[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދޮގު ހެދުމަކީ ހަރާމްކަމެއް ކަމާއި އެކަމުން ދުރުވުން

download-1

 ދޮގަކީ، އެކަމެއް ހިނގައިދިޔަ ގޮތާއި ޙިލާފަށް ބުނެވޭ ބަހެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު ނުހަނު ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ. ދޮގުހަދާ މީހުންނަކީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންކަމުގައި ﷲ ޞުބްޙާނަހޫ ވަތައާލާ ވަޙީކުރައްވާފައިވޭއެވެ.

إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (سورة النحل, 105)

މާނަ: ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ.

އަދި އެކަލޭގެފާނު ޚަބަރުދެއްވާފައިވާ ގޮތުގައި ދޮގުހެދުމަކީ ފާފައެކެވެ. އަދި އެކަން މަގުދައްކަނީ ނަރަކައަށެވެ. ދޮގުހެދުމުގައި ދެމިހުރެއްޖެ މީހާ، ﷲ ގެ ޙަޞްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވޭހުއްޓެވެ.

މިކަންބަޔާން ކުރައްވައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]

މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.

ދޮގުހެދުމަކީ ނިފާޤުކަމާއި ގުޅިފައިވާ ޢަމަލެކެވެ. ދޮގުހެދޭކަން އިޙްސާސްވާނަމަ، އެއީ ތިބާގެ ގައިގައި ނިފާޤުކަމުގެ މިންވަރެއް ހުރިކަމުގެ ހެއްކެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  

((آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ)) [رواه البخاري]

މާނައަކީ: “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ. އަދި ވަޢްދެއްވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.”

ދޮގު ހެދުން ތިން ޙާލަތެއްގައި ހުއްދަކުރެއްވިއެވެ. އެ ގޮތުން ހަނގުރާމައިގެ މައިދާނުގައްޔާއި، ދެމަފިރިންގެ ދޭތެރޭގައި ސުލްޙަ ޤާއިމު ކުރުމަށާއި އަދި މީސްމީހުންގެ މެދުގައި ފިތުނަ ފެތުރުނަ ނުދިނުމަށްޓަކައި ދޮގު ހެދުން އިސްލާމްދީން ހުއްދަކުރައްވައެވެ.

عَنْ أَسْمَاءَ بِنْتِ يَزِيدَ رضي الله عنها قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَا يَحِلُّ الْكَذِبُ إِلَّا فِي ثَلَاثٍ : يُحَدِّثُ الرَّجُلُ امْرَأَتَهُ لِيُرْضِيَهَا ، وَالْكَذِبُ فِي الْحَرْبِ ، وَالْكَذِبُ لِيُصْلِحَ بَيْنَ النَّاسِ ) . والحديث صححه الألباني في صحيح الترمذي .

މާނަ: އަސްމާއު ބިންތި ޔަޒީދު ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ތިން ޙާލަތެއްގައި މެނުވީ ދޮގުހެދުން ހުއްދަވެގެންނުވެއެވެ. އަނބިމީހާ ރުއްސުމަށް ފިރިމީހާ ދޮގުހެދުމާއި، އަދި ހަނގުރާމައިގެ މައިދާނުގައި ދޮގުހެދުމާއި، އަދި މީސްތަކުގެ މެދުގައި ޞުލްޙަ ގާއިމުކުރުމަށްޓަކައި ދޮގުހެދުމެވެ.

އިސްވެދިޔަ ބަސްފުޅުތަކުން އެނގިގެންދަނީ، ދޮގުހެދުމަކީ އިސްލާމްދީނުގައި ޙަރާމްކަމެކެވެ. އަދި ދޮގުގެ ސަބަބުން މުޖްތަމަޢު ފަސާދަވެގެންދެއެވެ. ދޭދޭ ގުޅުން ކެނޑިގެންދެއެވެ. އަދި އެކަމާއި، ނިފާޤުކަމާއި ހުރި ގުޅުން އެނގިގެންދެއެވެ. ދޮގުގެ ސަބަބުން ފާފަތަކަށް އަރައިގަތުމަށް ދޮރެއް ހުޅުވިގެންދެއެވެ. އަދި ނަރަކައަށް ވަނުމުގެ ސަބަބެއްކަމުގައި އެކަން ވެގެންދެއެވެ. ދޮގުހެދުމުން ރައްކާތެރިވެވޭނީ ތެދުހެދުމުގައި ޘާބިތުވެގެންނެވެ. ﷲ ޞުބްޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރި ވެގެންނެވެ.

وصلى الله وسلم على محمد و آله صحبه أجمعين. آمين.