الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:
ބުދުތަކާއި ހިލަތަކާއި ގެރިތަކާއި އަދިވެސް އެނޫން އެތައްއެތައް މަޚުލޫޤުންތަކަކަށް އަޅުކަންކުރެވޭ ޤައުމުތައް ވަށައިގެންވާއިރު، މިކުޑަ ކުޑަ އިސްލާމީ ދިވެހިރާއްޖެ، ﷲ އެއްކައުވަންތަ ކުރެވޭ ޤައުމެއްގެ ގޮތުގައި އޮންނަތާ ސާސްކަފެއް ފުރިހަމަ ކުރުމާއި ދިމާއަށް މިސްރާބު ޖަހާފައި އެހުރީ ނުހަނު ހަލުވިކަމާއެކުގައެވެ. އިސްލާމީ މި ދިވެހި ރާއްޖޭގައި އިސްލާމީ ޤައުމެއްގެ ގޮތުގައި އޮންނަތާ މިހާ ދުވަސްވެފައިވާ ވާއިރު، ދިވެހިރާއްޖެއަށް އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތުމަށް ދިމާވެފައިވާ ގޮންޖެހުންތައްވެސް ނުހަނު ގިނައެވެ.
އެގޮތުން މިނުރައްކާތަކުގެ ބޮޅަށް އިތުރުކުރަން ޖެހޭ ދެކަމަކީ ލާދީނީ އަދި ޢިލްމާނީ އިލްޙާދީ ފިކުރެވެ.
އެހެނީ މިފަހަކަށް އައިސް ދިވެހިން ބޭރުގެ ޤައުމު ތަކަށް ދަތުރުކޮށް، އެބައިމީހުން ގެ ފަރާތުން އެބައިމީހުންގެ ފިކުރުތައް ފެތުރުމަށް ދިވެހިރާއްޖެއަށް ވެއްދުމަށް ވެސް ބަޔަކު ދަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. މިކަން އަޅުގަނޑުމެންނަށް އެނގިގެން ދަނީ އެބައިމީހުން ބޭނުންކުރާ އެކި އެކި ވަސީލަތްތަކަށް ނަޒަރު ހިންގާލުމުންނެވެ. އެގޮތުން އިސްލާމްދީނާ ދެކޮޅަށް އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ޕުރޮޕެގެންޑާތައް ހިންގެމުންއެބަދެއެވެ. އިސްލާމްދީނަށް ފުރައްސާރަ އެބަކުރެވެއެވެ. އަދި އެހެންދީންތަކަށާއި އިލްޙާދަށާއި ލާދިނިއްޔަތަށް ދަޢުވަތު އެބަދެވެއެވެ.
އެގޮތުން އެބައިމީހުން އިސްލާމްދީނާއި ދެކޮޅަށް ހަނގުރާމަ އެބަކުރެއެވެ. މިހުރިހާ ކަމެއްގެވެސް ސިއްރަކީ ރާއްޖޭގައި އޮތް އިސްލާމްދީން ދުއްވާލައި، އެކިއެކި އެއްޗެހި އިމްޕޯރޓުކުރާހެން ކާފަރުންގެ ކަރަކަރައިގައިވާ އެކިއެކި ދީންތައް މިރާއްޖެ އިމްޕޯރޓުކޮށް، އިސްލާމްދީން “އެކްސުޕޯޓު” ކޮށްލުމެވެ. ބޭރުކޮށްލުމެވެ. އޭގެ ކުރިން އަޅުގަނޑުމެން ހޭ އަރައި މިކަމާ ކުރިމަތިލާނެ ގޮތްތަކެއް ވިސްނައި، މިކަމަށް ފިޔަވަޅެއް ނާޅައި ތިއްބާ ކުފުރު ފެތުރި އިސްލާމްދީން ގެއްލިގެން ހިނގައިދާނެއެވެ. މިފަދަ ކަންކަން ހިންގާ މީހުން ފަޟީޙަތްކުރައްވައި އެބައިމީހުންގެ ރޭވުންތައް ހަލާކުކުރައްވާށިއެވެ. އާމީން.
އަދި ހަމައެޔާއެކު އުފަލާއެކުގައި ފާހަގަކޮށްލަން ޖެހެނީ ﷲ އެއްކައުވަންތަ ކުރެވޭ ޤައުމެއްގެ ގޮތުގައި މި ޤައުމު ބޭއްވުމަށް ގަދައަޅައި މަސައްކަތްކުރާނެ ބަތަލުންތަކެއްވެސް އެބަތިއްބެވެ. މިކަން ހާމަވެގެންދަނީ ޢިލްމުވެރިންނާއި އަދި އެނޫންވެސް ފަރާތްތަކުން ލާދިނިއްޔަތާއި އަދި އިލްޙާދީ ޢަލްމާނީ އެތީސްޓު ފިކުރުތަކާއި ދެކޮޅަށް ސޯޝަލްމީޑިޔާއާއި އަދިވެސް އެނޫން ވަސީލަތްތަކުން މަސައްކަތްކުރަމުންދާ ހިތްވަރުގަދަ މަސައްކަތްތަކުންނެވެ. މިފަދަ ފަރާތްތަކަށް ތައުފީޤު ދެއްވައި ސާބިތުކަން ދެއްވާށިއެވެ.
