ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމުގެ ތެދުކަން ސާބިތު ކުރުމަށްޓަކައި، މައްކާގެ މުޝްރިކުން ޔަހޫދީން ބުނިބުނުމެއްގެ މަތިން އެކަލޭގެފާނާއި ސުވާލުތަކެއް ކުރިމަތި ކުރެއްވިއެވެ. އޭގެތެރެއިން އެއް ސުވާލަކަށް އެމީހުން ކުރި ސުވާލަކީ، މުޅި ބިމުގައި ހިނގައި ދަތުރުކޮށް އުޅުއްވި ބޭކަލަކާއި ބެހޭގޮތުން އެކަލޭގެފާނާއި މުޝްރިކުން ކުރިމަތި ކުރި ސުވާލެވެ.
އެބައިމީހުންގެ ސުވާލުގެ ޖަވާބު ﷲ ތަޢާލާ ކަހްފު ސޫރަތުގައި ދެއްވާފައި ވެއެވެ. (( وَيَسْأَلُونَكَ عَن ذِي الْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا )) سورة الكهف 83 މާނަ: (( ޛުލް ޤަރްނައިން އާއިމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެކަލޭގެފާނުގެ ވާހަކައިން މިންވަރެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވާހުށީމެވެ. ))
މުޅި ބިމުގައި ދަތުރުކުރެއްވި މި ބޭކަލަކީ ނަބިއްޔެއްތޯ ނުވަތަ އެއީ އެ ދުވަސްވަރު އުޅުއްވި ޞާލިޙް ބޭކަލެއްތޯ އާއި މެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފެއް އޮވެއެވެ. އޭގެ އެއްމެ ރަނގަޅު ޞައްޙަ ރައުޔަކީ އެބޭކަލަކީ ޞާލިޙު ވެރިއެކެވެ. ﷲ ތަޢާލާ އެބޭކަލަކަށް ވެރިކަން ދެއްވާފައިވާ ބޭކަލެކެވެ. ނަބީބޭކަލެއް ނޫންކަމެވެ. ﷲ ތަޢާލާ މި ބޭކަލަކަށް ވަރަށް ބޮޑެތި ބާރުތަކެއް ދެއްވާފައި ވެއެވެ. މުޅި ބިމުގައި ބުރުޖައްސަވައި ދަތުރު ކުރެއްވިއެވެ. އަދި ﷲ ގެ މަގަށް މީސްތަކުންނަށް ދަޢުވަތު ދެއްވިއެވެ. ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށް މީސްތަކުންނަށް އަމުރުކުރެއްވިއެވެ. މި ޞާލިޙް ރަސްގެފާނަށް ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ލަޤަބަކީ ( ذو القرنين )) ޛުލް ޤަރްނައިން އެވެ.
އެކަލޭގެފާނަށް ޛުލްޤަރުނައިން ގެ ލަޤަބު ދެއްވުނު ސަބަބެއް ޞައްޙަ މަގަކުން އެނގޭކަން ނެތެވެ. އަދި އެކެލޭގެފާނު އުޅުއްވި ދުވަސްވަރެއްވެސް ކަނޑައެޅިގެން އެނގޭކަން ނެތެވެ. އަދި މިކަންކަން އަޅުގަނޑުމެންނަކަށް މުހިއްމެއްވެސް ނޫނެވެ. މުހިއްމު ނަމަ އެ ހުރިހާ މަޢުލޫމާތެއް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ. އަޅުގަނޑުމެންނަށް މުހިއްމީ އެ ވާހަކަ ތަކުން ލިބިގެންދާ ފިލާވަޅުތަކެވެ، ޢިބްރަތްތަކެވެ.
