ބިދުޢީ ޒިޔާރަތެކޭ ބުނެވެނީ ޝަރުޢުގައި ކަނޑައެޅިފައިވާގޮތާ ޚިލާފަށް ޤަބުރަށް ޒިޔާރަތްކުރުމުންނެވެ. މައްޔިތާގެ ގާތަށްގޮސް އޭނާގެ ކިބައިން ކަންކަމަށް އެދި ދުޢާކޮށް އެދި ދެންނެވުން ފަދަ ކަންތައްކޮށް ހެދުމުން މައްޔިތާއަކަށްވާ ފައިދާ އެއްނެތެވެ. އަދި އެކަމުން އެފަދައިން ޒިޔާރަތްކުރި މީހާއަށްވަނީ ގެއްލުމެވެ. އެއީ އޭނާ ހުއްދަވެގެން ނުވާ ކަމެއް ކުރުމުންނެވެ. އަދި އެކަމަކީ ޝިރުކެކެވެ. އަދި އެކަމުން މައްޔިތާއަކަށް ފައިދާއެއް ނުކުރެއެވެ. އެހެނީ އޭނާއަކަށް ދުޢާކުރުމެއް ނުވެއެވެ. އަދިކިއެއްތަ އޭނާއަށް އެދުޢާކުރެވުނީ ﷲ ފިޔަވައި އެހެން ފަރާތަކަށެވެ.
ޝައިޚް ޢަބްދުލް ޢަޒީޒް ބުން ބާޒް ރަޙިމަހުﷲ އެކަލޭގެފާނު ލިޔުއްވި منسكه ލިޔުއްވާފައިވެއެވެ.
“ޤަބުރަށް ގޮސް އެޤަބުރަށް ދުޢާކުރުމާއި އެތަނުގައި އިޢުތިކާފު ކުރުމާއި އަދި މައްޔިތާގެ ކިބައިން ކަންކަން ފުއްދައިދިނުން އެދުމާއި ބަލިތަކުން ޝިފާދެއްވަން އެދުމާއި ﷲތަޢާލާއަށް އެބަމީހުން ނުވަތަ އެބައިމީހުންގެ ޖާހުމެދުވެރިކޮށް ދެންނެވުމަކީ ﷲތަޢާލާ ޝަރުޢުކުރައްވާފައިވާ ކަމެއް ނޫނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ސާބިތުވާ ކަމެއްވެސް ނޫނެވެ. އަދި ސަލަފުއް ޞާލިޙުން ކުރެއްވި ކަމެއްނޫނެވެ. އަދި ކިއެއްތަ އެކަމަކީ ނަހީކުރައްވާފައިވާ ނުބައި ބަސްތަކުގެ ތެރެއިން ބަސްތަކެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.”
((زُوْرُوا القُبُوْرَ ولاتَقُولُو هُجْرا))
މާނައީ: “ތިޔަބައިމީހުން ޤަބުރަށް ޒިޔާރަތްކުރާށެވެ. އަދި އެތަނުގައި ހުތުރު ބަސްތައް ނުކިޔާށެވެ.”
އިސްވެ މިބަޔާންކުރެވުނީ ބިދުޢަވެރި ޒިޔާރަތުގެ ސިފަތަކެވެ. މިއިން އެއްކަން އަނެއްކަމާ ދަރަޖައިގައި ތަފާތެވެ. ބައެއްކަންކަން ބިދުޢައަށްވެފައި ޝިރުކަށް ނުވެއެވެ. މިސާލަކަށް ޤަބުރެއްގެ ގާތުގައި ﷲއަށް ދުޢާކުރުމެވެ. ނުވަތަ މައްޔިތާ ޙައްޤު ނުވަތަ ޖާހުމެދުވެރިކޮށް ﷲތަޢާލާއަށް ދުޢާދެންނެވުމެވެ. އަނެއްބައި ކަންކަމަކީ ބޮޑު ޝިރުކުގެ ތެރެއަށް ވަދެގެން ދާނެ ކަންކަމެވެ. އެއީ މައްޔިތާއަށް ދުޢާކޮށް އޭނާގެ ކިބައިން ވާގި އެދުންފަދަ ކަންކަމެވެ.
މިއީ މިފޮތުގައި ބަޔާންކޮށްލަން ޤަސްދުކުރި މިންވަރެވެ. ދުޢާއަކީ ﷲ ތަޢާލާ މަދީނާގެ އަހުލުވެރިންނަށާއި އެތަނަށް ޒިޔާރަތްކުރާ މީސްތަކުންނަށް ދުނިޔެއާއި އާޚިރަތުގައި ތައުފީޤު ދެއްވުމެވެ. އަދި މި މާތްބިމުގައި ރިވެތިކޮށް އުޅެ ރިވެތިކޮށް ނިމިދާ މީހުންގެ ތެރެއިން އަޅަމެން ލެއްވުމެވެ.
وصلي الله وسلم وبارك علي عبده ورسوله نبينا محمد وعلي آله وأصحابه أجمعين.
ނިމުނީ
الحمد لله الذي وفقني لترجمة هذا الكتاب وبتوفيقه تتم الصالحات