الحمد لله رب العالمين. والصلاة و السلام على أشرف الأنبياء والمرسلين. و بعد:
ނަމާދަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ދެވަނަ ރުކުނެވެ. އަދި ނަމާދުގެ މުހިންމުކަމާއި ބެހޭގޮތުން ކުރިންވާނީ އެކަމުގެ މައްޗަށް އަލިއަޅުވާލެވިފައެވެ. މިފަހަރު މިއަލިއަޅުވާލަނީ މިމަތިވެރި އަޅުކަން ދޫކޮށްލުމާ ބެހޭގޮތުންނެވެ. އެހެނީ މިފަދަ މަތިވެރިއަޅުކަމެއް ކުރުމުގެ މުހިންމު ކަން އެނގޭފަދައިން މިފަދަ މަތިވެރި އަޅުކަމެއް ދޫކޮށްލުމަކީވެސް ކިހާވަރެއްގެ ކަމެއްކަން އަޅުގަނޑުމެން މުސްލިމުންނަށް އެނގުމަކީ ލާޒިމުކަމެކެވެ.
ނަމާދު ދޫކޮށްލުމުގެ ޙުކުމް.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދާއި ބެހޭގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ…) (1)
މާނައީ: “ހުރިހާ ކަމެއްގެ އެންމެ އިސްކަމަކީ އިސްލާމްކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ…”
ތަނބަކީ ގޭގެ ފުރާޅު ނުވަތަ މަތީ ބައިތައް ހަރުކޮށްދޭ އެއްޗެވެ. އެތަނބު ހަލާކުވެއްޖެނަމަ ގެ ވެއްޓޭނެއެވެ. މަތީގައިވާ ބުރިތައްވެސް ވެއްޓޭނެއެވެ. އިސްލާމްދީނުގައި ނަމާދަކީވެސް މިފަދަ ކަމެކެވެ. އަޅުގަނޑުމެންގެ ދީން ލައްކޮށްފައި ހުންނަ ތަނބަކީ އެއީއެވެ. އެ ދޫކޮށްލައިފިނަމަ، ތަނބުދޫކޮށްލައިފިނަމަ ދެން ބާކީ އޮންނާނީ ކޮންއެއްޗެއްތޯއެވެ؟
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަކީ ކިހާވަރެއްގެ ކަމެއްކަން ބަޔާންކޮށްދެއްވައި ޙަދީޘްކުރައްވާފައިވެއެވެ. (الْعَهْدَ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ) (2) މާނައީ: “އަހަރެމެން މުސްލިމުންނާ ކާފަރުވީ މީސްތަކުންނާ ދެމެދުގައިވާ ފަރަޤަކީ ހުރަހަކީ ނަމާދެވެ. ފަހެ އެކަން ދޫކޮށްލައިފިމީހާ ކާފަރުވެއްޖެއެވެ.”
އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.
(إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ) (3)
މާނައީ: “ހަމަކަށަވަރުން ޝިރުކާއި ކުފުރާއި މީހާ ވަކިކޮށްދޭ އިންފާރަކީ ނަމާދުއެޅުމެވެ.” މި ދެޙަދީޘުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުފުރާއި ޝިރުކު ކުރުމާއި މުސްލިމުން ވަކިކޮށްދޭ ކަމަކީ، އެބަހީ ކާފަރުވުމުން، ތަފާތުކޮށްދޭ ކަމަކީ ނަމާދުއެޅުންކަމުގައި މިވަނީ ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން ނަމާދު އެޅުމުން މި ތަފާތު މި އިންފާރު ލުހިގެން ދެއެވެ. އެހެންކަމުން ކުފުރާއި ޝިރުކަށް އެމީހަކު ވެއްޓިގެންދެއެވެ.
ނަމާދު ކުރުން ދޫކޮށްލައިފިނަމަ، ދޫކޮށްލާ މީހާ ދީނުންބޭރުވާނެކަމަށް ހުރިހާ ޞަޙާބީބޭކަލުން އިޖުމާޢުވެވަޑައިގަންނަވައެވެ. ތާބިޢީ ބޭކަލުންގެ(4) ތެރެއިން އެންމެ ހެޔޮބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ބިން ޝަޤީޤް ރަޙިމަހުﷲ ބަޔާންކުރައްވައެވެ. “ޢަމަލުތަކުގެ ތެރެއިން އެކަމެއް ދޫކޮށްލުމުން ކުފުރުވާނެކަމަށް ޞަޙާބީ ބޭކަލުން ދެކެވަޑައިނުގަންނަވައެވެ. ނަމާދު މެނުވީއެވެ.” (5). އެބަހީ: ނަމާދު ދޫކޮށްލައިފިނަމަ އަޅައިފިނަމަ ކުފުރުވާނެ ކަމަށް ދެކެވަޑައިގަންނަވައެވެ.
