ޞަދަޤާތް ދޭއިރުގައި ވަންހަނާކުރުމަކީ ޞަދަޤާތް ދޭ މީހާ ދެއްކުންތެރި ކަމުން ދުރުކޮށްދޭ ކަމެކެވެ. އަދި ޞަދަޤާތް ދޭމީހާގެ ނިޔަތް އިޙްލާސްތެރި ކޮށްދިނުމަށް އެހީތެރިވެދެއެވެ. ޞަދަޤާތް ދޭއިރުގައި ވަންހަނާކުރުމުގެ މާނައަކީ ކާކު ދިން އެއްޗެކަން ނޭނގޭ ގޮތަށް ޞަދަޤާތް ފޯރުކޮށްދިނުމެވެ. އެހެންކަމުން ޞަދަޤާތް ދޭ މީހާއަކީ ކާކު ކަމެއް މީސްތަކުންނަށް ނޭނގޭނެއެވެ. އެ ޢަމަލު އޮތީ އޭނާ އާއި އޭނާގެ ވެރިރަސްކަލާނގެ އާއި ދެމެދުގައެވެ. ޞަދަޤާތް ދޭއިރުގައި ވަންހަނާކުރުން، ޞަދަޤާތް ފާޅުކުރުމަށްވުރެ ހެޔޮކަންބޮޑެވެ. އަދި ހަމައެއާއެކު ﷲ ޞުބްހާނަހޫ ވަތަޢާލާ ވަނީ މިކަމުގެ މާތްކަން ކީރިތި ޤުރުއާނުގައި ބަޔާން ކޮށްދެއްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
(( إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّئَاتِكُمْ ۗ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ)) [2:271]
މާނައީ: “ޞަދަޤާތް ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅުކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަގާތްތައް ފަޤީރުންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން ބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުށްތަކުން ބައެއް އެކަލާނގެ ފުއްސަވާނެކަމެކެވެ. ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
އަދި، ހަމައެއާ އެކު ޞަދަގާތް ވަންހަނާކޮށްދޭ މިހުންނަށް ބޮޑުވެގެންވާ އަޖުރު ހުރި ކަމުގެ އުފާވެރި ޙަބަރު މި އުންމަތުގެ ރަސޫލާ ވަނީ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވޭއެވެ.
” سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ ” متفق عليه ، رواه البخاري (2/144-174) ومسلم برقم 1712 ، وغيرهما .
މާނައީ: ” ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ، ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ އަދުލުވެރި ވެރިޔާ، އަދި މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާ، އަދި އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާ، އަދި މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުން، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިނގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާ، އަދި ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާ، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަވުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ”.
( ބުޚާރީ 174-144/2) އަދި މުސްލިމް 1712)
وصلى الله وسلم على محمد و آله صحبه أجمعين. آمين.