[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޭޕްރިލް ފޫލް…އެވަރުގެ ކަމެއްތަ! 2

މަޖަލަކަށްވެސް ދޮގެއް ހެދުމަކީ މައްސަލައެއްތަ؟

ޖަވާބަކީ އާނއެކެވެ. އޭޕްރިލް ފޫލް ނުވަތަ ކުޑަކުދިން ހައްދާލަން ނުވަތަ އެނޫންކަމަކަށް ވެސް ދޮގު ހެދުމަކީ އިސްލާމްދީން މަނާކުރާކަމެކެވެ. ނަމަވެސް މަޖާކުރުމާއި ހައްދުފަހަނައަޅާފައިވާ މީހުން ދެކޭގޮތުގައި މަޖާކޮށް ހުނުމަށްޓަކައި ޖޯކެއްގެ ގޮތުގައި ދޮގުހެދުމަކީ މާބޮޑު މައްސަލައެއް ނޫނެކެވެ. އެގޮތުން އޭޕްރިލް މަހުގެ ފުރަތަމަދުވަހުވެސް މީހަކު މޮޔަ ހެއްދުމަށްފަހު އޭނާ ކުރާ ކަންކަމަށް މަލާމަތްކޮށް ހީނ ސަކަރާތްޖަހާލުމަށް މިފަދަ ދޮގު މަކަރުތައް ހަދަނީއެވެ. އެހެން ނަމަވެސް އިސްލާމްދީނުގައި ސަމާސާއަށް ވިޔަސް ދޮގުހެދުން ހުއްދަކުރައްވައިގފައެއް ނުވެއެވެ.

رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : ” وَيْلٌ لِمَنْ يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ , وَيْلٌ لَهُ , وَيْلٌ لَهُ , وَيْلٌ لَهُ “(  الكتب » مسند عبد الله بن المبارك   » ويل لمن يحدث فيكذب ليضحك به القوم , ويل له , ويل .. )

اللهُގެ ނަބިއްޔާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރައްވައިފައިވެއެވެ. [މީހުން ހެއްވުމަށްޓަކައި ހަދަހަދައިގެން ދޮގު ވާހަކަ ދައްކާ މީހާއަށް ހަލާކު ހުއްޓެވެ. އަދި އޭނާއަށް ހަލާކު ހުއްޓެވެ. އަދި އޭނާއަށް ހަލާކު ހުއްޓެވެ.] މިފަދައިން ތަކުރާރުކޮށް ޙަދީޘްކުރެއްވިއެވެ.

ދޮގުހަދާމީހާގެ ހަށިގަނޑުގައި އެންމެ ފަހުން އޭނާގެ އެ ނުބައި އަށަގަންނާނެއެވެ. ދޮގު ހެދުމަށް އާދަވުމުން، ކިތަންމެ ބޮޑު ދޮގެއްހެދުމަށް ވެސް އެ މީހަކު ފަހެއްނުޖެހޭނެއެވެ. އަދި ދޮގުހެދުމުގައި އެފަދަމީހާ ދެމިހުރެ އެންމެ ފަހުން اللهُގެ ޙަޟްރަތުގައި ލިޔެވި ސިއްކަޖެހިގެން ދަނީ ދޮގުވެރިއެއްގެ ގޮތުގައެވެ. ނަތީޖާއަކަށްވަނީ، ތެދުވެރީންނާއި ތަޤުވާވެރީންނަށް ދެއްވުމަށް اللهُ ސުބްޙާނަޙޫ ވަތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ސުވަރުގެއިން އޭނާ މަޙްރޫމްވުމެވެ. މިކަމަށް އިޝާރަތްކުރައްވާ ރަސޫލާ (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޡްކުރައްވައިފައިވެއެވެ.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِنَّ الصِّدْقَ بِرٌّ ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ ، وَإِنَّ الْعَبْدَ لَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا ، وَإِنَّ الْكَذِبَ فُجُورٌ ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ ، وَإِنَّ الْعَبْدَ لَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ كَذَّابًا “( الكتب » صحيح مسلم » كِتَاب الْبِرِّ ، وَالصِّلَةِ ، وَالْآدَابِ » بَاب قُبْحِ الْكَذِبِ ، وَحُسْنِ الصِّدْقِ ، وَفَضْلِهِ … )

اللهُ ރުއްސުންލެއްވި ޢަބްދުاللهُ ބްނު މަސްޢޫދު ރިވާކުރެއްވިއެވެ. [ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ހަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ތެދުވެރިކަމަކީ ހެޔޮކަމެކެވެ. އަދި ހަމަކަށަވަރުން ހެޔޮ ކަންތައް މަގުދައްކަނީ ސުވަރުގެއަށެވެ. އަދި ހަމަކަށަވަރުން، اللهُގެ ހަޟްރަތުގައި އެ މީހަކީ ތެދުވެރިއެއް ކަމުގައި ލިޔެވިއްޖައުމަށް ދާންދެން، އެ މީހަކު ތެދު ބުނުމުގައި ދެމިހުރެއެވެ. އަދި ހަމަކަށަވަރުން ދޮގުހެދުމަކީ ފާޖިރު (ނުބައި) ކަމެކެވެ. އަދި ހަމަކަށަވަރުން ފާޖިރުކަން މަގުދައްކަނީ ނަރަކައަށެވެ. އަދި ހަމަކަށަވަރުން، اللهُގެ ހަޟްރަތުގައި އެ މީހަކީ ދޮގުވެރިއެއް ކަމުގައި ލިޔެވިއްޖައުމަށް ދާންދެން، އެ މީހަކު ދޮގުހެދުމުގައި ދެމިހުރެއެވެ.]

އެހެންކަމުން ކޮންމެ ނަމެއްގައި ކޮންމެ ސިފައެއްގައި ވިޔަސް ހަރާމްކަމެއްވާނީ ހަމަ ހަރާމްކަމަކަށެވެ. އެކިތަންމެ ގިނަބަޔަކު ކުރިކަމުގައި ވިޔަސް ހުއްދައެއް ނުވާނެއެވެ. ދޮގުހެދުމާއި މަކަރުހެދުމާއި އޮޅުވާލުމާއި މަލާމަތްކުރުމާއި ފުރައްސާރަކުރުމާއި މީސްތަކުން ލަދުގެންނެވުމާއި ބިރުގެންނެވުމަކީ އެއްވެސް ސިފައެއްގައި އިސްލާމްދީން ހުއްދަކުރާކަމެއް ނޫނެކެވެ. އެހެންކަމުން ކޮންމެ މުސްލިމަކު ވެސް އޭނާގެ އަޚާގެ ހައްޤުތަކަށް ރައްކާތެރިވުމަކީ އިސްލާމްދީން ބާރުއަޅާ އަމުރުކުރާ ކަމެކެވެ.

 

ނިމުނީ