ކުރީގަ ހާމަކުރެވިދިޔަ ގޮތަށް ވިދާޅުވާ ޢިލްމުވެރިން މި (ތަޢާރުޟުވާ) ބަހަށް ޖަވާބުދެއްވަނީ މިފަދައިންނެވެ. ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ މި އާޔަތުގައި ﷲ ތަޢާލާ މުޚާޠަބު ކުރައްވާފަ އެވަނީ އެބައިމީހުންކުރެ ފަހުންވެސް އީމާން ނުވާނެކަން ﷲ ދެނެވޮޑިގެންވާ މުޝްރިކުންނަށެވެ. އެހެންކަމުން މި މުޚާޠަބުކުރުން އެއީ ޢާއްމު މުޚާޠަބު ކުރުމެއްކަމުގައި ނުވެއެވެ. މިއީ މި ބުނުން ކޮންމެވެސް ވަރަކަށް ޟަޢީފުކުރާ ސަބަބެކެވެ.
މި (ތަކުރާރާމެދު) ޢިލްމުވެރިންގެ 2 ބަސްފުޅެއް އެވަނީ އިސްވެ ގޮސްފައެވެ. އެއީ:
ފުރަތަމައީ: ތަކުރާރުވެގެން އައިސްފައި އެވަނީ ތައުކީދެއްގެ ގޮތުގައެވެ.
ދެވަނައީ: ތަކުރާރުވެގެން އައިސްފައި އެވަނީ މުސްތަޤްބަލަށް ނިސްބަތްކޮށެވެ.
މިކަމުގައިވާ ޢިލްމުވެރިންގެ ތިންވަނަ ބަސްފުޅަކީ: ﴿لَا أَعْبُدُ مَا تَعْبُدُونَ﴾ އެބަހީ: “ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ ބުދުތަކަށް ތިމަންކަލޭގެފާނު އަޅުކަން ނުކުރައްވަމެވެ.” ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ އެބަހީ: “ތިޔަބައިމީހުން ﷲ އަށް އަޅުކަމެއް ނުކުރެއެވެ.” ﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ އެބަހީ: އަޅުކަމުގައެވެ. މާނައަކީ ތިމަންކަލޭގެފާނުގެ އަޅުކަންތައް ތިޔަބައިމީހުންގެ އަޅުކަންތަކާ އެއްފަދަވެގެން ނުވެއެވެ. އަދި ތިޔަބައިމީހުންގެ އަޅުކަންތައް ތިމަންކަލޭގެފާނުގެ އަޅުކަންތަކާ އެއްފަދަވެގެން ނުވެއެވެ. މިގޮތުން ކުރާ ކަންތައްތައް (ޢަމަލުތައް) ނަފީވެގެން ދެއެވެ. ނަމަވެސް ކަން ރައްދުވާ ފަރާތް ނަފީ ނުވެއެވެ. މާނައަކީ އަޅުކަންވެވޭ ފަރާތް ނަފީވެގެން ނުދެއެވެ. ނަމަވެސް ނަފީވެގެންދަނީ އަޅުކަމެވެ. މާނައަކީ ތިޔަބައިމީހުން އަޅުކަންކުރާ ފަދައިން ތިމަންކަލޭގެފާނު އަޅުކަން ނުކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު އަޅުކަންކުރާ ފަދައަކުން ތިޔަބައިމީހުންވެސް އަޅުކަމެއް ނުކުރެއެވެ. އެހެނީ ތިމަންކަލޭގެފާނުގެ އަޅުކަންތައްވަނީ ﷲ އަށް ޚާލިޞްވެގެނެވެ. އަދި ތިޔަބައިމީހުންގެ އަޅުކަންތައްވަނީ ޝިރުކުގެ އަޅުކަންތައްކަމުގައެވެ.
ހަތަރުވަނަ ބަސްފުޅަކީ: މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވެސް އިޚްތިޔާރުކުރައްވާފައިވާ ބަސްފުޅެވެ.(4) ﴿لَا أَعْبُدُ مَا تَعْبُدُونَ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ މިއީ ޢަމަލެވެ. މި ޖުމްލާއިގައި މިބަސްފުޅު ޢިލްމުވެރިންގެ ފުރަތަމަ ބަސްފުޅާ އެއްގޮތެވެ. ﴿وَلَا أَنَا عَابِدٌ مَّا عَبَدتُّمْ﴾ ﴿وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ﴾ އެބަހީ: ޤަބޫލުވުމުގައެވެ. މާނައީ ތިމަންކަލޭގެފާނުގެ އަޅުކަންފިޔަވާ އެހެން އަޅުކަމެއް ޤަބޫލު ނުކުރައްވާނަމެވެ. އަދި ތިޔަބައިމީހުންގެ އަޅުކަންތައް ތިމަންކަލޭގެފާނު ޤަބޫލުނުކުރައްވާނަމެވެ. ހަމަ އެގޮތަށް ތިޔަބައިމީހުންވެސް ތިމަންކަލޭގެފާނުގެ އަޅުކަންތައް ޤަބޫލު ނުކުރެއެވެ. އެހެންކަމުން ފުރަތަމަ ޖުމްލަ އެ ރުޖޫޢަވަނީ ޢަމަލަށެވެ. އަދި ދެވަނަ ޖުމްލަ ރުޖޫޢަވަނީ ޤަބޫލުކުރެއްވުމާއި ރުހިލެއްވުމަށެވެ. މަނާއަކީ ތިޔަބއިމީހުންގެ ތިޔަ އަޅުކަންކުރާ ތަކެއްޗަށް ތިމަންކަލެގެފާނު އަޅުކަން ނުކުރައްވާނަމެވެ. އަދި އެކަމަށް ނުވެސް ރުހޭނަމެވެ. ތިޔަބައިމީހުންވެސް ހަމަ އެފަދައެވެ. ﷲ އަށް ތިޔަބައިމީހުން އަޅުކަން ނުކުރެއެވެ. އަދި އެއިލާހަށް އަޅުކަން ކުރުމަށްވެސް ތިޔަބައިމީހުން ނުރުހެއެވެ.
ޢިލްމުވެރިންގެ މި ބަސްފުޅާމެދު ވިސްނާލައިފިނަމަ، ކުރިން އިސްވެދިޔަ ބަސްފުޅުތަކަށް ރައްދު ދެވުނު ފަދަ އެއްވެސް ގޮތަކަށް މިބަސްފުޅަށް ރައްދު ދެވެން ނެތްކަން ހާމަވެއެވެ. އެހެންކަމުން މި ބަސްފުޅަކީ މިކަމުގައި ރަނގަޅު ހެޔޮ ބަސްފުޅެއްކަމުގައި ވެއެވެ.
=ނުނިމޭ=
________________________________________________________
- مجموع فتاوى شيخ الإسلام: جمع الشيخ عبدالرحمن بن قاسم (16/534).
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الكافرون ގެ ތަފްސީރުގެ ތަރުޖަމާއެވެ.