ދުނިޔެމަތީގައި އެކި އިންސާނުންނަށް ﷲ ތަޢާލާގެ ރިޒުޤު ދެއްވައިފައިވަނީ އެކިމިންވަރަށެވެ. ބައެއް މީހުންނަކީ ތަނަވަސް މުއްސަނދި މީހުންކަމުގައި ލައްވަވާފައިވާއިރު އަނެއްބައި މީހުންނަކީ ނިކަމެތި ފަޤީރުންނެވެ. އަދި މިއިލާޙީ ސުންނަތުގެ ދަށުން މިދުނިޔޭގައި މީސްތަކުން އިމްތިޙާން ކުރެވެމުންދެއެވެ. އެހެންނަމަވެސް އަޅާ އެނާގެ ރިޒުޤު ތަނަވަސްވެ އިތުރުވެ އޭގައި ބަރަކާތް ލެއްވުމަށް އެދޭނަމަ ކުރަންވީ ކަންކަން ﷲ ތަޢާލާއާއި އެއިލާޙުގެ ރަސޫލާ (صلى الله عليه وسلم) ބަޔާންކޮށްދެއްވައިފައިވެއެވެ.
- ﷲއަށް ތަޤްވާވެރިވުން
ތަޤްވާވެރިވުމަކީ ﷲ ތަޢާލާ އަމުރުކުރައްވައިފައިވާ ކަންކަން ކުރުމާއިއެކު ނަހީކުރައްވައިފައިވާ ކަންކަމުން ދުރުވެހުރުމެވެ. އެހެނީ އަޅާ ކޮންމެފަދަ ދަތި ޙާލެއްގައި ހުރިކަމުގައި ވިޔަސް އެއިލާޙަށް ތަޤްވާވެރިވެ ބިރުވެތިވެއްޖެ ނަމަ ހީނުކުރާފަދަ ގޮތަކަށް އެހުރި ދަތިކަމަކުން ސަލާމަތް ކުރައްވަވާ ރިޒުޤު ދެއްވާނެތެވެ. ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ.
( وَمَنْ يَتَّقِ اللهَ يَجْعَلْ لَهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لا يَحْتَسِبُ ) (سورة الطلاق 2,3)
މާނައީ: ” އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.”
- ފާފަފުއްސެވުމަށް އެދި ދުޢާކުރުން ގިނަކުރުން
ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ.
(فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا * وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ) (سورة نوح 10, 11, 12)
މާނައީ: ” ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.”
- ﷲ ތަޢާލާއަށް ވަކީލުކުރުމާއިއެކު ސަބަބުތަކުގައި ހިފުން
ﷲ ތައާލާއަށް ހުރިހާކަމެއްގައި ވަކީލުކޮށް އެއިލާޙުގެ ހަޟްރަތުން މަދަދަށްއެދި އެކަމެއް ޙާސިލުކުރުމަށް ބޭނުންވާނެ ސަބަބުތުގައި ހިފުމަކީވެސް ރިޒުޤު ތަނަވަސްކުރަން އެދޭމީހާ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން ރިޒުޤަކީ ލިޔެވިފައިވާ އެއްޗެކޭ ބުނެ އެހޯދަން މަސައްކަތް ނުކޮށް ގޭގެ އެނދުގައި އޮތުމަކީ އިސްލާމީ އަޤީދާއާއި ޚިލާފްކަމެކެވެ. ވަކީލުކުރާމީހާއަށް އެހީތެރިވެ މަދަދުވެރިވާނެ ފަރާތަކަށް ﷲ ތަޢާލާ ފުދިވޮޑިގެންވެއެވެ. އެހެންވެ ވަކީލުކުރުމާއިއެކު އަޅާއަށް އޮތީ މަސައްކަތްކުރުމެވެ. ﷲ ތައާލާ ވަޙީކުރައްވައިފައިވެއެވެ.
(هُوَ الَّذِي جَعَلَ لَكُمُ الأَرْضَ ذَلُولاً فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ وَإِلَيْهِ النُّشُورُ) (سورة الملك 15)
މާނައީ: ” އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ”
=ނުނިމޭ=