ޤުރުއާނުގައި ތަކުރާރުވެގެން އައިސްފައިވާ ތަކުރާރުވުންތަކަކީ، އޭގައި ފައިދާއެއް ނެތި އައިސްފައިވާ ތަކުރާރުވުންތަކެއްކަމުގައި އަހަރެމެން ނުދެކެމެވެ. ޤުރުއާނުގައި ތަކުރާރުވެގެން އައިސްފައިވާ އެއްވެސް ތަކުރާރެއް، އޭގައި ފައިދާއެއް އެކުލެވިގެންވާ ގޮތެއްގައި މެނުވީ އައިސްފައި ނުވެއެވެ. އެހެނީ ޤުރުއާނުގައި އެއްވެސް ފައިދާއެއްނެތި ތަކުރާރުވެގެން އައިސްފައިވާ ތަންތަން ވާކަމުގައި އަހަރެމެން ބުނެއްޖެނަމަ، މާނައަކީ ޤުރުއާނުގައި ބޭކާރު ވާހަކަތައް އެބަހުއްޓެވެ. ނަމަވެސް ޤުރުއާން ވަނީ އެކަމުން (ބޭކާރު ވާހަކަތަކުން) އެއްކިބާވެ ޠާހިރުވެގެންނެވެ. މިގޮތުން ސޫރަތުއްރަޙްމާންގައި ތަކުރާރުވެގެން އައިސްފައިވާ:
﴿فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴾
(މާނައީ: ފަހެ، ތިޔަ ދެބައިމީހުން (ޖިންނީންނާއި އިންސީން) ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރައްބުގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟”)
މި އާޔަތާއި ސޫރަތުލް މުރްސަލާތުގައި ތަކުރާރުވެގެން އައިސްފައިވާ:
﴿وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ﴾
(މާނައީ:”ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.”)
މި ދެ އާޔަތް ތަކުރާރުވުމުގައި ބޮޑުވެގެންވާ ފައިދާއެއް ވެއެވެ. އެއީ މިގޮތަށް ތަކުރާރުވެގެން އައިސްފައިވާ ދެ އާޔަތުގެ ދެމެދުގައިވާ އާޔަތްތަކުގައި ބޮޑުވެގެންވާ ނިޢުމަތްތަކާއި ފައިދާތައް އެކުލެވިގެން ވުމުވެ. އަދި ހަމަ އެހެންމެ ﴿فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴾ މި އާޔަތާއި ﴿وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ﴾ މި އާޔަތް ތަކުރާރު ވުމުގައި ލަފްޒީ ގޮތުންވެސް ފައިދާއެއް ވެއެވެ. އެއީ މުޚާޠަބުކުރެވޭ ފަރާތް ހޭލައްވައި އިންޒާރު ކުރުމެވެ.
ދެން އެއަށްފަހު ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
﴿لَكُمْ دِينُكُمْ وَلِيَ دِينِ﴾
މާނައީ: “ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.”
﴿لَكُمْ دِينُكُمْ﴾ އެބަހީ: ތިޔަބައިމީހުންނަށް އެގޮތެއްގެ މަތީގައިވާ ތިޔަބައިމީހުން ޤަބޫލުކޮށްގެން ތިބި ގޮތެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ދީނުން ބަރީއަވެގެން ވަމެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ދީނުން ބަރީއަވެގެން ވެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ސޫރަތް ބާވައިލެއްވުނީ ޖިހާދު ފަރުޟުކުރެއްވުމުގެ ކުރިންނެވެ. އެހެނީ ރާޖިޙްވެގެންވާ ބަސްފުޅަކީ، ޖިހާދު ފަރުޟުކުރެއްވުމަށްފަހު ކާފަރުންނަށް އެމީހުންގެ ދީންމަތީ ޤަރާރުވެ ނުތިބެވުމެވެ. އަދި އަހުލު ކިތާބީން (ފޮތްތަކުގެ އަހުލުވެރީން) ނަށްވެސް އެބައިމީހުންގެ ދީންމަތީ ތިބެވޭނީ ޖިޒްޔަ ދައްކައިގެންނެވެ.
ނަމަވެސް ޞައްޙަ ގޮތަކީ ޖިހާދު ފަރުޟުކުރެއްވުމުން މިކަން (އެބަހީ: އެބައިމީހުންގެ ދީނުން ބަރީއަވުން) ނަފީވެ، މަންސޫޚުވެގެން ދިޔަ ކަމުގައި ނުބުނުމެވެ. އެހެނެއްކަމަކު އެކަންވަނީ ދެމިގެންނެވެ. އަދި ހުރިހާ ވަގުތެއްގައާއި ހުރިހާ ހިނދެއްގާމެ، ޔަހޫދީންނާއި ނަޞާރާއިންނާއި މުޝްރިކުންގެ ދީނުން ބަރީއަވުން ވާޖިބުވެގެން ވެއެވެ. މި ސަބަބަށްޓަކައި އަހަރެމެން ﷲ އަށް އަޅުކަންކުރާ ޙާލު، ޔާހޫދީންނާއި ނަޞާރާއިން އަބައިމީހުން އެ އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރަން އެބައިމީހުންގެ ދީންމަތީ ތިބުމަށް، ޖިޒްޔަ ދިނުމާއެކު އަހަރެމެން ހުއްދަ ދެމެވެ.
ފަހެ، ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރުމުން ބަރީއަވެ، އެކަމުން އެއްކިބާވުމަށް މިސޫރަތުގައި އައިސްފާވެއެވެ. އެއީ އަޅުކަންކުރެވޭ ފަރާތެއްކަމުގައިވިޔަސް، އަދި އަޅުކަމުގެ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކަމުގައި ވިޔަސްމެއެވެ. އަދި މި ސޫރަތުގައި ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމަށާ، އަދި އެއިލާހަށް ޝަރީކަކު ނުވާ، ﷲ ފިޔަވައި އެހެން ފަރާތަކަށް އަހަރެމެން އަޅުކަން ނުކުރުމަށް އައިސްފައި ވެއެވެ. މިހިސާބުން މި ސޫރަތުގެ ތަފްސީރާމެދު ވާހަކަ ދެއްކުމަށް ފަސޭހަވި މިންވަރަށް ވާހަކަދައްކައި ނިމުނީއެވެ.
=ނިމުނީ=
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الكافرون ގެ ތަފްސީރުގެ ތަރުޖަމާއެވެ.