[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުށުސަޖިދަ ޖެހުމާއި ބެހޭ ޙުކުމްތައް 8: ރިސާލާގެ ޚުލާޞާ

ksajida-300x209الحمد لله رب العالمين. والصلاة و السلام على حبيبنا محمد و آله و صحبه أحمعين و بعد:

ޢައްލާމާ އިބުނު އަލްޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.

“ރިސާލާގެ ޚުލާޞާ.

އިސްވެދިޔަ މަޢުލޫމާތުގެ އަލީގައި އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ ކުށު ސަޖިދަ ބައެއް ފަހަރު ޖަހަންޖެހެނީ ސަލާމްދިނުމުގެ ކުރީންނެވެ. އަނެއްބައި ފަހަރު ސަލާމްދިނުމަށް ފަހުގައެވެ.

ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަ ޖަހަންޖެހެނީ ދެ ޙާލަތެއްގައެވެ.

  1. ފުރަތަމައީ: (ނަމާދުން) އުނިވެއްޖެނަމައެވެ. (ދަލީލަކީ) ޢަބްދުﷲ ބިން ބުޙައިނާ ރަޟިޔަﷲ ޢަންހުގެ މިޙަދީޘެވެ.

ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފުރަތަމަ އައްތަޙިއްޔާތު ދޫކޮށްލެވުމުގެ ސަބަބުން ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަ ޖެއްސެވިއެވެ. އެޙަދީޘްގެ ލަފުޒު ކުރިން އިސްވެހިނގައްޖައެވެ.

  1. ދެވަނައީ: ޝައްކުވުމަށްފަހު ކޮޅަކުންކުރެ ކޮޅަކަށް ބުރަނުވެވިއްޖެނަމައެވެ. (ދަލީލަކީ) އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ އަންހުގެ ޙަދީޘެވެ. އެއީ މީހަކު ނަމާދުގައި ކުރެވުނު ރަކުޢަތްތަކުގެ ޢަދަދު ތިނެއްތޯ ނުވަތަ ހަތަރެއްތޯ ނޭނގިއްޖެނަމަ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވީ ސަލާމްދިނުމުގެ ކުރިން (ކުށު ސަޖިދާގެ) ދެސަޖިދަޖެހުމަށެވެ. ޙަދީޘްގެ ލަފުޒު އިސްވެ ބަޔާންވެ ހިނގައްޖެއެވެ.

އަދި ސަލާމްދިނުމު ފަހުން ކުށު ސަޖިދަޖަހަންޖެހެނީ ދެޙާލަތެއްގައެވެ.

  1. ފުރަތަމައީ: (ނަމާދަށް) އިތުރުވެއްޖެނަމައެވެ. (ދަލީލަކީ) ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ޙަދީޘެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރު ނަމާދުން ފަސްރަކުޢަތް ކުރެއްވުމުން، ސަލާމްދެއްވުމުގެ ފަހުން ހަނދާންކޮށްދެވުމުން (ކުށު ސަޖިދައިގެ) ދެސަޖިދަ ޖައްސަވައި ސަލާމްދެއްވިއެވެ. އަދި ސަލާމްދިނުމަށްފަހުގައި ކުށުސަޖިދަ ޖެއްސެވީ، ސަލާމްދިނުމަށްފަހު އެނގުމުން ކަމުގައި ބަޔާންވެފައެއް ނެތެވެ. އެހެންކަމުން ޢާންމު ޙުކުމުގެ މައްޗަށް އެކަމުންދަލީލުކުރެއެވެ. އެހެންކަމުން ހަމަކަށަވަރުން ސަލާމްދިނުމުގެ ކުރިން އެނގުނަސް އަދި ފަހުން އެނގުނަސް އިތުރުވެއްޖެނަމަ، ކުށު ސަޖިދަ ޖަހަންޖެހޭނީ ސަލާމްދިނުމަށްފަހުގައެވެ.

އެގޮތުން: ނަމާދު ފުރިހަމަ ނުވަނިސް ހަނދާން ނެތިގެން ސަލާމްދިނުމަށްފަހު، ހަނދާވުމުން (ފުރިހަމަނުވާބައި) ފުރިހަމަކުރުމުން، އޭނާއަށް އެވަނީ ނަމާދުގެ ވަޤުތުގައި ސަލާމެއް އިތުރުކުރެވިފައެވެ. އެހެންކަމުން އޭނާ (ކުށު) ސަޖިދަޖެހުންވަނީ ސަލާމްދިނުމަށްފަހުގައެވެ. އެއީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ޙަދީޘްގެ މަތީންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރު ނުވަތަ ޢަޞްރު ނަމާދު ދެރަކުޢަތް ކުރައްވާފައި، ސަލާމްދެއްވުމުން ހަނދާންކޮށްދެވުނީމާ، (ކުށު ސަޖިދައިގެ) ދެސަޖިދަ ޖައްސަވައި ސަލާމްދެއްވިއެވެ. ޙަދީޘްގެ ލަފުޒު ކުރިން އިސްވެހިނގައްޖެއެވެ.

