ކާފަރު ޖިންނީން ވަންނާނީ ނަރަކައަށް
އިންސާނުންގެ ތެރެއިން ﷲއަށް ކާފަރުވީ މީސްތަކުން ނަރަކަޔަށް ވަންނާނެ ފަދައިން ޖިންނީންގެ ތެރެއިން ވެސް ﷲއަށް ކާފަރުވާ މީހުން ދާނީ ނަރަކައަށެވެ. އިންސީން ފަދައިން ޖިންނީންނަކީ ވެސް މުކައްލަފުންނެވެ. މިދެބައިމީހުން އުފެއްދުވުމުގެ މަޤްސަދު ބަޔާން ކުރައްވައި ﷲ ވަޙީކުރެއްވިއެވެ.
(وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾) [سورة الذاريات]
މާނައީ: “އަދި ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.”
ޤިޔާމަތްދުވަހު މަޙްޝަރުގެ މައިދާނުގައި ޖިންނީންނާއި އިންސީން އެއްވެސް ތަފާތުކުރުމެއްނެތި މަޙްޝަރުކުރެވޭނެތެވެ.
ﷲ ވަޙީކުރެއްވިއެވެ.
(وَيَوْمَ يَحْشُرُهُمْ جَمِيعًا يَا مَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُم مِّنَ الْإِنسِ . . .) [سورة الأنعام 128]
މާނައީ: “އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން، އެކަލާނގެ ވަޙީ ކުރައްވާނެތެވެ.) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށްގިނަ މީހުންނަށް މަގުއޮޅުވައިލީމުއެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
(فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴿٦٨﴾ ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَـٰنِ عِتِيًّا ﴿٦٩﴾ ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ﴿٧٠﴾) [سورة مريم]
މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، ޝައިޠާނުންނާ އެކުގައި އެއުރެން މަޙްޝަރަށް ފޮނުއްވާހުށީމެވެ. ދެން ކަކޫޖެހިގެންވާ ޙާލު، ނަރަކައިގެ ވަށައިގެން އެއުރެން ގެންނަވާހުށީމެވެ.[68] ދެން ތިމަންރަސްކަލާނގެ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެއުރެންކުރެ ރަޙްމާންވަންތަ ރަސްކަލާނގެއަށް އެންމެ ދެކޮޅުވެރިކަން ބޮޑު މީހުން ވަކިކޮށް ނެރުއްވާހުށީމެވެ.[69] ދެން ހަމަކަށަވަރުން، އެއުރެންކުރެ ނަރަކަޔަށް ވަނުން އައުލާކަންބޮޑީ ކޮންބަޔެއްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ތިމަންރަސްކަލާނގެއެވެ.[70]”
ދެން އެއަށްފަހުގައި އޭގެތެރެއިން ކާފަރުންނަށް ބުނެވޭނެތެވެ.
(قَالَ ادْخُلُوا فِي أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ الْجِنِّ وَالْإِنسِ فِي النَّارِ. . .) [سورة الأعراف38]
މާނައީ: “އެކަލާނގެ ވަޙީކުރައްވާނެތެވެ. ޖިންނީންނާއި، އިންސީންގެ ތެރެއިން ތިޔަބައިމީހުންގެ ކުރިން އިސްވެގޮސްފައިވާ (އަނިޔާވެރި) ބައިގަނޑަކާއެކު ތިޔަބައިމީހުން ނަރަކައަށް ވަންނާށެވެ!”
ދެން އެހިނދު ބޯކޮޅުވަތަށް ނަރަކަޔަށް އެމީހުން އެއްލާލެވޭނެތެވެ.
(فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ ﴿٩٤﴾ وَجُنُودُ إِبْلِيسَ أَجْمَعُونَ ﴿٩٥﴾) [سورة الشعراء]
މާނައީ: ފަހެ، އެ ބުދުތަކާއި، ކާފަރުވީ މީހުންނާއި، އިބިލީހުގެ ލަޝްކަރާއި، އެންމެން އެ ނަރަކައިގެ ތެރެއަށް ބޯކޮޅުވަތަށް އުއްކަވާނެތެވެ.[94][95]”
އެހިނދު މީސްތަކުންނާއި އަދި ޖިންނީންގެ ދެ ބާވަތުން ނަރަކަ ފުރުއްވާނެ ކަމަށް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅު ފުރިހަމަވެގެންދާނެއެވެ.
(. . .وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ ﴿١١٩﴾) [سورة هود]
މާނައީ: “އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ފުރިހަމަވެއްޖެވެ. (އެ ބަސްފުޅަކީ) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މީސްތަކުންނާއި، ޖިންނީންނާއި، ދެ ބާވަތުން ނަރަކަ ފުރުއްވާހުށީމެވެ.”
އަދިވެސް އެބަސްފުޅަކީ ކޮބައިކަން ބަޔާން ކުރައްވަމުން އެކަލާނގެ ވަޙީކުރެއްވިއެވެ.
(. . .وَحَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ ۖ إِنَّهُمْ كَانُوا خَاسِرِينَ ﴿٢٥﴾) [سورة فصلت]
މާނައީ: އަދި އެއުރެންގެކުރިން އިސްވެ ގޮސްފައިވާ (ފުރެދުނު) ޖިންނީންނާއި، އިންސީންގެ އުއްމަތްތަކުގެ ތެރޭގައި އެއުރެންގެ މައްޗަށް ޢަޛާބުގެ ބަސްފުޅު ޙައްޤުވެއްޖެއެވެ. ހަމަކަށަވަރުން، އެއުރެންވީ ގެއްލެނިވިގެންވާ މީހުން ކަމުގައެވެ.
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