[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްމަދު (صلى الله عليه وسلم) އަކީ ކޮން ބޭކަލެއް؟ 6

muhammadh

އެކަލޭގެފާނުގެ އާއިލީ ދިރިއުޅުއްވުމަކީވެސް ކާމިޔާބު ޙަޔާތަކަށް ބޭނުންވާނެ ހުރިހާ އުސޫލުތަކެއް އޭގައި އެކުލެވިގެންވާ ނަމޫނާއެކެވެ. އަނބިއަނބިކަނބަލުންނަށް ކަންކަމުގައި ނަޞޭހަތްދެއްވާ ޢިލުމަށް ހިތްވަރު ދެއްވެވިއެވެ. އެކަނބަލުންނާއި މަޝްވަރާ ކުރައްވަވާ އެކަނބަލުންގެ ރަޢްޔު ހޯއްދެއްވިއެވެ. ހައްޤުތައް ދިނުމުގައި ހަމަހަމަ ކުރެއްވެވިއެވެ.

އެގޮތުން ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހެއްގެ ހެނދުނުގެ ކުރީކޮޅުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުނަށް ޒިޔާރަތް ކުރައްވައެވެ. އެކަން ބަޔާންކުރައްވައި އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

وَكَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا صَلَّى الصُّبْحَ جَلَسَ فِي مُصَلَّاهُ، وَجَلَسَ النَّاسُ حَوْلَهُ حَتَّى تَطْلُعَ الشَّمْسُ، ثُمَّ دَخَلَ عَلَى نِسَائِهِ امْرَأَةً امْرَأَةً، يُسَلِّمُ عَلَيْهِنَّ، وَيَدْعُو لَهُنَّ، فَإِذَا كَانَ يَوْمُ إِحْدَاهُنَّ جَلَسَ عِنْدَهَا (الطبراني في المعجم الأوسط: 8764. وسكت عنه الحافظ)

“ރަސޫލުﷲ صلى الله عليه وسلم ފަތިސްނަމާދު ކުރައްވާ ނިމިވަޑައިގަތުމުން އެކަލޭގެފާނު ނަމާދުކުރެއްވި ތަނުގައި އިށީނދެވަޑައިގެން އިންނަވާކަމުގައިވެއެވެ. އަދި މީސްތަކުން (ވެސް) އެކަލާގެފާނުގެ އަރިހުގައި އިރުއަރަންދެން ތިއްބަވައެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ސަލާމްގޮވާލައްވާޙާލު އެގޭގެއަށް ވަކިވަކިން ވަދެވަޑައިގަންނަވައެވެ. އަދި އެކަނބަލުންނަށް (ހެޔޮ) ދުޢާކޮށްދެއްވަވައެވެ. އަދި އެދުވަހަކު އެކަނބަލެއްގެ ގޭގައި މަޑުކުރަން ކަނޑައެޅިފައިވާ އަނބިކަނބަލެއްގެ އަރިހުގައި އެކަލޭގެފާނު މަޑުކުރައްވައެވެ”.  

ދުވަހަކުވެސް ކާތަކެއްޗަށް ފާޑު ވިދާޅުވެނުލައްވައެވެ. ކާނެ އެއްޗެއް ގޭގައި ނެތްނަމަ ހުންނަވަނީ ރޯދަޔާއެވެ. ގޭތެރޭގެ މަސައްކަތުގައި އަނބިއަނބިކަނބަލުންނަށް އެހީތެރިވެލައްވާ ބައިވެރިވެލައްވާ އުޅުއްވެވިއެވެ.

عَنْ عَائِشَةَ رَضِيَ اللهُ تَعَالى عَنْهَا قَالَتْ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:  ((خَيْرُكُمْ خَيْرُكُمْ لِأَهْلِهِ ، وَأَنَا خَيْرُكُمْ لِأَهْلِيْ)) – (أخرجه الترمذي)

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނެވެ.”

ކާފަދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނު ގެންގުޅުއްވެވިއެވެ. އަދި ކުޑަކުދިންނާއި އެކު ވަގުތު ހޭދަ ކުރެއްވެވިއެވެ. ދަރިކަނބަލުން ފާތިމަތުގެފާނާއިއެކު އެކަމަނާގެ އުފަލާއި ހިތާމަތަކުގައި ޝާމިލުވެލައްވާ ދިރިއުޅުމުގެ ތަފާތު މަރުޙަލާތަކުގައި އެކަމަނާއަށް އިރުޝާދު ދެއްވެވިއެވެ. ފާތިމަތުގެފާނާއި ޢަލީގެފާނުގެ މެދުގައި އުފެދޭ ނުތަނަވަސްކަން ޙައްލުކޮށްދެއްވެވިއެވެ. ދުވަހަކުވެސް އަހުލުންގެ ތެރެއިން އެއްވެސް ބޭކަލެއްގެ ގައިގާ ޖައްސަވާފައެއްނުވެއެވެ. މިފަދަ ނަމޫނާއެއް ދުނިޔޭގެ އުދަރެހުން ފާޅުވެފައިވާއިރު އެކަލޭގެފާނުގެ މައްޗަށް އަދާކޮށްދެންޖެހޭ ހައްޤުތައް އަޅުގަނޑުމެންނަށް އަދާ ކުރެވޭބާ!

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް