها، (17 / 190 – مع شرح النووي).

[6]  ((رواه الطبراني في ((الصغير))، و ((الأوسط))، ورجاله رجال الصحيح، خلا مؤمل بن إهاب، وهو ثقة)). ((مجمع الزوائد)) (5 / 235).