ޛުލް ޤަރްނައިން ރަސްގެފާނުގެ ދަތުރުތަކުގެ ތެރެއިން ތިން ދަތުރެއްގެ ވާހަކަ ﷲ ތަޢާލާ އަޅުގަނޑުމެންނަށްޓަަކައި ކީރިތި ޤުރުއާންގައި ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ އެކަލޭގެފާނު މަޣުރިބަށް ކުރެއްވި ދަތުރުފުޅާއި، މަޝްރިޤަށް ކުރެއްވެވި ދަތުރުފުޅާއި، އަދި އެބަޔަކަށް ދައްކަވާ އެއްވެސް ވާހަކައެއް ފަހުމުވާން ކައިރިވެސްނުވާ ބައެއްގެ ގާތަށް ކުރެއްވެވި ދަތުރު ފުޅެވެ.
މި ދަތުރުފުޅުތަކުގެ ތަފްސީލަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((يَسْأَلُونَكَ عَن ذِي الْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا )) ((إِنَّا مَكَّنَّا لَهُ فِي الأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا )) 84/83 سورة الكهف މާނަ: (( ޛުލް ޤަރްނައިން އާއިމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެކަލޭގެފާނުގެ ވާހަކައިން މިންވަރެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަން އިލާހު އެކަލޭގެފާނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކަން ދެއްވެވީމެވެ. އަދި ކޮންމެ ކަމެއްކުރުމުގެ ސަބަބުތައް އެކަލޭގެފާނަށް ފަހިކޮށްދެއްވިމެވެ. ))
ﷲ ޢައްޒަ ވަޖައްލަ އެކަލޭގެފާނަށް ގިނަގުނަވެގެންވާ ބާރުތަކެއް ދެއްވިއެވެ. އެއީ މުޅި ބިމުގައި ރަސްކަން ކުރެއްވި ވެރިއެކެވެ. އެކަލޭގެފާނުގެ ބޮޑުވެގެންވާ ލަޝްކަރެއް ވެއެވެ. ބޮޑުވެގެންވާ ބާރެއް ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވެވިއެވެ. (( إِنَّا مَكَّنَّا لَهُ فِي الأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا )) سورة الكهف 84 މާނަ : ((ހަމަކަށަވަރުން ތިމަން އިލާހު އެކަލޭގެފާނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކަން ދެއްވެވީމެވެ. އަދި ކޮންމެ ކަމެއްކުރުމުގެ (ސަބަބުތައް )މަގު އެކަލޭގެފާނަށް ފަހިކޮށްދެއްވިމެވެ. ))
)) ވެރިކަންކުރުމުގެ އެއްމެހައި ސަބަބުތައް އެކަލޭގެފާނަށް ﷲ ތަޢާލާ ދެއްވިއެވެ. ކޮންމެ ކަމެއް ކުރުމުގެ ބާރުވެރިކަން އެކަލޭގެފާނަށް ދެއްވެވިއެވެ. ((إِنَّا مَكَّنَّا لَهُ فِي الأَرْضِ )) سورة الكهف 84 މާނަ : ((((ހަމަކަށަވަރުން ތިމަން އިލާހު އެކަލޭގެފާނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކަން ދެއްވެވީމެވެ. )) ނަމަވެސް އެކަލޭގެފާނު ﷲ ތަޢާލާއަށް ކިޔަމަންތެރިވުމގެ މަގުގައި ނޫނީ އެއްވެސް ބާރެއްގެ ބޭނުން ނުހިއްޕަވައެވެ. އެއީ މީސްތަކުންގެ ތެެރެއިން އެއްމެ އަޅުވެރި އެއްމެ ޞާލިޙުން ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ވެރިއެކެވެ.
