[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 59 “ރިބާ ޢާންމުވުން.”

 

16. ރިބާ ޢާންމުވުން.

މީގެ ތެރޭގައި ރިބާ ފާޅުވުމާއި މީސްތަކުންގެ ތެރޭގައި އެކަން ޢާންމުވުން ހިމެނެއެވެ. އަދި ޙަރާމްތަކެތި ކެއުމުގައި އެޔެއްމިޔެއް ބަލައި ނުލައެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިބްނު މަސްޢޫދު رضي الله عنه ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ((بَيْنَ يَدَيِ السَّاعَة يَظْهَرُ الرِّبَا))[1] “ޤިޔާމަތާ ދެމެދުގައި ރިބާ ފާޅުވާނެއެވެ.”

އަދި ދެޞަޙީޙުގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لاَ يُبَالِى الْمَرْءُ بِمَا أَخَذَ الْمَالَ، أَمِنْ حَلاَلٍ أَمْ مِنْ حَرَامٍ))[2] މާނައީ: “މުދާ ހޯދީ ޙަލާލު ގޮތުގައިތޯ ނުވަތަ ޙަރާމާ ގޮތުގައިތޯ ބަލައި ނުލާ ޒަމާނެއް މީސްތަކުންނާ ބައްދަލު ކުރާނެކަން ކަށަވަރެވެ.”

މިޒަމާނުގެ އެތައް މުސްލިމުންނެއްގެ ޢަމަލުތަކާ މިޙަދީޘް އިއްތިފާޤު ވެއެވެ. ފަހެ މީސްތަކުން އެބައިމީހުންގެ މުދަލަކީ ޙަލާލު އެއްޗެއްތޯވެސް ބަލައިނުލައިތަން ފެނިގެން ދެއެވެ. އަދި ކިއެއް ހެއްޔެވެ! ޙަލާލު އަދި ޙާރާމް ގޮތްގޮތުންވެސް މުދާ އެއްކުރެތެވެ. އަދި އޭގެތެރެއިން އެންމެ ގިނައީ މީސްތަކުންނާ ކުރެވޭ ވިޔަފާރީގައި ރިބާ އެކުލެވޭ ތަކެއްޗެވެ. ދެންފަހެ ހަމަކަށަވަރުން ރިބާގެ މުޢާމަލާތްކުރާ ބޭންކުތައް ގިނަވެއްޖެއެވެ. އަދި މީސްތަކުންކުރެ އެތައް ބަޔަކު ބޮޑުވެގެންވީ މިބަލާވެރި ކަމުގައި ޖެހިއްޖެއެވެ.

އަލްއިމާމު ބުޚާރީ -رحمه الله- ގެ ފިޤުހުވެރިކަމުން އަބޫ ހުރައިރާގެ އިސްވެދިޔަ ޙަދީޘް ރިވާކުރައްވާފައި ވަނީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅު ނަންގެނެފައިވާ ބާބުގައެވެ: ﴿أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ الرِّبَا أَضْعَافًا مُّضَاعَفَةً [آل عمران: 130] އެއީ ގުނަ ގުނައަށް ރިބާ ކެމުއަމީ މުދާ އެއްކުރުމުގައި އެއްޔެއްމިޔެއް ބަލައި ނުލައި ރިބާ ކެއުން ފުޅާވުމުން ވާ ކަމެއް ކަން ބަޔާން ކޮށްދިނުމަށެވެ. އަދި އެކަމުގައި ޙަލާލެއް ޙަރާމެއް ވަކިކުރަން ނޭނގުމެވެ.

=ނުނިމޭ=

__________________________________________

[1]   رواه الطبراني كما في ((الترغيب والترهيب)) للمنذري (3 / 9)، وقال: ((رواته رواة الصحيح)).

[2]  ((صحيح البخاري))، كتاب البيوع، باب قول الله عز وجل: ﴿أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ الرِّبَا أَضْعَافًا مُّضَاعَفَةً﴾  (4 / 313 – مع الفتح)، و ((سنن النسائي)) (7 / 243)، في كتاب البيوع، باب اجتناب الشبهات في الكسب.