بسم الله الحمد لله والصلاة والسلام على رسول الله وبعد
ﷲ ތަޢާލާ، މީސްތަކުން އިމްތިޙާންކުރައްވާ ސަބަބު ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާ ވަޙީ ކުރައްވަނީ:
﴿وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ﴾ [ سورة العنكبوت ٣]
މާނައީ:”އަދި ހަމަކަށަވަރުން އެއުރެންގެ ކުރީގެ އުންމަތްތަކުގެ މީހުން ތިމަން އިލާހު އިމްތިޙާންކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން ދޮގުވެރިންވެސް އެއިލާހު ދެނެވޮޑިގެންވެތެވެ.”
ޙަޤީގީ މުސްލިމުން ފާޅުވެގެންދަނީ އެބައެއްގެ ތެރެއިން މުސީބާތާއި އުނދަގޫ ކުރިމަތިވުމުންނެވެ. އެހެނީ އެފަދަ ވަގުތެއްގައި އީމާންކަންމަތީ ހުރި މީހުންގެ ދުލުން ނިކުންނާނީ ﷲ ތަޢާލާ އަށް ޝުކުރުކުރާ ބަސްތަކެވެ. އަދި ކެތްތެރިކަން ދޭހަވާފަދަ އިބާރާތްތެކެވެ. މުނާފިޤުން އުފެދިފައިވަނީވެސް މުސްލިމުންނަށް އިމްތިޙާންކުރެއްވުނު ވަގުތުތަކުގައެވެ.
ﷲ ތަޢާލާ ފޮނުއްވެވި ނަބީބޭކަލުންގެ ތެެރެއިން އައްޔޫބު އަލައިހިއްސަލާމްގެ ވާހަކައަކީ ކެތްތެރިކަމުގެ ވަރުގަދަ ފިލާވަޅެކެވެ. ކެތްތެރިކަމުގެ ވާހަކައެއް ދެކެވިއްޖެނަމަ އައްޔޫބު އަލައިހިއްސަލާމްގެ ކެތްތެރިކަން ޢާންމުގޮތެއްގައި ޒިކުރުކުރެވެއެވެ. ﷲ ތަޢާލާ އައްޔޫބު އަލައިހިއްސަލާމަށް މުދާވެރިކަމާއި ތަނަވަސްކަން ދެއްވައި ދަރިން އިތުރުކުރެއްވިއެވެ. އަދި ހަމައެހެންމެ އެއިލާހު ދުނިޔޭގައި މީހުންނަށް ދެއްވާ ފުރިހަމަ ސިއްޙަތެއް އެކަލޭގެފާނަށްވެސް ދެއްވިއެވެ. ﷲ ތަޢާލާ އަޅެއްދެކެ ލޯބިފުޅުވާނަމަ އިމްތިޙާން ކުރައްވަތެެވެ. މިގޮތުން އައްޔޫބްގެފާނަށްވެސް ﷲ ތަޢާލާ އިމްތިޙާން ކުރެއްވިއެވެ.
މިގޮތުން އެކަލޭގެފާނަށް ބަލިމަޑުކަމެއް ކުރިމަތިވިއެވެ. މިބަލިމަޑުކަމުގައި އެކަލޭގެފާނު އެތައް އަހަރެއް ވަންދެން ދިރިއުޅުއްވިއެެވެ. އަދި އެކަލޭގެފާނުގެ މުދަލާއި ދަރިން އުނިކުރެއްވެވިއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ:
﴿وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ﴾ [سورة البقرة ١٥٥]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް އިތުރުކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ދެެއްވާށެވެ.”
އައްޔޫބުގެފާނުގެ ބައްޔަކީ އެރަށުގެ އަހުލުވެރިން ހީކުރިގޮތުގައި ގައިންގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން އެކަލޭގެފާނު ދިރިއުޅުއްވި އަވަށުންވެސް ބޭރުކޮށްލެއްވިއެވެ. ބައެއް ޢިލްމުވެރިން ޛިކުރުކުރައްވާފައިވާ ގޮތުން އެކަލޭގެފާނު ބަލިމަޑުކަމުގެ ސަބަބުން ތަންމަތިން ނުތެދުވެވެެން ފެށުމުން އެކަލޭގެފާނުގެ އަނބިކަނބަލުން ގޭގެއަށްގޮސް މަސައްކަތްކޮށް ލާރި ހޯއްދެވިއެވެ.
ދެން އެކަލޭގެފާނު ﷲ އަށް ދުޢާކުރެއްވިއެވެ.
﴿وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ﴾ [سورة الأنبياء ٨٣]
މާނައީ: އަދި އައްޔޫބްގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާކުރެއްވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.”
ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވަވާ ވަޙީކުރެއްވިއެވެ.
﴿فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ ﴾ [سورة الأنبياء ٨٤]
މާނައީ: “ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި އެކަލޭގެފާނަށް ޖެހިފައިވާ ދަތިހާލު ފިއްލަވައި އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުން އެއަހުލުންނާއެކު ހަމަ އެފަދަ އަހްލުން ދެއްވީމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން ލެއްވި ރަޙްމަތެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް ހަނދާންކޮށްދިނުމެއް ކަމުގައެވެ.
އަޅަމެންނަކީ އިމްތިޙާންގެ ވަގުތުތަކުގައި ކެތްތެރިވާ ބައެއްކަމުގައި ލައްވާނދޭވެ. އަދި ނިޢުމަތާއި އިމްތިޙާންގެ ވަގުތުގައިވެސް އެއިލާހަށް ފުރިހަމަ ގޮތުގައި ޝުކުރުވެރިވާ ބައެއްކަމުގައި ލައްވާނދޭވެ.