  1. ދެވަނައީ: ޝައްކުވުމަށްފަހު (ޝައްކުވީ)ދެކޮޅުން ކުރެ ކޮޅަކަށް ބުރަވެވިއްޖެނަމައެވެ. (ޔަޤީންވެއްޖެނަމައެވެ.) ދަލީލަކި އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ޙަދީޘެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހެއްގެ ނަމާދުގައި ޝައްކުވެއްޖެނަމަ، ބޮޑަށްބުރަވެވުނު ކޮޅު ޚިޔާރުކުރުމަށްފަހު އޭގެ މައްޗަށް ނަމާދު ނިންމާ ސަލާމްދޭނީއެވެ. އެޔަށްފަހު (ކުށުސަޖިދައިގެ) ދެސަޖިދަ ޖަހައި ސަލާމްދޭނީއެވެ. އެޙަދީޘް ކުރިން ބަޔާންވެ ހިނގައްޖެއެވެ.

(ސަލާމްދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހަން ޖެހޭ ފަދަ ކުށަކާއި ސަލާމްދިނުމުގެ ފަހުން ކުށު ސަޖިދަ ޖަހަންޖެހޭ ފަދަ ކުށެއް، ނަމާދުގައި ކުރެވިއްޖެނަމަ ހަދާނީ ކިހިނެއް؟)

ނަމާދުގައި ދެކުށް ޖަމާވެއްޖެނަމަ، އެއީ ސަލާމްގެ ކުރިން ސަޖިދަޖެހުމަކާއި އަދި ދެވަނަ މަޤާމެއްގައި ސަލާމުގެ ފަހުން (ކުށު) ސަޖިދަ ޖެހުމެއް އައިސްފިނަމަ، އެކަމާއި މެދު ޢިލްމުވެރިން ވިދާޅުވަނީ ކުށު ސަޖިދަޖެހުން ސަލާމްދިނުމުގެ ކުރިޔަށް އިސްވާނެކަމަށެވެ.

އެކަމުގެ މިޘާލެއް: މެންދުރު ނަމާދުކުރަމުން ދިޔަ މީހަކު، ފުރަތަމަ އައްތަޙިއްޔާތުގައި ނުއިށީނދެ ތިންވަނަ ރަކުޢަތަށް ތެދުވެއްޖެއެވެ. އެޔަށްފަހު ތިންވަނަ ރަކުޢަތް އެއީ ދެވަނަ ރަކުޢަތްކަމަށް ހީކޮށް އެރަކުޢަތުގައި އައްތަޙިއްޔާތަށް އިށީނދެއްޖެއެވެ. އެޔަށްފަހު އެއީ ތިންވަނަ ރަކުޢަތްކަމަށް ހަނދާންވެއްޖެއެވެ. ފަހެ އޭނާގެ މައްޗަށްވަނީ ހަތަރުވަނަ ރަކުޢަތަށް ތެދުވެ ރަކުޢަތް ފުރިހަމަކޮށް (ސަލާމްދިނުމުގެ ކުރިން) ކުށު ސަޖިދަ (ދެސަޖިދަ) ޖަހައި ސަލާމްދިނުމެވެ.

މިމީހާ ފުރަތަމަ އައްތަޙިއްޔާތު ދޫކޮށްލީއެވެ. އެހެންކަމުން ކުށު ސަޖިދަޖެހުންވަނީ ސަލާމްދިނުމުގެ ކުރީންނެވެ. އަދި ތިންވަނަ ރަކުޢަތުގައި އިތުރު އިށީނުމެއް އިށީނީއެވެ. އޭރުން ކުށު ސަޖިދަ ވަނީ ސަލާމްދިނުމަށްފަހުގައެވެ. (އެހެންކަމުން ދެކުށް ޖަމާވުމުގެ ސަބަބުން) ކުށު ސަޖިދަ ޖެހުން ސަލާމް ދިނުމުގެ ކުރިޔަށް އިސްވީއެވެ. والله أعلم.

އަޅުގަނޑުމެންނަށާއި އަދި މުސްލިމު އަޚުންނާއި އުޚުތުންނަށް ތައުފީޤު ދެއްވުމާއި އެއިލާހުގެ ފޮތް ފަހުމްކޮށްދެއްވުމާއި އެއިލާހުގެ ރަސޫލާގެ ސުންނަތް ފަހުމްކޮށްދެއްވުމާއި، އެދޭތީގެ މައްޗަށް ސިއްރާއި ފާޅުގައި ޢަޤިދާގެ ގޮތުންނާއި އަޅުކަމުގެ ގޮތުންނާއި އަދި މުޢާމަލާތުގެ ގޮތުން އަޅުގަނޑުމެން އެންމެނަށް ހެޔޮޖަޒާދެއްވުން އެދި އަދި އެކަންކަމަށް ތަޢުފީޤުދެއްވުން އެދި ﷲގެ ކިބައިން ދަންނަވަމެވެ. އެއިލާހަކީ އެންމެދީލަތި ދެއްވުންއެންމެ ގިނަ އިލާހެވެ.

والحمد لله رب العالمين. وصلى الله وسلم  على نبينا محمد و على أله وصحبه أجمعين.

تم تحرير بقلم الفقير إلى الله تعالى محمد الصالح العثيمين –رحمه الله- في 4/3/1434هـ.

ތަރުޖަމާކޮށް ނިމުނީ 27 ޖެނުއަރީ 2015 އަންގާރަދުވަހު 6 ރަބީޢުލްއައްވަލު 1436 ގައި މަދީނަތުއް ނަބަވިއްޔާގައެވެ.
الحمد لله الذي بنعمته تتم الصالحات

ރިސާލާގެ އިތުރުބައިތައް ވިދާޅުވެލައްވާ