އާދަމު ޢަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވުމަށްފަހު ޤިޔާމަތާއި ހަމައަށް ދާނދެން ކޮންމެ މީހަކީވެސް ކޮންމެވެސް މުސީބާތެއްކުރިމަތިވާނެ މީހެކެވެ. ކޮންމެވެސް އުނދަގުލެއް ނުވަތަ އިމްތިޙާނެެއް ކުރިމަތިވާނެ މީހެކެވެ. ﷲ ތަޢާލާ އިމްތިޙާން ނުކުރައްްވާ އެއްވެސް މީހަކު ނުވެއެވެ. ﷲ ތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ:
أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ سورة العنكبوت
މާނައީ: “މީސްތަކުން ތިމަންމެން އީމާންވެއްޖައީމޭ ބުނުމުން އެއުރެން އިމްތިޙާން ނުކޮށް ދޫކޮށްލެވޭނެކަމުގައި އެމީހުން ހީކުރަނީހެއްޔެވެ.”
ﷲ ތަޢާލާ އިމްތިޙާން ކުރެއްވުމުގެ މަޤުސަދަަކީ އެބައިމީހުންނަކީ ތެދުވެރިން ކަމުގައި ބެއްލެވުމެވެ. އެއިލާހަށް އީމާންވަމޭ ދުލުކޮޅުން ބުނާ މީހުން އިމްތިޙާނުގެ ޒަރީއާއިން ބޭޒާރުވެދެއެވެ. ދުނިޔޭގައި އިމްތިޙާންތައް އެންމެ ބޮޑަށް ކުރިމަތިވި ބަޔަކީ ﷲ ތަޢާލާ ފޮނުއްވެވި ރަސޫލުންނާއި ނަބިއްޔުންނެވެ. އެންމެ ބޮޑެތި އިމްތިޙާނުކުރިމަތިވާ މީހުންނާ ބެހޭގޮތުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ސުވާލުދެންނެވުމުން ޙަދީޘްކުރައްވާފައިވަނީ:
«الأَنْبِيَاءُ، ثُمَّ الأَمْثَلُ فَالأَمْثَلُ» (1)
މާނައީ: ނަބީބޭކަލުންނެވެ. ދެން އެއަށްފަހު އެންމެ ރަނގަޅު މީސްތަކުންނެވެ. އެއަށްފަހު އެންމެ ރަނގަޅު މީހުންނެވެ.
ރަސޫލުންގެ ތެރެއިން ﷲ ތަޢާލާ ޚަލީލެއްގެ ގޮތުގައި ނެންގެވި އިބްރާޙީމް ޢަލައިހިއްސަލާމަށް އެއިލާހު އެތައް އިމްތިޙާންތަކެއް ކުރިމަތިކުރެއްވެވިއެވެ. މިގޮތުން އެކަލޭގެފާނު ﷲ ތަޢާލާ އެއްކައުވަންތަކަމަށް ގޮވާލިއިރު އެކަލޭގެފާނުގެ ބައްޕާފުޅަކީ ބުދުހަދާ ވިއްކަން އުޅުން މީހެކެވެ. އަދި އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނު އަލިފާންގަނޑަކަށް އެއްލާލިއެވެ. މިހުރިހާ އިމްތިޙާންތަކަށްވެސް އެކަލޭގެފާނު އެންމެ ފުރިހަމައަށް ކެތްތެރިވެވަޑައިގެންނެވިއެވެ. ކޮންފަދަ ނަމޫނާއެއްތޯއެވެ.
އަދި ހަމައެހެންމެ އެކަލޭގެފާނު އުމުރުން އެންމެ ދޮށި ހިސާބަށް ދިޔައިރު އެކަލޭގެފާނަށް ލިބުނު ދަރިކަލުން އިސްމާޢީލް ޢަަލައިހިއްސަލާމް ޛަބަޙު ކުރެއްވުމަށް ﷲ އިރާދަކުރެއްވިއެވެ. އެކަލޭގެފާނު މިކަމަށްވެސް ކެތްތެރިވެވަޑައިގެން ﷲ ތަޢާލާގެ އަމުރުފުޅަށް އިޖާބަދޭން އަވަސްވެޑައިގަތެވެ. އަދި އެކަލޭގެފާނުގެ ދަރިކަލުން ވިދާޅުވިއެވެ.
قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ ﴿١٠٢﴾ سورة الصافات
މާނައީ: ” އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިން ކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. “
ﷲ ތަޢާލާ އެހިނދު ހަތްއުޑުމަތީން ނިދާ އިއްވެވިއެވެ.
قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٠٥﴾ سورة الصافات
މާނައީ:” ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙްސާންތެރިންނަށް ހަމަކަށަވަރުން ތިމަން އިލާހު ޖަޒާ ދެއްވަނީ އެފަދައިންނެވެ.”
މިއީ އަޅުގަނޑުމެނަށް ޙައްްޤުގޮތް ބަޔާންކޮށްދެއްވުމަށް ﷲ ތަޢާލާ ފޮނުއްވެވި ރަސޫލުބޭކަލުންނެވެ. އެބޭކަލުންނަކީ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެނަށް ވާ ނަމޫނާއެެވެ. ދުޢާއަކީ އަޅުގަނޑުމެންނަކީ ކެތްތެރިންކަމުގައި ލައްވާ ﷲ ތަޢާލާގެ ރަސޫލުންގެ ސީރަތުން އިބްރަތް ލިބި ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއް ކަމުގައި ލެއްވުމެވެ.
_________________________
(1) رواه الترمذي: 3298 وأحمد: 1/172