ހަވަނައީ: މީސްކިތުން ބޭރުގައި ނުވަތަ އެތެރޭގައި ކަމަށްވިޔަސް، ޤަބުރުފުޅާ ދުރު ހިސާބެއްގައި ހުރެ ޤަބުރުފުޅަށް ކުރިމަތިލައި، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ސަލާމްދެންނެވުމެއް ނުވެއެވެ. އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ އެކަލޭގެފާނު ލިޔުއްވި (منسكه) ގައި ލިޔުއްވާފައިވެއެވެ. “މިފަދަ ޢަމަލުކުރާމީހާ ގާތީ އެކަލޭގެފާނުގެ ދެކެ ލޯބިވާ މީހަކަށްވުރެ އެކަލޭގެފާނާ މެދު އަދަބުކުޑަކޮށް ޢަމަލުކުރާމީހަކަށް ވުމެވެ.”
މަދީނާއަށް އަންނަ ބައެއް ފަރާތްތަކަށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމް ދެންނެވުމަށް ބައެއްމީހުން ޙަވާލުކުރެއެވެ. މިކަމަށް ސުންނަތުން އެއްވެސް ގޮތަކަށް ދަލީލެއް ނުލިބެއެވެ. އެހެންކަމުން މަދީނާއަށް އަންނަ މީހެއް ގާތުގައި މިކަމަށް އެދެފިނަމަ އެމީހަކަށް ޖަވާބުގައި ބުނާނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. މަލާއިކަތް ބޭކަލުން އެޞަލަވާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ ހިސާބަށް ފޯރުކޮށްދެއްވައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ.
(( إِنَّ للهِ مَلائِكَةً سَيَّاحِينَ فِي الأَرض يُبَلِّغُونِي عَنْ أُمَّتِيَ السَّلامَ)) [حديث صحيح رواه النسائى وغيره]
މާނައީ :” ބިމުގައި ދަތުރުކޮށްއުޅޭ މަލާއިކަތުން ﷲތަޢާލާއަށް ވެއެވެ. އެބޭކަލުން ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން ދަންނަވާ ސަލާމް ފޯރުކޮށްދެއްވައެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
(( لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ )) [حديث صحيح رواه أبوداود وغيره]
މާނައީ:” ތިޔަބައިމީހުންގެ ގެތައް ޤަބުރުސްތާނުތަކެއްކަމުގައި ނުހަދާށެވެ. އަދި ތިމަންކަލޭގެފާނުގެ ޤަބުރުފުޅު ވަކިވަގުތުތަކެއް ކަނޑައަޅައިގެން ޒިޔާރަތްކުރާތަނެއްކަމުގައި ތިޔަބައިމީހުން ނުހަދާށެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ފަހެ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީނަމަވެސް ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނާއި ހިސާބަށް ވާޞިލުވާނެއެވެ.”
=ނުނިމޭ=