އެހެންކަމުން އަޅުގަނޑުމެން މިކަމަށް އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަކީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ފުރިހަމަ ގޮތުގައި ލިބޭ ބަޔަކަށް ހަދަން އެބަޖެހެއެވެ. އެގޮތަށް މި މަތިވެރި ނިޢުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އަދި އަމާނާތެކެވެ. އަޅުގަނޑުމެންގެ ޙާލަތު ބަދަލުވާނީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން ޙާލަތު ބަދަލުކުރުމަށް މަސައްކަތްކޮށްގެންނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
(إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ) (الرعد: 11)
މާނައީ: “ބަޔަކުމީހުން، އެމީހުންގެ ނަފުސުތަކުގައިވާ ކަމެއްގެ ޙާލަތު ބަދަލުކޮށްފުމަށް ދާންދެން، ހަމަކަށަވަރުން ﷲ ބައެއްގެ ޙާލަތު ބަދަލުނުކުރައްވައެވެ.”
އެހެންކަމުން ތިރީގައި މިވަނީ މިކަމާއި ކުރިމަތިލުމަށް އެޅިދާނެ ބައެއް ފިޔަވަޅެކެވެ.
- ލާދީނީ އިލްޙާދީ އެތީސްޓު ފިކުރުފަދަ ނުބައި ފިކުރުތައް ފެތުރޭ ސަބަބުތައް ހޯދުން.
- މިފަދަ ފިކުރުތައް ފެތުރޭ ސަބަބުތައް ދިރާސާކުރުން.
- މިފަދަ ފިކުރުތައް ނައްތާލެވޭނެ ސަބަބުތައް ދިރާސާކުރުން.
- މިފަދަ ފިކުރުތައް ބަލާ ހޯދާނެ ޢިލްމީ ބޭފުޅުންގެ ޓީމުތައް އެކުލަވާލުން.
- މިފަދަ ފިކުރުތައް ދިރާސާ ކުރެވި ތަޢުލީމީ މަންހަޖުގެ ތެރޭގައި މިފިކުރުތަކަކީ ކޮބައިކަން ބުނެދިނުމާއި އަދި މިފިކުރުތަކަށް މީހުން ހޭލުންތެރިކުރުން.
- މިފަދަ ފިކުރުތަކަށް މީޑިޔާގައި، ޚުތުބާތަަކާއި ރޭޑިޔޯފަދަ އެކިއެކި ވަޞީލަތްތަކުން ޢާންމުން ހޭލުންތެރިކުރުން.
- ޞައްޙަ އިސްލާމީ ޢަޤީދާ ކިޔަވައިދިނުމާއި އަދި ޢާންމުން އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށް ހޭލުންތެރިކުރުވުން.
- މިފަދަ ފިކުރުތަކުގައި ގިނައިން ޖެހެނީ ޒުވާނުން ކަމުގައި ވާތީވެ، ޒުވާނުން މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުން.
- ދީނީ ދަރުސްތަކުގައި ޢަޤީދާ ބޮޑަށް އޮޅުން ފިލުވައިދިނުން.
- އަދިވެސް މިފަދަ ފިކުރުތަކާއި އެއްގޮތް ފިކުރުތައް ހޯދާބަލާ ހޭލުންތެރިކުރުވުން.
- މިފަދަ ފިކުރުތައް އޮޅުން ފިލުވައިދިނުމަށް ފޯރަމްތަކާއި ބަހުޘްތައް ބޭއްވުން.
- މިފަދަ ފިކުރުތަކަކީ ކޮބައިކަން ބުނެދީ އެކަމަށް ހޭލުންތެރިކުރުމަށް ވެބްސައިޓުތަކާއި ބުލޮގުތަކާއި ސޯޝަލްމީޑިޔާ ވަސީލަތް ބޭނުންކޮށް ހެދުން.
- މިފަދަ ފިކުރުތަކަކީ ކޮބައިކަން ބަޔާންކޮށް ފޮތްތަކާއި ރިސާލާތަކާއި ލީފްލެޓްތައް ތައްޔާރުކޮށް ބެހުން.
- މިފަދަ ފިކުރުތައް އުފެދެން މެދުވެރިވާ ސަބަބުތައް ހޯދައި އެސަބަބުތައް ނައްތާލުން.
އަޅުގަނޑުމެންނަށް ވީ ވަރަކުން މިކަމާއި ދެކޮޅަށް މި ނޫނަސް އަދިވެސް އެހެނިހެން އިތުރު މަސައްކަތްތައްވެސް ކުރެވެން އެބަޖެހެއެވެ. ދުޢާއަކީ ﷲ މިކަމަށް ތައުފީޤު ދެއްވުމެވެ. ދުޢާއަކީ އިސްލާމީ ރަށެއްގެ ގޮތުގައި މިޤައުމު ﷲ ޙިމާޔަތްކޮށްދެއްވުމެވެ. އަދި ކުފުރާއި ނިފާޤާއި ފަސާދަތަކުން ސަލާމަތްވެގެންވާ ޤައުމެއްގެ ގޮތުގައި ލައްވައި އިސްލާމް ދީނާއި އެދީނުގެ އުޞޫލުތަކުގެ މައްޗަށް އަޅުގަނޑުމެންގެ ކަންކަން އިޞްލާޙުކުރެއްވުމެވެ.
وصلى الله وسلم على محمد و على آله و صحبه أجمعين. آمين.