[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްކަމުގެ ނިޢުމަތަށް ރައްކާތެރިވުން

islam

الحمد لله والصلاة والسلام على رسول الله أما بعد

ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ދެއްވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތްކަން ކަށަވަރެވެ. އެއިލާހު މީސްތަކުންގެ ޙިދާޔަތަށްޓަކައި ފޮނުއްވެވި ރަސޫލުން ގޮވާލެއްވީވެސް މިއިސްލާމްކަމަށެވެ. ޙައްޤާއި ބާތިލު މީސްތަކުންނަށް އުނގަންނައި ދެއްވާ މިދީން މަތީ ސާބިތުވާމީހުން އެއިލާހުގެ ސުވަރުގެއިން ހިޔާ ލިބޭނެކަމުގެ އުފާވެރި ޙަބަރު މިބޭކަލުން ދެއްވެވިއެވެ. އަދި ތެދުމަގަށް ފުރަގަސްދީ އުރެދުނު މީހުންނަށް ނަރަކައިގެ ވޭންދެނިވި ޢަޛާބު ލިބޭނެކަމުގެ އިންޛާރުވެސް ދެއްވެވިއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ:

﴿إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا﴾  [سورة الفتح ٨]  

މާނައީ: “ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނު ފޮނުއްވެވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރު ދެއްވައި (ކާފަރުންނަށް) އިންޒާރު ދެއްވާ ބޭކަލަކު ކަމުގައެވެ.”

ދުނިޔޭގެ ހަތަރު ބިތަށް އިސްލާމްދީން ފެތުރިގެން އައިސް ދުނިޔޭގެ ޗާޓުގައި ނުކުތާތަކެއްގެ ފަދައިންވާ އަޅުގަނޑުމެންގެ ރާއްޖެއަށް އިސްލާމްދީންގެ ޙިދާޔަތުގެ ނޫރު ލިބިގެންދިޔައެވެ. މިދީނުގެ ސަބަބުން އަޅުގަނޑުމެންގެ ކާބަފައިންގެ އަޚްލާޤު ރަނގަޅުވެ އެކަކު އަނެކަކު ދެކެ ﷲ ތަޢާލާއަށްޓަކައި ލޯބިވުމުގެ މާތްސިފަ އުފެދިގެން އަައެވެ. ސަދަޤާތްކުރުމާއި އަވަށްޓެރިންނަށް ކާންދިނުމާއި އެކަކު އަނެކަކަށް އަޅާލާ ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވެއެވެ. ހިނިތުންވުމާއި އުމުރުން ދޮށީ މީހުނަށް އިޙްތިރާމްކުރުން ފަދަ އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވެއެވެ. ބަންގީގެ ނިދާ އިއްވާލުމުން މިސްކިތުގެ ސަފުތައް ފުރާލެވި ފަރުޟު ފަސް ނަމާދު ޤާއިމުކުރެވުނު މުޖުތަމަޢެއް އުފެދިގެން އައެވެ. ރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި އެތައް މަސައްކަތްތަކެއް ކޮށްފައިވެއެވެ. މާބޮޑު ތަރައްޤީއެއް ދުށް ބައެއްކަމުގައި ނުވިޔަސް އަޅުގަނޑުމެންގެ މިހާރުގެ މުޖުތަމަޢަށްވުރެ އަމާން ރައްކާތެރި މުޖުތަމަޢެއް އެމީހުން ބިނާކުރިއެެވެ.

އަޅުގަނޑުމެންގެ މިހާރުގެ މުޖުތަމަޢާއި މެދު ވިސްނާލަމާތޯއެވެ. މިއަދު އަޅުގަނޑުމެންނަށް ކުރިއެރުމާއި ތަމައްދުނާއި ތަހުޒީބުގެ ގޮތުން ކުރިއަރާފައިވާއިރު އަޅުގަނޑުމެންގެ ޤައުމުގެ ފޭރާން މިވަނީ ކިލަނބުވެފައެވެ. ސުލްޙަ މަސަލަސްކަން ގެއްލި، ދޭދޭ ފަރުދުންގެ ގުޅުން ހީނަރުވެފައިވެއެވެ. އަވަށްޓެރިޔާ ނުދަންނަތާ ގާތްތިމާގެ މީހުންނާވެސް ގުޅުން ނުބޭއްވެއެވެ. ބޮޑެތި ޖަރީމާތަކާއި ފާޙިޝްކަންތައްތައް އިތުރު ވަމުންދެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ:

﴿ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ﴾  [سورة الروم ٤١]

މާނައީ: “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކުމަށެވެ. އެއީ އެއުރެން (ތައުބާވެ) ރުޖޫޢަވުމަށްޓަކައެވެ.”

ﷲ ތަޢާލާ ނަޙީކުރެއްވި ކަންތައްތައް ފެތުރި އާންމުވެފައިވާ މުޖުތަމަޢަކަށް އެއިލާހުގެ ކޯފާއާއި ޢަޛާބު ގާތްވެގެންވެއެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެވޭ ފަދައިން ވަގުތު ފާއިތުވުމުގެ ކުރިން އިސްލާޙުވުމަށް މަސައްކަތްކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ކާބަފައިން އެދީނެއްގެ މަތީިގައި ސާބިތުވެފައިވާ އިސްލާމްދީނުގެ އަޞްލުތަކަށް ރުޖޫޢަ ނުވެ އަޅުގަނޑުމެންނަށް ނަޖާއެއް ނުވެއެވެ. ދީނުގެ ޝަރުޢުތަކުގައި ހިފާ އެބަޔަކަށްވީ ވަރަކުން މަސައްކަތްކުރަމާތޯއެވެ. ދީނުގެ ސައްޙަގޮތް އުނގެނި އަޅުގަނޑުމެންގެ ދަރީންނަށް ފާާގަތި މުޖުތަމަޢެއް ބިނާކުރަން އަޅުގަނޑުމެން ނޫން އަންނާނީ ކޮންބައެއްތޯއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ:

(إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ) [سورة الرعد]

މާނައީ: “ހަމަކަށަވަރުން ބަޔަކު މީހުންގެ ހާލަތު އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެހާލަތު ބަދަލު ނުކުރައްވަތެވެ.”

އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގެ ގޮތުގައި ދެމިއޮތުމުގެ ނިޢުމަތް ﷲ ތަޢާލާ އަޅަމެންނަށް ދެއްވާނދޭވެ! އަދި އަޅުގަނޑުމެންނަކީ މިނިޢުމަތުގެ އަގުވަޒަންކުރެވޭ ފަދަ ބައެއްގެ ގޮތުގައި ލައްވާނދޭވެ!