ޢުމަރު ބިން ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. (لَا حَظَّ فِي الْإِسْلَامِ لِمَنْ تَرَكَ الصَّلَاةَ) (6)
މާނައީ: “އިސްލާމްދީނުގައި ނަމާދު ދޫކޮށްލައިފި މީހަކަށް އިސްލާމްކަމުގެ އެއްވެސް ނަސީބެއް ނުވެއެވެ.”
އެފަދައިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއިރު އެކަލޭގެފާނު އޮންނެވީ މަރުގެ ދާންމަތީގައެވެ. އޭރު އެކަލޭގެފާނުގެ ގައިކޮޅަށް ވަޅިހެރުނުތަނުން ލޭ އޮހޮރެމުންދިޔައެވެ. ނަމަވެސް ނަމާދަށް ފަރުވާ ކުޑަ ނުކުރައްވައި އެކަލޭގެފާނު އެހާލުކޮޅުގައިވެސް ނަމާދުކުރެއްވިއެވެ.
“އަދިވެސް ޢުމަރު، ޢަބްދުއްރަޙުމާނު ބިން ޢައުފް އަދި މުޢާޛް ބިން ޖަބަލު ، އަބޫހުރައިރާ ރަޟިޔަﷲ ޢަންހުން ފަދަ ބޭފުޅުންގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަމާދުގެ ވަޤުތު ފާއިތުވެއްޖައުމަށް ދާންދެން، ޤަސްތުގައި އެންމެ ފަރުޟު ނަމާދެއް އަޅައިފިކަމުގައިވާނަމަވެސް، އެމީހަކު މުރުތައްދުވެފައިވާ ކާފަރެކެވެ. އަދި އެކަމުގައި އެއްވެސް ޞަޙާބީ ބޭކަލެއް ޚިލާފުވެ ވަޑައިގަންނަވާކަމެއް އެނގޭކަށެއްނެތެވެ.” (7)
އެހެންކަމުން މިހުރިހާ ކަމަކުން ނަމާދު އެޅުމުގެ ޙުކުމަކީ ކޮބައިކަން އަޅުގަނޑުމެންނަށް އޮޅުންފިލައިގެން ހިނގައްޖެއެވެ.
ނަމާދު އެޅުމުގެ ސަބަބުން އާޚިރަތުގައި ލިބޭ ޢަޒާބު.
އަދި ނަމާދު ނުކުރުމުގެ ސަބަބުން ނަރަކައަށް އެއްލޭ މީސްތަކުންގެ ތެރޭގައިވެއެވެ. އެކަމާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ. (مَا سَلَكَكُمْ فِي سَقَرَ، قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ) سورة المدثر: 42-43
މާނައީ: ” (ބުނެވެއެވެ.)ފަހެ ތިޔަބައިމީހުން ސަޤަރަށް އެއްލުނީ ކީއްވެގެން ހެއްޔެވެ؟ އެބައިމީހުން ބުނެއެވެ. ފަހެ ނަމާދު ނުކުރާ މީހުންކަމުގައި ތިމަންމެން ވީމުއެވެ.”
އަދި ސަޤަރަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ﷲ ވަޙީކުރައްވަފައިވެއެވެ.
( وَمَا أَدْرَاكَ مَا سَقَرُ، لَا تُبْقِي وَلَا تَذَرُ، لَوَّاحَةٌ لِّلْبَشَرِ) سورة المدثر: 27-28-29
މާނައީ: “އަދި ސަޤަރަކީ ކޮންތަނެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. އެއްވެސް (ފާފަވެރިޔަކު) އެނަރަކަ ދޫނުކޮށްލައެވެ. އަދި (އަންދައިނުލާ އެއްވެސް އެއްޗެއްވެސް) ދޫނުކުރެއެވެ. ހަންގަނޑު އަންދާލައެވެ.”
ސަޤަރާ ބެހޭގޮތުން އެއީ ނަރަކައިގެ ނަމެއްކަމުގައި ބުނެވޭއިރު އެއީ ނަރަކައިގެ ހަވަނަ ދަރަޖަ ކަމުގައިވެސް ބައެއް ތަފުސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ވީމާ ނަމާދާއި މެދު ރައްކާތެރިވުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ އަޅުގަނޑުމެން ބޮލުގައި އެޅިފައިވާ ވަރަށްބޮޑު ޒިންމާއެކެވެ. ދުޢާއަކީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނަކީ ނަމާދަށް ރައްކާތެރިވާ ބައެއްކަމުގައި ލެއްވުމެވެ.
وصلى الله وسلم على محمد و آله وصبه أجمعين. آمين.
މަޞްދަރުތައް.
- رواه الترمذي (2616) و صححه الألباني. (2) الترمذي (2621) و صححه الألباني.
- رواه مسلم 82. (4) ތާބިޢީ ބޭކަލުންނަކީ ޞަޙާބީ ބޭކަލުންނާއި ބައްދަލުވެ އީމާންކަންމަތީ އަވަހާރަވީ ބޭކަލުންނަށް ކިޔޭނަމެކެވެ.
(5) رواه الترمذي (2622) و صححه الالباني.
(6). رواه عبد الرزاق في المصنف (923) و صححه الألباني.
(7). محلى لابن حزم.