الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ:
وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ [البقرة: ١٢٠]
މާނައީ: “އަދި ޔަހޫދީންނާއި ނަޞާރާއިންވެސް، އެބައިމީހުންގެ މިއްލަތަށް ކަލޭގެފާނު ތަބާވެއްޖައުމަށް ދާންދެން ދުވަހަކުވެސް ކަލޭގެފާނަކަށް ނުރުހޭނެއެވެ.”
އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه، ރަސޫލު الله صلى الله عليه وسلم އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ. قُلْنَا: يَا رَسُولَ اللَّهِ، الْيَهُودُ وَالنَّصَارَى؟ قَالَ: فَمَنْ؟!)) [رواه البخاري / كتاب: الإعتصام / باب: … لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ / رقم: ٧٣١٩ ]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. މުށަކަށްފަހު މުށެކެވެ. އެބައިމީހުން ضبّއެއްގެ [ސަހަރާތެރޭ އުޅޭ ބޮނޑެއްގެ] ހޮރަށް ވަންކަމުގައި ވިޔަސް، ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ.” ތިމަންބޭކަލުން ދެންނެވީމެއެވެ: “އޭ اللهގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ: “ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟”
ލޯބިވެރިންގެ ދުވަހުގެ އަޞްލު
ލޯބިވެރިންގެ ދުވަހަކީ ޤަދީމީ ރޫމީން ފާހަގަ ކުރަން ފެށި ޙަފްލާއެކެވެ. އެއީ މީގެ 17 ޤަރުނު ކުރިން އެމީހުން ބުދު ދީނުގެ އަހުލުވެރީންކަމުގައި ވަނިކޮށެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެއީ “ރޫހާނީ ލޯތްބެކެވެ”. މިގޮތުން މިހާރުވެސް ބައެއް ވެލަންޓައިންސް ކާޑުތަކުގައި ކިއުޕިޑް (CUPID) ގެ ކުރެހުންތައްވެއެވެ. އެއީ ދެ ވަރަ ލާފައި، ދުނިދަނޑިއަކާއި ތީރުތަކެއް ހިފައިގެން ވާ ކުޑަ ކުއްޖެއްގެ ޞޫރައެވެ. މިއީ ބުދަށް އަޅުކަން ކޮށް އުޅުނު ރޫމީންގެ ‘ލޯބީގެ ކަލާނގެ’ އެވެ.
ކޮންމެއަކަސް ނަޞާރާދީނަށް ބަދަލުވުމަށް ފަހުވެސް އެމީހުން އައީ މިޙަފްލާ ފާހަގަ ކުރަމުންނެވެ. އެކަމަކު އެއީ ފާދިރީ ވެލަންޓައިން އަށް ނިސްބަތް ކޮށް ‘ޝަހީދުންގެ ލޯބީގެ’ ދުވަހެއްގެ ގޮތުގައެވެ.
ފާދިރީ ވެލަންޓައިންއާއި މިޙަފްލާއާ ހުރި ގުޅުން
ރޫމީން ނަޞާރާދީނަށް އެނބުރުމަށް ފަހު އެދީން ވަރުގަދައަށް ފެތުރުމުން، ރޫމީންގެ ވެރިއަކަށް ހުރި އިމްބްރާތޫރް: ކްލޯޑިއަސް II، މީލާދީން 3ވަނަ ޤަރުނުގައި އެބައިމީހުންގެ ހަނގުރާމަވެރިންނަށް ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ. އެއީ ކައިވެނީގެ ސަބަބުން އެމީހުން ކުރަންޖެހޭ ހަނގުރާމަތަކަށް ފަސްޖެހޭނެތީއެވެ.
މިނިންމުމާ ފާދިރީ ވެލަންޓައިން އިދިކޮޅުވިއެވެ. އަދި ސިއްރުގައި ސިފައިންނަށް ކައިވެނި ކޮށްދޭން ފެށިއެވެ. މިކަން އިމްބްރާތޫރްއަށް އެނގުމުން ފާދިރީ ވެލަންޓައިން ޖަލަށް ލުމަށްފަހު މެރުމަށް ޙުކުމް ކުރިއެވެ. ޖަލުގައި ހުރިއިރު ފާދިރީ ވެލަންޓައިން، ޖަލު ބަލަހައްޓާމީހާގެ އަންހެން ދަރިފުޅާ ހިތާވިއެވެ. އެހެންނަމަވެސް މިކަމެއް ހިނގާ ދިޔައީ އެހާމެ ސިއްރިއްޔާތުގައެވެ. އެހެނީ ނަޞާރާއިންގެ ގާތުގައި، އެމީހުންގެ ފާދިރީންނާއި އަޅުވެރީން ކައިވެނި ކުރުމާ އަދި ލޯބިވުމަކީވެސް ޙަރާމް ކަމަކަށް ވާތީއެވެ.
