- ޤިޔާމަތް ދުވަސް ދޮގުކޮށް ކޮންމެ މުކައްލަފެއްގެ މައްޗަށް ވާޖިބުވެގެންވާ ކަންތައްތައް ދޫކޮށްލުން.
ޤިޔާމަތް ދުވަހު ސުވަރުގެ ވަންތަވެރިން ނަރަކަ ވަންތަވެރިން ކިބައިން ސުވާލު ކުރާނެ ކަމަށް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ.
(مَا سَلَكَكُمْ فِي سَقَرَ) [سورة المدثر 42]
މާނައީ: “ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟”
އެމީހުން ޖަވާބުގައި ބުނާނެތެވެ.
(قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ﴿٤٣﴾ وَلَمْ نَكُ نُطْعِمُ الْمِسْكِينَ ﴿٤٤﴾ وَكُنَّا نَخُوضُ مَعَ الْخَائِضِينَ ﴿٤٥﴾ وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ ﴿٤٦﴾ حَتَّىٰ أَتَانَا الْيَقِينُ ﴿٤٧﴾) [سورة المدثر]
މާނައީ: “އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.[43] އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ. [44] އަދި ބާޠިލް ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާޠިލް ވާހަކަ ދައްކައި އުޅުނީމުއެވެ. [45] އަދި ތިމަންމެން ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމުއެވެ. [46]ޔަޤީންކަން (އެބަހީ: މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެނެވެ. [47]
- ﷲގެ ދީނަށް ހުރަސްއަޅައި އަދި ރަސޫލުންނަށް ތަބާނުވެ، މަގުފުރެދިފައިވާ ބޮޑުންގެ ބަހަށާއި އަދި ކާފަރުންގެ ޒަޢީމުންގެ ބަހަށް ތަބާވުން.
(وَقَيَّضْنَا لَهُمْ قُرَنَاءَ فَزَيَّنُوا لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ ۖ إِنَّهُمْ كَانُوا خَاسِرِينَ ﴿٢٥﴾ وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَـٰذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ ﴿٢٦﴾ فَلَنُذِيقَنَّ الَّذِينَ كَفَرُوا عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ الَّذِي كَانُوا يَعْمَلُونَ ﴿٢٧﴾ ذَٰلِكَ جَزَاءُ أَعْدَاءِ اللَّـهِ النَّارُ ۖ لَهُمْ فِيهَا دَارُ الْخُلْدِ ۖ جَزَاءً بِمَا كَانُوا بِآيَاتِنَا يَجْحَدُونَ ﴿٢٨﴾) [سورة فصلت]
މާނައީ: “އަދި ތިމަންރަސްކަލާނގެ އެއުރެންނަށް އެކުވެރިންތަކެއް ލެއްވީމެވެ. ފަހެ، އެ އެކުވެރިން އެއުރެންނަށް، އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް ޒީނަތްތެރިކޮށްދިނެވެ. އަދި އެއުރެންގެކުރިން އިސްވެ ގޮސްފައިވާ (ފުރެދުނު) ޖިންނީންނާއި، އިންސީންގެ އުތްމަތް ތަކުގެ ތެރޭގައި އެއުރެންގެ މައްޗަށް ޢަޛާބުގެ ބަސްފުޅު ޙައްޤުވެއްޖެއެވެ. ހަމަކަށަވަރުން، އެއުރެންވީ ގެއްލެނިވިގެންވާ މީހުން ކަމުގައެވެ. [25] ކާފިރު ވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މިޤުރުއާން އަޑުނާހާށެވެ! (އަދި ޤުރުއާން ކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަކުރާށެވެ! އެއީ ތިޔަބައިމީހުންނަށް ގަދަވެގަނެވޭތޯއެވެ! [26] ފަހެ، ހަމަކަށަވަރުން، ކާފަރު ވިމީހުންނަށް ތިމަންރަސްކަލާނގެ ގަދަވެގެންވާ ޢަޛާބުގެ ރަހަ ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ކޮށްއުޅުނު ނުބައި ޢަމަލުތަކަށް ޖަޒާ ދެއްވާހުށީމެވެ. [27] އެއީ ﷲ ގެ ޢަދާވައްތެރިންގެ ޖަޒާއެވެ. (އެއީ) ނަރަކަޔެވެ. އެތާނގައި އެއުރެންނަށް ދެމިތިބެނިވި ގޮވައްޗެއްވެއެވެ. ތިމަންރަސްކަލާނގެ އާޔަތް ތަކަށް އެއުރެން ދެކޮޅުހަދައި އުޅުނުކަމުގެ ޖަޒާއެއްގެގޮތުގައެވެ. [28]”
އަދި ކާފަރުން ނަރަކަޔަށް އެއްލާލެވޭ ހިނދު އެބައިމީހުން ﷲ އަށާއި އެކަލާނގެ ރަސޫލުންނަށް ތަބާނުވެ ކާފަރުންގެ ބޮޑެތިމީހުންނަށް ތަބާވެވުނުކަމަށް އެބައިމީހުން ދެރަވެ ހިތާމަ ކުރާނެތެވެ.
ﷲ ވަޙީކުރެއްވިއެވެ.
(إِنَّ اللَّـهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴿٦٤﴾ خَالِدِينَ فِيهَا أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴿٦٥﴾ يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّـهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾ وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾) [سورة الأحزاب]
މާނައީ: “ހަމަކަށަވަރުން ﷲ ކާފަރުންނަށް ލަޢުނަތްލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ.[64] އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ ނަޞްރުދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ.[65] އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން ﷲ އަށް ކިޔަމަންވެ، އަދި (އެކަލާނގެ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ![66] އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ.[67]”
- މުނާފިޤުވުން
ﷲ ތަޢާލާވަނީ މުނާފިގުން ނަރަކަޔަށް ވައްދާނެކަމަށް ވަޢުދުވެވޮޑިގެންފައެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ.
(وَعَدَ اللَّـهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا ۚ هِيَ حَسْبُهُمْ ۚ وَلَعَنَهُمُ اللَّـهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴿٦٨﴾) [سورة التوبة]
މާނައީ: “މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުންނާއި، ކާފަރުންނަށް ﷲ ވަޢުދު ކުރައްވާފައިވަނީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. އެ ނަރަކަ އެއުރެންނަށް ފުދިގެންވެއެވެ. އަދި ﷲ އެއުރެންނަށް ލަޢުނަތް ލެއްވިއެވެ. އަދި ދެމިހުންނަނިވި ޢަޛާބު އެއުރެންނަށް ހުށްޓެވެ.”
އަދި އެކަލާނގެ ވަނީ ނަރަކައިގައި މުނާފިޤުން ތިބެވެނި ތަނަކީ ނަރަކައިގެ އެންމެ ދަށުވަތްގަނޑުކަން ބަޔާންކުރައްވާފައެވެ. އެތަނަކީ ނަރަކައިގެ އެންމެ ހޫނު ގަދަ ތަނެއެވެ. އަދި އެންމެ ވޭންދެނެވި ޢަޛާބު ލިބެނިވިތަނެވެ.
(إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا ﴿١٤٥﴾) [سورة النساء]
މާނައީ: “ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރު ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