އެކަލޭގެފާނުގެ ޙަޔާތްޕުޅުން ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ އެކަލޭގެފާނުގެ މާތް އަޚްލާގުފުޅެވެ. ރިވެތި ނަމޫނާއެވެ. އެގޮތުން މަގުތަކުގެ ހައްޤު މަގުތަކަށް ދިނުމަށާއި އެމަގުގައިވާ މީސްތަކުންނަށްވާ އުނދަގޫތައް އެއްފަރާތް ކުރުމަށް އިރުޝާދު ދެއްވެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(الإِيمَانُ بِضْعٌ وَسَبْعُونَ أَوْ ، بِضْعٌ وَسِتُّونَ شُعْبَةً ، فَأَفْضَلُهَا قَوْلُ : لَا إِلَهَ إِلَّا اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ)
މާނައަކީ: “އީމާން ކަން ހަތްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިގެން ވެއެވެ. އޭގެ ތެރެއިން އެންމެ މަތީ ބަޔަކީ “ﷲ މެނުވީ ޙައްގުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާ ކަމަށް” ބުނުމެވެ. އަދި އެންމެ ދަށު ދަރަޖަ އަކީ މަގުމަތީގައި މީސްތަކުންނަށް އުނދަގޫވާ ގޮތަށް ހުންނަ ތަކެތި އެއްފަރާތްކުރުމެވެ.” (صحيح مسلم » كِتَاب الإِيمَانِ » بَاب بَيَانِ عَدَدِ شُعَبِ الإِيمَانِ وَأَفْضَلِهَا….)
އަދިވެސް މަގުތަކުގައި ބޭކާރުގޮތުގައި އިށީނދެތިބެ މަޖްލިސްކުރުމާއި މީސްތަކުން ހިޔާވަހިކަން ހޯދާ ހިޔާތަކަށާއި މަގުތަކަށް ގަޟާޙާޖާކުރުން ވެސް މަނާ ކުރެއްވިއެވެ. މަގުތައްމަތީ ހިންގާ މުންކަރާތްތައް މަނާކޮށް ހެޔޮކަންކަމަށް އަމުރު ކުރެއްވުމުގެ މުހިއްމުކަން ބުނެދެއްވިއެވެ. އަދި މަގުތައްމަތިން ހިނގާފަދާއިރު ބެލުންތައް ތިރިކުރުމަށާއި ހަރާމް އަޑުތަކާއި ޒުވާބުތަކާއި އަރާރުންވުންތަކާއި ދީނައް މަލާމަތްކުރާ މަޖިލިސްތަކުން އެއްކިބާވެ ދުރުވެތިބުމަށް އަމުރުކުރެއްވިއެވެ.
މިނޫނަސް އެއްދުވަހެއްގައި އެކަލޭގެފާނަށް ޢާއްމުގޮތެއްގައި ޚިދުމަތްކޮށް އުޅުނު ޔަހޫދީ ޣުލާމެއްގެ ޚަބަރު ނުވުމުން އޭނައަށް ޒިޔާރަތްކުރައްވާ ޙާލުވެސް ބެއްލެވެވިއެވެ. ބަނޑުހައިހޫނު ކަންމަތީ ހުންނަވައި އަވަށްޓެރިންނާއި މެހެމާނުންނަށް އިސްކަންދެއްވަވައެވެ. މުސްކުޅީވެ ދުވަސްވެފައިވާ މީހުންނަށް އެބައިމީހުންގެ މަސައްކަތްތައް އެކަލޭގެފާނުގެ އަމިއްލަ އަތްޕުޅުން ކޮށްދެއްވާއުޅުއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލައްވާ ހޭހަން ކުރެއްވެވިއެވެ. އަލަށް އިސްލާމްވާ މީހާއަށް ދީނީ އަދި މާއްދީ ގޮތުން އެހީފޯރުކޮށްދެއްވަވައެވެ.
އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ޞަޙާބީންނާއިއެކު ސަމާސާކުރައްވާ ހިނިވަރުނަ ކުރައްވަވާ އުޅުއްވެވިއެވެ. އެބޭކަލުން ކުޅުއްވާ ބައެއް ކުޅިވަރިތައް ބައްލަވާ އުޅުއްވާ ހެޔޮ ޞިއްޙަތާއި ދުޅަހެޔޮކަމުގެ މައްޗަށް ބާރު އަޅުއްވަވައެވެ. ނިޔަފަތިކެނޑުއްވުމާއި ދަތް އުނގުޅުއްވުމާއި ފުނާއެޅުއްވުމާއި މިނޫނަސް ސާފުތާހިރުވުމުގެ މައްޗަށް ނުހަނު ބޮޑަށް އަމުރު ކުރައްވައެވެ. ޢަމަލީގޮތުން ބަކަރި ހުއިހެއްޕެވި އެމާތް ނަބިއްޔާ ވިޔަފާރީގެ ތެރެއިން ހުއްދަކުރެވިގެންވާ ކަންކަމާއި މަނާކުރެވިގެންވާ ކަންކަން އުއްމަތަށް ދަސްކޮށްދެއްވެވިއެވެ. ރިބާގެ މުޢާމަލާތްތައް ނުހަނު ތަފްޞީލުކޮށް ބަޔާންކޮށްދެއްވިއެވެ. އޭގެ ނުބައިކަމުން އުއްމަތަށް އިންޒާރުދެއްވެވިއެވެ. ކާއިނާތުގެ ވެރި ރައްބުގެ ހުދޫދުތައް މުޢާމަލާތުގެ ހުރިހާ ކަމެއްގައިވެސް ހިފެހެއްޓުމަށް އިރުޝާދުދެއްވެވިއެވެ
=ނުނިމޭ=