ކަންމިހެންވީ ކަމުގައިވީ ނަމަވެސް، ނަޞާރާއިންގެ ގާތުގައި މިފާދިރީވީ ވަރަށް މަތިވެރި މީހަކަށެވެ. އެއީ ނަޞާރާދީނުގައި އޭނާ ވަރުގަދައަށް ޘާބިތުވެ ހުރުމުންނެވެ. އެއީ އިމްބްރާތޫރް، ފާދިރީ ވެލަންޓައިންއަށް އޭނާ ނަޞާރާދީން ދޫކޮށް ރޫމީންގެ ބުދު ކަލާނގެތަކަށް ރުޖޫޢަވެއްޖެނަމަ، މަޢާފުކޮށް އެންމެ އަރިސް މީހެއް ކަމުގައި ހަދާ އަދި އޭނާގެ ދަނބިދަރިއަކަށްވެސް ހަދާދޭނެ ކަމަށް (އަންހެން ދަރިފުޅާއި ކައިވެނި ކޮށްދޭނެކަމަށް) ވަޢުދުވުމުންވެސް އެކަމަށް އިންކާރުކޮށް ނަޞާރާދީން ޚިޔާރު ކުރީމައެވެ.
އެހެންކަމުން މީލާދީން 14 ފެބްރުއަރީ 270ގައި މިފާދިރީ މަރާލެވުނެވެ. މަރާލަން ހަމަޖެހިފައި އޮތްދުވަހު އޭނާ ގަނޑު ކޮޅެއްގައި، އެލޯބިވި އަންހެން ކުއްޖާއަށް އޭނާގެ އެއޯގާތެރިކަމާއި ގާތްކަމަށް ޝުކުރު އަދާކޮށް، އޭގައި “ލޯބިވާ ވެލަންޓައިންގެ ފަރާތުން” މިހެން ލިޔެ ކުޑަ ނޯޓުކޮޅެއް ބޭއްވިއެވެ. މިގޮތުން މިދުވަހަށް ‘ވެލަންޓައިންސް ޑޭ’ ގެ ނަމުން ނަންދެވި ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެން ފެށުނެވެ. (والله أعلم)
މުސްލިމުން މިދުވަސް ފާހަގަ ކުރުމަކީ ހުއްދަ ކަމެއްތަ؟
މަތީގައި ބަޔާންވެ ދިޔަ ޙަދީޘްގައި ވާގޮތަށް މިހާރު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މިދަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް، ކާފަރުންނާ ތަބާވަމުންނެވެ. ކޮންމެއަކަސް މިފަދަ ޙަފްލާއެއް މުސްލިމުން ފާހަގަ ކުރުމަކީ އެއްގޮތަކަށްވެސް ހުއްދަ ކަމެއްނޫނެވެ. އެދުވަހު އެކަކު އަނެކަކަށް ލޯބީގެ ކާޑުތަކާއި މެސެޖްތައް ފޮނުވާ އަދި ކުލަކުލައިގެ މާތައް ފޮނުވާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
((مَن تَشَبَّهَ بِقَومٍ فَهُوَ مِنْهُمْ.)) [أخرجه أبو داود / كتاب: اللباس / باب: في لبس الشهرة / رقم: ٤۰٢٤، وصححه الألباني في الإرواء رقم: ١٢٦٩]
މާނައީ: “ފަހެ ބަޔަކާ ވައްތަރުވެގެންވީ މީހަކީ އެބައެއްގެ ތެރެއިންވާ މީހެކެވެ.”
ދެމަފިރިންގެ ދެމެދުގައިވާ ޙަޤީޤީ ލޯތްބަކީ الله سبحانه وتعالى ލައްވަވާ އެއްޗެކެވެ. އަދި ހަމަ އެގޮތަށް ރަނގަޅު ހިތްހަމަ ޖެހޭ ދިރިއުޅުމަކީވެސް އެއިލާހު ދަެއްވާ އެއްޗެކެވެ.
ވީމާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންކަމުގައިވާނަމަ އަޅުގަނޑުމެންނަށް އޮތީ الله سبحانه وتعالى އެންގެވި ގޮތަށް ޢަމަލުކޮށް އެއިލާހުގެ މާތް ނަބިއްޔާ صلى الله عليه وسلم ހިންގެވި ފިޔަވަޅުތައް މަތީގައި ހިނގުމެވެ. ފަހެ އަޅުގަނޑުމެން އެންމެންނަކީވެސް އެފަދަ ބައެއް ކަމުގައި ލައްވާށިއެވެ! آمين.
وصلّى الله وسلّم وبارك على نبيِّنا محمّد وعلى آله وصحبه أجمعين.