[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްމަދު (صلى الله عليه وسلم) އަކީ ކޮން ބޭކަލެއް؟ 1

muhammadh

މަލާމާތާއި ފުރައްސާރައާއި ތުޙުމަތުގެ ދޫތަކުން އެބޭކަލެއްގެ އުޖާލާކަން ފަނޑު ނުކުރެވުނު އެންމެ އަލިގަދަ ޝަޚްޞިއްޔަތަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު  (صلى الله عليه وسلم) އެވެ. ހުރިހާ ޒަމާނެއްގައިވެސް ކާފިރުންގެ ދޫތަކުން ކެނޑިނޭޅި އެމާތް ޚުލްޤުގެ ޞަފްޙާތަކަށް ކުޅުޖަހަން މަސައްކަތް ކުރަމުންދެއެވެ. އެ ފުރިހަމަ ނަމޫނާގެ ފަތްފުށްތަކަށް ދޮގާއި މަކަރުގެ އިލްޒާމްތަކުން ނަޖިސް އެޅުމަށް މަސައްކަތް ކުރަމުންދެއެވެ.

އެހެން ނަމަވެސް އެބޭކަލެއްގެ ތާރީޚް، މުޅި ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ފުރިހަމައަށް ރައްކާކުރެވުނު އެމާތް ނަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެފަރާތަކަށް ލޯބިކުރާ ފަރާތްވެސް މެއެވެ. ދުނިޔޭގެ ހަތަރު ބިތުގައި ދިރިއުޅެ މަރުވެދިޔަހާ ބައެއްގެ މައްޗަށް އެކަލޭގެފާނު ޚާއްސަވެ މާތްކުރެވިފައިވަނީ އިލާހީ ނިޔާގެ ދަށުންނެވެ. ﷲ ތަޢާލާގެ އެންމެ ފަހުގެ ވަޙީގެ ޒަރީޢާއިންނެވެ. އެކަލޭގެފާނު ވިދާޅުވާ ބަސްފުޅު ތަކަކީވެސް އިއްވެވޭ ވަޙީއެއް ކަމުގައި ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

﴿وَمَا يَنطِقُ عَنِ الْهَوَىٰ [٣] إِنْ هُوَ إِلَّا وَحْيٌ يُوحَىٰ [٤]﴾  [سورة النجم]

މާނައީ: “އެކަލޭގެފާނަކީ ހަވާނަފްސަށް ވާހަކަފުޅު ދައްކަވާ ބޭކަލަކު ކަމުގައިނުވެއެވެ. [3] އެހެނެއްކަމަކު އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތަކަކީ އިއްވޭ ވަޙީއެއް ކަމުގައި މެނުވީ ނުވެއެވެ.[4]”  

 ހަމައެހެންމެ އެކަލޭގެފާނު ފޮނުއްވުނީ ރަސޫލު ކަމުގެ ސިލްސިލާ ނިންމެވި އެންމެ ފަހުގެ ރަސޫލާކަމުގެ ސިއްކަ ޖެހިވިގެން އިންސާނުންނާއި ޖިންނީންގެ ގާތަށެވެ. ނަބީކަން ލިބިލެއްވި ނަބީބޭކަލުންގެ މައްޗަށް އެނަބީކަން ޚަތިމުކުރެއްވި ބޭކަލެއްގެ ގޮތުގައެވެ. ﷲ ތަޢާލާ މިޚަބަރު ކީރިތި ޤުރުއާނުގައި ދެއްވާ ވަޙީކުރައްވައިފައިވެއެވެ.

﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا﴾ [سورة الأحزاب ٤٠]

 މާނައީ: “ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން އެއްވެސް ބޭކަލެއްގެ ބައްޕަކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު އެއީ ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ނަބިއްޔާއެވެ. އަދި ﷲއީ ކޮންމެ ކަމެއް ދެނެވޮޑިގެންވާ އިލާހެވެ.” 

 އެހެންކަމުން ހުރިހާ ޝަރަފަކާއި ޢިއްޒަތެއް އެކަލޭގެފާނަށް ވަނީ ﷲ ތަޢާލާގެ ހަޟްރަތުން ލިބިފައެވެ. މަލާއިކަތުންނާއި މުސްލިމުންގެ ދޫތަކުން އަބަދާއި އަބަދުމެ އެކަލޭގެފާނަށް ޞަލަވާތް ކިޔެވެމުންދާނެއެވެ. މިއީ އެބޭކަލެއްގެ ރަސޫލުކަމަށް އަޅުގަނޑުމެން ހެކިވެގެން ތިބި، އެފަރާތެއް ދެކެ އަޅުގަނޑުމެންގެ ނަފްސުތަކަށް ވުރެވެސް ބޮޑަށް ލޯބިވާންޖެހޭ މާތް ރަސޫލާ މުޙައްމަދު(صلى الله عليه وسلم) ގެ މަޤާމެވެ.

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް