އަދި ޞަޙީޙުލް ބުޚާރީގައި އިބްނު ޢުމަރު رضي الله عنه ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
(يدخلُ أهلُ الجنَّةِ الجنَّةَ وأهلُ النَّارِ النَّارَ ، ثمَّ يقومُ مُؤذِّنٌ بينهم : يا أهلَ النَّارِ لا موتَ ، ويا أهلَ الجنَّةِ لا موتَ ، خلودٌ)
މާނައީ: “ސުވަރުގެ ވަންތަވެރިން ސުވަރުގެއަށް ވަނުމަށްފަހު އަދި ނަރަކަ ވަންތަވެރިން ނަރަކަޔަށް ވަނުމަށްފަހު އެދެބައި މީހުންގެ ދެމެދުން ގޮވާލާމީހަކު ގޮވާލާނެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ. (މިއަށް ފަހުގައި) މަރުވުމެއް ނުވެއެވެ. އަދި އޭސުވަރުގޭގެ އަހުލުވެރިންނޭވެ. މަރުވުމެއް ނުވެއެވެ. (ތިޔަބައި މީހުންނަށް ވަނީ ތިތަނުގައި) ދާއިމަށް ދެމިތިބުމެވެ.”
އަދި އަބޫ ހުރައިރާ رضي الله عنه ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم
ޙަދީޘް ކުރެއްވިއެވެ.
(يقالُ: يا أَهْلَ الجنَّةِ خُلودٌ لا موتَ ، ويا أَهْلَ النَّارِ خُلودٌ لا موتَ)1
މާނައީ: ” ބުނެވޭނެއެވެ. އޭސުވަރުގޭގެ އަހުލުވެރިންނޭވެ. (ތިޔަބައިމީހުންނަށް ވަނީ) މަރުވުމެއް ނެތި ދާއިމަށް ދެމިތިބުމެވެ. އަދި ނަރަކައިގެ އަހުލުވެރިންނޭވެ. (ތިޔަބައިމީހުންނަށް ވަނީ) މަރުވުމެއް ނެތި ދާއިމަށް ދެމިތިބުމެވެ.”
ޞަޙީޙުލް ބުޚާރީގައި އިބްނު ޢުމަރު رضي الله عنه ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘުން އެނގޭ ގޮތުގައި، މިހެން އެބައިމީހުންނާއި ދިމަލަށް ބުނެވޭނީ މަރު ޛަބަޙަ ކުރެއްވުމަށް ފަހުގައެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
(إذا صار أهلُ الجنَّةِ إلى الجنَّةِ ، وأهلُ النَّارِ إلى النَّارِ ، جيء بالموتِ حتَّى يُجعَلَ بين الجنَّةِ والنَّارِ ، ثمَّ يُذبَحُ ، ثمَّ يُنادي منادٍ : يا أهلَ الجنَّةِ لا موتَ ، ويا أهلَ النَّارِ لا موتَ ، فيزدادُ أهلُ الجنَّةِ فرحًا إلى فرحِهم ، ويزدادُ أهلُ النَّارِ حزنًا إلى حزنِهم)
މާނައީ: “ސުވަރުގެ ވަންތަވެރިން ސުވަރުގެއަށް ވަނުމަށް ފަހުގައި އަދި ނަރަކަވަންތަވެރިން ނަރަކަޔަށް ވަނުމަށްފަހުގައި، ސުވަރުގެއާއި އަދި ނަރަކަޔާއި ދެމެދަށް މަރު ގެނެވުމަށް ފަހުގައި ޛަބަޙަ ކުރެވޭނެތެވެ. އެއަށްފަހުގައި ގޮވާލާ މީހަކު ގޮވާލާނެތެވެ. އޭސުވަރުގޭގެ އަހުލުވެރިންނޭވެ. (މިއަށް ފަހުގައި) މަރުވުމެއް ނުވެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ. (މިއަށް ފަހުގައި) މަރުވުމެއް ނުވެއެވެ. އެހިނދު ސުވަރުގޭގެ އަހުލުވެރިންގެ އުފަލުގެ ތެރެޔަށް އުފާ އިތުރުވެގެން ދާނެއެވެ. އަދި ނަރަކައިގެ އަހުލުވެރިންގެ ހިތާމައިގެ ތެރެއަށް ހިތާމަ އިތުރުވެގެން ދާނެއެވެ.”
އަދި ޞަޙީޙު މުސްލިމުގައި އަބޫސަޢީދު رضي الله عنه ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(يُجاءُ بالمَوتِ يومَ القيامةِ كأنَّهُ كبشٌ أملَحُ فيوقَفُ بينَ الجنَّةِ والنَّارِ فيُقالُ : يا أَهلَ الجنَّةِ ! هل تعرِفونَ هذا ؟ فيَشرَئبُّونَ وينظُرونَ ويقولونَ : نعم . هذا المَوتُ . قال ويُقالُ : يا أهلَ النَّارِ ! هل تعرِفونَ هذا ؟ قال فيَشرَئبُّونَ وينظُرونَ ويقولونَ : نعم . هذا المَوتُ . قال فيؤمَرُ بهِ فيُذبَحُ . قال ثمَّ يُقالُ : يا أهلَ الجنَّةِ ! خلودٌ فلا مَوتَ . ويا أهلَ النَّارِ ! خلودٌ فلامَوتَ . قال ثمَّ قرأ رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ : { وَأَنْذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ } [مريم 39]
މާނައީ: “ޤިޔާމަތްދުވަހުގައި ކަޅާއި އަދި ހުދު ކުލައިގެ ކަންބަޅިއެއްގެ ގޮތުގައި ސުވަރުގެއާއި އަދި ނަރަކައިގެ ދެމެދަށް މަރު ގެނެވޭނެއެވެ. އެއަށްފަހުގައި ބުނެވޭނެތެވެ. އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންނަށް މިއީ ކޯއްޗެއްކަން އެނގޭ ހެއްޔެވެ؟ އެހިނދު އެބައިމީހުން ބޯތައް ދިއްކޮށް އެއަށް ބެލުމަށްފަހު ބުނާނެތެވެ. އާނއެކެވެ. ތިޔައީ މަރެވެ. އަދި ބުނެވޭނެއެވެ. އޭ ނަރަކައިގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންނަށް މިއީ ކޯއްޗެއްކަން އެނގޭ ހެއްޔެވެ؟ އެހިނދު އެބައިމީހުން ބޯތަށް ދިއްކޮށް އެއަށް ބެލުމަށްފަހު ބުނާނެތެވެ. އާނއެކެވެ. ތިޔައީ މަރެވެ. ދެން މަރު ޛަބަޙަ ކުރެއްވުމަށް އަމުރުކުރެވުމުން މަރު ޛަބަޙަ ކުރެވޭނެތެވެ. އެއަށްފަހުގައި ބުނެވޭނެތެވެ. އޭސުވަރުގޭގެ އަހުލުވެރިންނޭވެ. (ތިޔަބައިމީހުންނަށް ވަނީ) މަރުވުމެއް ނެތިވެ ދާއިމަށް ދެމިތިބުމެވެ. އަދި އޭ ނަރަކައިގެ އަހުލުވެރިންނޭވެ. (ތިޔަބައިމީހުންނަށް ވަނީ) މަރުވުމެއް ނެތިވެ ދާއިމަށް ދެމިތިބުމެވެ. އެއަށް ފަހުގައި ރަސޫލު ﷲ صلى الله عليه وسلم (މަރްޔަމް ސޫރަތުގެ 39 އާޔަތް) ކިޔަވައި ވިދާޅުވިއެވެ. ” ހުރިހާކަމެއް ނިޔާކުރައްވާހިނދު (އެއުރެންނަށް އޮތް) ހިތާމައިގެ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް އިންޛާރު ކުރައްވާށެވެ! (އެދުވަހާމެދު) އެއުރެންވަނީ ޣާފިލް ކަމެއްގެ ތެރޭގައެވެ. އަދި އެއުރެން އީމާނެއް ނުމެވޭމެއެވެ.”
އަދި އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(إذا كانَ يومُ القيامةِ أُتيَ بالموتِ كالكَبشِ الأملَحِ فيوقَفُ بينَ الجنَّةِ والنَّارِ فيُذبَحُ وَهُم ينظرونَ ، فلَو أنَّ أحدًا ماتَ فرَحًا لماتَ أَهْلُ الجنَّةِ ، ولَو أنَّ أحدًا ماتَ حُزنًا لماتَ أهلُ النَّارِ)2
މާނައީ: ” ޤިޔާމަތްދުވަހުގައި ކަޅާއި އަދި ހުދު ކުލައިގެ ބަކައްޓެއްގެ ގޮތުގައި ސުވަރުގެއާއި އަދި ނަރަކައިގެ ދެމެދަށް މަރު ގެނެވޭނެއެވެ. އަދި އެބައިމީހުން ބަލަހައްޓައިގެން ތިބޭ އިރު މަރު ޛަބަޙަ ކުރެވޭނެތެވެ. އެހިނދު އެއްވެސް މީހަކު އުފަލުން މަރުވާ ކަމުގައި ވާނަމަ ސުވަރުގޭގެ އަހުލުވެރިން މަރުވާނެތެވެ. އަދި އެއްވެސް މީހަކު ދެރަވެގެން މަރުވާ ކަމުގައިވާނަމަ ނަރަކައިގެ އަހުލުވެރިން މަރުވާނެތެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