އެހާބޮޑު ބާރެއް ބިންމަތީގައި ﷲ ތަޢާލާ ދެއްވެވީމަވެސް، ބިންމަތީގައި ބޮޑާވެ މީސްތަކުން އަޅުވެތިކުރުމަށް އެކަލޭގެފާނު އެބާރު ބޭނުން ނުކުރައްވައެވެ. އެކަލޭގެފާނަށް ﷲ ތަޢާލާ ދެއްވި ސަބަބުތައް އެކަލޭގެފާނު ހިއްޕެވީ ﷲ ގެ އަޅުވެތިކަމަށް މީސްތަކުން ގެނެސް އެއިލާހުގެ މަގަށް ދަޢުވަތު ދެއްވުމަށެވެ. ((يَسْأَلُونَكَ عَن ذِي الْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُم مِّنْهُ ذِكْرًا )) ((إِنَّا مَكَّنَّا لَهُ فِي الأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا )) سورة الكهف 84/83 – މާނަ: (( ޛުލް ޤަރްނައިން އާއިމެދު އެބައިމީހުން ކަލޭގެފާނާއި ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެކަލޭގެފާނުގެ ވާހަކައިން މިންވަރެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަން އިލާހު އެކަލޭގެފާނަށް ބިމުގައި ކަންތައްތައް ފަހިކޮށްދެއްވައި ބާރުވެރިކަން ދެއްވެވީމެވެ. އަދި ކޮންމެ ކަމެއްކުރުމުގެ (ސަބަބުތައް )މަގު އެކަލޭގެފާނަށް ފަހިކޮށްދެއްވިމެވެ. ))
ﷲ ތަޢާލާ އެކަލޭގެފާނަށް އެހާބޮޑު ވެރިކަމަކާއި ބާރުތަކަކާއި އެކަލޭގެފާނު ބޭނުން އިރަކު ބޭނުން ކަމެއްކުރުމުގެ ސަބަބުތައް ލެއްވެވީމަ އެކަލޭގެފާނު ގަނޑުވަރުކޮޅެއްގައި އިށީންދެގެން އިންނެވީތޯއެވެ. ނޫނެކެވެ. އެކަލޭގެފާނު ހުރިހާ ސަބަބެއްގައި ހިއްޕަވައެވެ.ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((فَأَتْبَعَ سَبَبًا )) سورة الكهف 85 މާނަ: (( ފަހެ އެކަލޭގެފާނު އެ ސަބަބުތަކުގައި ހިއްޕަވައި ކުރިޔަށް ވަޑައިގަތެވެ. ))
ބައެއް ވެރިންނާއި މުދާވެރިން ޒިންމާތައް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާފައި ގަނޑުވަރުކޮޅުގައި އިންނަވާފަދައިން ނިޢުމަތްތައް އަންނާނެކަމަށް އެކަލޭގެފާނު ނުއިންނަވައެވެ. އަދި ބައެއް ދާޢީން، ދަޢުވަތު ދިނުމަށް މަސައްކަތް ނުކޮށް ތިމަންނައާއި ބޭހޭކަމެއް ނޫނޭ ބުނެ ގޭގައި އިންނަފަދައިން އެކަލޭގެފާނު ނުއިންނަވައެވެ. އަދި މުސްލިމު އުއްމަތުގެ އަފުރާދުން ކަތިލެވެމުންދާއިރު ތިމަންނަމެންގެ ރަށުގައި ހިނގާކަމެއް ނޫނޭބުނެ ، ބައެއް ވެރިން އެމީހުންގެ އަމިއްލަ ބިން ދިފާއުކުރާފަދައިން، އެކަލޭގެފާނު މީސްތަކުންގެ ޙާލަތާއިމެދު ފަރުވާކުޑަ ނުކުރައްވައެވެ. ﷲ ގެ ދީން ބިންމަތީގައި ފެތުރުއްވުމަށްޓަކައި ހުރިހާ ސަބަބެއްގައި އެކަލޭގެފާނު ހިއްޕަވައެވެ.
– ނުނިމޭ –
ނޯޓް: މިވާހަކަ ލިޔެފައި އެވަނީ މަޝްހޫރު ދާޢީ ފަޟީލަތުއްޝައިޚް ނަބީލުލް ޢިވަޟީ ޙަފިޡަހުﷲ ކިޔައިދެއްވާފައިވާ ގޮތަށެވެ.