ދީނުގެ ކަންކަން މީސްތަކުންނަށް އުނގަންނައިދީ ހެޔޮމަގަށް މީސްތަކުންނަށް ގޮވައިލުމަކީ ނަބިއްޔުންގެ ޢަމަލުފުޅެވެ. އަދި އެއީ އެންމެ މަތިވެރި ވަޡީފާއެވެ. ﷲ ތަޢާލާ އެކަމަށް ހޮއްވަވާފައިވަނީ އެންމެ ހެޔޮވެގެންވާ ޚަލްޤުތަކުންނެވެ. މިއަދު އެވަޡީފާ އަދާކޮށް މިދީނުގެ ދަޢުވަތު އަޅުގަނޑުމެންނާ ހިސާބަށް ފޯރުކޮށްދޭންތިބީ ނަބިއްޔުންގެ ވާރުތަވެރިންކަމުގައިވާ ޢިލްމުވެރިންނެވެ. ޢިލްމުވެރިންގެ އަރިހުން މިދީނުގެ ޢިލްމު ކުޅަދާނަވީ މިންވަރަކުން ޙާޞިލުކޮށް ކުޅަދާނަވީ މިންވަރަކުން ޢާއިލާގެ މީހުންނާއި ރަޙުމަތްތެރިންނަށް އަދި އެނޫންވެސް މީސްތަކުންނަށް ފޯރުކޮށްދިނުމަކީ މުޖުތަޢު އިޞްލާހުވުމަށް އެޅިގެންދާނެ ވަރަށްބޮޑު ބާރެކެވެ. އަދި އެހާމެބޮޑު ހެޔޮކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ﴾ މާނައީީ: “أمّى ންގެ ތެރެޔަށް، އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ آية ތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން طاهر ކުރައްވަތެވެ. އަދި ފޮތާއި، حكمة އެއުރެންނަށް އުނގަންނައިދެއްވަތެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރައެްވާފައިވެއެވެ. ﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ﴾ މާނައީ: “މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ.”
އަބީ މަސްޢޫދު ޢުޤްބާ ބިން ޢާމިރު އަލްއަންޞާރީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. [مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ] މާނައީ: “ހެޔޮކަމަކަށް މަގުދައްކައިފި މީހަކަށް އެހެޔޮކަންކުރި މީހަކާ އެއްފަދަ އަޖުރެއް ލިބޭނެއެވެ.”
އަބޫ ހުރައިރާގެ ކިބަިއން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. [مَنْ دَعَا إِلَى هُدًى, كَانَ لَهُ مِنْ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ, لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا, وَمَنْ دَعَا إِلَى ضَلَالَةٍ, كَانَ عَلَيْهِ مِنْ الْإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ, لَا يَنْقُصُ ذَلِكَ مِنْ أوزارهم شَيْئًا] މާނައީ: “ހެޔޮމަގަށް ގޮވާލާ މީހާއަށް އޭނާ އެގޮވާލާ ގޮވާލުމަށް ތަބަޢާވާ މީސްތަކުންގެ އަޖްރުވެސް އޭނާއަށް ލިބޭ ހުއްޓެވެ. އެއީ އެތަބަޢަވާ މީހުންގެ އަޖުރުން އެވެސް މިންވަރެއް އުނިވުމެއްނެތިއެވެ. އަދި ނުބައި މަގަށް ގޮވާލާ މީހާއަށްވެސް އޭނާއެގޮވާލާ ނުބައިކަމަށް ތަބަޢަވާ މީސްތަކުންގެ ފާފަތައް އެގޮވާލާ މީހާގެ ބޮލަށް ޖެހޭނެއެވެ. އެއީ ފާފަތަކަށް އަރައިގަންނަ މީސްތަކުން ފާފަތަކުން އެއްވެސް މިންވަރެއް އުނިވުމެއްނެތިއެވެ.”
އަބޫ އުމާމާ އަލްބާހިލީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅުކުރެއްވިއެވެ. [إِنَّ اللَّهَ وَمَلاَئِكَتَهُ وَأَهْلَ السَّمَوَاتِ وَالأَرْضِ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الْحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الْخَيْرَ] މާނާއީ:”ހަމަކަށަވަރުން ﷲ އާއި މަލާއިކަތުން އަދި އުޑާއި ބިމުގެ އަހްލުވެރިން އަދި ހޮރުތެރޭވާ ހިންޏާއި ކަނޑުތަކުގައިވާ މަސްތަކަށް ދާންދެން، ހެޔޮކަންތައްތައް މީސްތަކުންނަށް އުނގަންނައިދޭ މީހާއަށް ޞަލަވާތްކިޔަވައެވެ.”
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެންނީ ހެޔޮކަންކަމަށް ގޮވާލާ އަދި މުންކަރާތްތައް ނަހީ ކުރާބަޔަކު ކަމުގައި ލެއްވުމެވެ!