[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްމަދު (صلى الله عليه وسلم) އަކީ ކޮން ބޭކަލެއް؟ 3

muhammadh

މިނޫނަސް އެކަލޭގެފާނުގެ ނަމޫނާވަނީ އިންސާނީ ނަސްލުގެ މައްޗަށް ހުރިހާ ދާއިރާއެއްގައި ކުރި ހޯއްދަވާފައެވެ. ނުބަޔާއި ރަނގަޅު ވަކިކޮށް އޭގެ އިމާއި މިން ކަނޑައެޅުއްވިއެވެ. ޙަރާމާއި ހަލާލު ބުނެދެއްވާ ވިސްނޭނެ ފަދަ ގޮތަކަށް އޭގެ މިސާލު އުއްމަތަށް ބަޔާންކޮށްދެއްވިއެވެ.  ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރައްވައިފައިވެއެވެ.

 ‏النُّعْمَانَ بْنَ بَشِيرٍ ‏ ‏يَقُولُ ‏ : سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏ ))‏الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ وَبَيْنَهُمَا مُشَبَّهَاتٌ لَا يَعْلَمُهَا كَثِيرٌ مِنْ النَّاسِ فَمَنْ اتَّقَى الْمُشَبَّهَاتِ ‏ ‏اسْتَبْرَأَ ‏ ‏لِدِينِهِ وَعِرْضِهِ وَمَنْ وَقَعَ فِي ‏ ‏الشُّبُهَاتِ ‏ ‏كَرَاعٍ يَرْعَى حَوْلَ ‏ ‏الْحِمَى ‏ ‏يُوشِكُ أَنْ ‏ ‏يُوَاقِعَهُ ‏ ‏أَلَا وَإِنَّ لِكُلِّ مَلِكٍ ‏ ‏حِمًى ‏ ‏أَلَا إِنَّ ‏ ‏حِمَى ‏ ‏اللَّهِ فِي أَرْضِهِ ‏ ‏مَحَارِمُهُ ‏ ‏أَلَا وَإِنَّ فِي الْجَسَدِ ‏ ‏مُضْغَةً ‏ ‏إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ((

މާނައަކީ: ނުޢްމާން ބިން ބަޝީރު ވިދާޅުވިއެވ ރަސޫލާ (صلى الله عليه وسلم)  ޙަދީޘްކުރެއްވި އަޑު އެހީމެވެ. ޙަދީޘްކުރެއްވިއެވެ. ”ޙަލާލް ކަންތައްތަކީ ބަޔާންވެ ފާޅުވެފައިވާ ކަންތަކެކެވެ. އަދި ޙަރާމް ކަންތަކަކީ ބަޔާންވެ ފާޅުވެފައިވާ ކަންތަކެކެވެ. އަދި މި ދެމެދުގައި ވަރަށް ގިނަ މީހުންނަށް އޮޅުންއަރާފަދަ  ކަންތައްތަކެއް (ޝުބުހަތަކެއް) ވެއެވެ. އަދި ޝުބުހަތަކުން ދުރުވެގެންފި މީހަކު އޭނާގެ ދީނާއި އަބުރު ރައްކާތެރި ކޮށްފިއެވެ. އަދި ޝުބުހަތަކުގެ ތެރެއަށް ވަދެއްޖެ މީހެއްގެ މިސާލަކީ، އެހެން މީހެއްގެ މިލްކުވެރި ދަނޑެއް ކައިރީގައި، ހުއިހައްޕަން އުޅޭ މީހެއްގެ މިސާލެވެ. ފަހެ ކޮންމެ ހިނދުކޮޅެއްގެ ތެރޭގައި ވެސް އޭނާއަށް އެ ދަނޑަށް ވަދެވިދާނެއެވެ. ދަންނާށެވެ! ކޮންމެ ރަސްކަލެއްގެ ވެސް މިލްކުވެރި ދަނޑުތަކެއް ވެއެވެ. ފަހެ މި ބިންމަތީގައިވާ ﷲ ގެ ”ދަނޑުތަކަކީ”، އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތަކެވެ. ދަންނާށެވެ!  ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ ރަނގަޅު ވެއްޖެނަމަ(ޞާލިޙުވެއްޖެނަމަ) މުޅި ހަށިގަނޑު ރަނގަޅުވެއެވެ. އަދި އެ ފާސިދު ވެއްޖެނަމަ، މުޅި ހަށިގަނޑު ފާސިދުވެއެވެ. އެއީ ހިތެވެ. ” (ރިވާކުރެއްވީ: ބުޚާރީ އަދި މުސްލިމް)

 އިންސާނީ ތާރީޚު ދުށް އެންމެ ހެޔޮ މުޖުތަމަޢު ތަރުބިއްޔަތު ކުރެއްވީ އެކަލޭގެފާނުގެ ފުރިހަމަ ބެއްލެވުމާއި އިރުޝާދުގެ ދަށުންނެވެ. ޞަޙާބީބޭކަލުން އެބޭކަލުންގެ އަމިއްލަ ނަފްސުފުޅުތަކަށްވުރެ ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވެވަޑައިގެންނެވިއެވެ. އެހެނީ އެކަލޭގެފާނަކީ އެބޭކަލުންނާއި އެކު މަޖްލިސްކުރައްވާ އުޅުއްވި މުޅި އުއްމަތުގެ ވެރިއެކެވެ. އެބޭކަލުންނަށް ދިމާވާ ކޮންމެ ހިތާމައެއްގައި އެކަލޭގެފާނު ޢަމަލީ ގޮތުން ބައިވެރިވެލެއްވިއެވެ. ތަސައްލީދެއްވާ ހިތްވަރު ދެއްވިއެވެ.

މިނޫނަސް އެބޭކަލުންނަށް ފާފައެއް ކުރެއްވިއްޖެނަމަ ﷲ ގެ ހަޒްރަތުގައި އެފާފަ ފުއްސެވުމަށް އެދި ދުޢާކުރައްވައެވެ. ގޯސްކޮށް ކުރެވޭ ކަންކަން އިޞްލާޙް ކޮށްދެއްވައެވެ. ހުނައިނު ހަނގުރާމައަށް ވަޑައިގެންނެވިދުވަހު ބަރަކާތް ހޯދުމަށް ގަހެއް ކަނޑައަޅައިދެއްވުމަށް އަލަށް އިސްލާމްވި ޞަޙާބީން އެދިލެއްވި އެދިލެއްވުމަކީ ކުފުރެއްކަން ބަޔާން ކޮށްދެއްވިއެވެ. ހަނގުރާމަތަކުގައި ޝަހީދުވާ މީސްތަކުންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދެއްވިއެވެ. ބަލި މީހުންނަށް ޒިޔާރަތްކޮށް ޖަނާޒާގައި ބައިވެރިވެ މައްޔިތާއަށް ހެޔޮ ދުޢާކުރައްވައެވެ. ދުވަހަކުވެސް ޒާތީގޮތެއްގައި ނުވަތަ ބަދަލު ހިފުމުގެ ރޫޙެއްގައި ޢަމަލު ކުރައްވާފައެއް ނުވެއެވެ. މުޅި ދުނިޔެ ދުށް އެންމެ ބޮޑު މާފު މައްކާ ފަތަޙަކުރެއްވި ދުވަހު އެކަލޭގެފާނު ވަނީ މައްކާގެ މުޝްރިކުންނަށް ދެއްވާފައެވެ.

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް