ޛުލް ޤަރްނައިން ރަސްގެފާނުގެ ތިންވަނަ ދަތުރުފުޅު
އެކަލޭގެފާނަކީ ބިމުގައި ގިނަގިނައިން ދަތުރުކުރައްވާ އުޅުއްވި ބޭކަލެކެވެ. ނަމަވެސް ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައި މިވަނީ އެކަލޭގެފާނުގެ ތިން ދަތުރުފުޅެއްގެ ވާހަކައެވެ. މިފަހަރުގެ ދަތުރުފުޅުގައި އެކަލޭގެފާނު ވަޑައިގެންނެވީ ބޮޑު ދެ ފަރުބަދައެއްގެ ދެމެދަށެވެ.
((حَتَّى إِذَا بَلَغَ بَيْنَ السَّدَّيْنِ )) 93 سورة الكهف މާނަ ((ދެފަރުބަދަ ދެމެދަށް އެކަލޭގެފާނަށް ވަޑައިގެންނެވެއްޖެއުމަށް ދާންދެނެވެ. ))
މި ބޮޑު ދެފަރުބަދައިގެ ދެމެދުގައި ބޮޑު ހުސް ޖާގައެއް އޮވެއެވެ. މި ދެފަރުބަދައިގެ ދެމެދަށް ޛުލްޤަރްނައިން ރަސްގެފާނާއި އެކަލޭގެފާނުގެ ހައިބަ ބޮޑު ވަރުގަދަ ލަޝަްކަރާއިގެން ވަދެވަޑައިގެންފިއެވެ. އެތަނުން އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ ޤައުމެއްގެ ބައެކެވެ. އެކަލޭގެފާނު އެބައިމީހުންނާއި ހަމައަށް ފޯރުމާއިއެކު އެމީހުން އެކަލޭގެފާނަށް ޝަކުވާ ދަންނަވަން ފައްޓަވައިފިއެވެ. ނަމަވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާފަދައިން އެބައިމީހުންނަކީ ދައްކާ އެއްވެސް ވާހަަކައެއް ފަހުމުވާން ކައިރިވެސްވާ ބައެއް ނޫނެވެ.
((وَجَدَ مِنْ دُونِهِمَا قَوْمًا لَا يَكَادُونَ يَفْقَهُونَ قَوْلًا ))93 سورة الكهف މާނަ: ((އެތަނުގެ ކައިރިން އެކަލޭގެފާނަށް ބަޔަކު މީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް އެއުރެންނަށް ފަހުމުވާން ކައިވެސް ނުވެއެވެ، ))
ވުމާއިއެކު އެމީހުންނާއި ޛުލް ޤަރްނައިން ރަސްގެފާނު މުޢާމަލާތް ކުރެއްވީ ކިހިނަކުން ހެއްޔެވެ؟
ކުރީގައިވެސް ބަޔާންކުރެއްވިފައިވާނޭފަދައިން ﷲ ތަޢާލާވަނީ އެކަލޭގެފާނަށް ކޮންމެ ކަމެއް ކުރުމުގެ ސަބަބުތައް މިންވަރުކޮށް ދެއްވާފައެވެ. ކުޅަދާނަކަން ދެއްވާފައެވެ. އެގޮތުން އެކަލޭގެފާނު އެބައިމީހުންނާއި މުޢާމަލާތް ކުރެއްވެވިއެވެ. އަދި އެބައިމީހުންނަށް އެކަލޭގެފާނުގެ ބަސް ފަހުމުވާނޭ ސަބަބުތައް ﷲ ތަޢާާލާ މެދުވެރިކޮށްދެއްވިއެވެ. ބައެއް މުފައްސިރުން ވިދާޅުވާގޮތުގައި އެކަލޭގެފާނު ބަސް އެބައިމީހުންނަށް ދޭހަކޮށްދިނުމަށްޓަކައި ތަފާތު ބަސްތަކުން ވާހަކަދައްކާ 70 ތަރުޖަމާނުންނަށް ބޭނުން ކުރެވުނެވެ. އެއްބަހުން އަނެއް ބަހަށް ތަރުޖަމާކޮށް އެބައިމީހުންނަށް އެކަލޭގެފާނުގެ ބަސްފުޅު ދޭހަކޮށްދިނުމަށެވެ. ކޮންމެއަކަސް އެބައިމީހުން އެކަލޭގެފާނުގެ ކިބައިން އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ ޢަދުލުވެރި ވެރިއެއްގެ ގޮތުގައި ބިމުގައި މަޝްހޫރު ބޭކަލެކެވެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ބޭކަލެއްގެ ގޮތުގައި މީސްތަކުން ދަންނަ ބޭކަލެކެވެ.
ޛުލް ޤަރްނައިން ރަސްގެފާން އެބައިމީހުންނާއި ސުވާލު ކުރެއްވުމުން އެބައިމީހުން އެކަލޭގެފާނުގެ އަރިހުން އެދުނީ އެބައިމީހުންނަށް ޖެހިފައިވާ ދަތިކަމަކުން ރައްކާތެރިކަން ހޯއްދަވައިދެއްވެވުމެވެ. އެއީ ޔައުޖޫޖު އަދި މައުޖޫޖު ގެ މީހުންގެ ކިބައިން ރައްކާތެރިކޮށްދިނުމެވެ. އެހެނީ އެބައިމީހުން އެދަނީ މުޅި ބިން ފަސާދަކުރަމުންނެވެ. ތިމަންމެންނަށް އެބައިމީހުން އުނދަގުލާ ދުއްތުރާ ކުރަނީއެވެ. ތިމަންމެންގެ މީހުން ޤަތުލު ކުރަނީއެވެ.
((قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ )) 94 سورة الكهف މާނަ: (( އެބައިމީހުން ބުންޏެވެ. އޭ ޛުލްޤަރްނައިން އެވެ. ހަމަކަށަވަރުން ޔައުޖޫޖު އަދި މައުޖޫޖުގެ މީހުންނަކީ ބިމުގައި ފަސާދަ ކުރާބައެކެވެ. ))
އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު ތިމަންމެންނާއި ޔައުޖޫޖު އަދި މައުޖޫޖު ގެ މީހުންނާއި ދެމެދު ހުރަހެއް ހަދައިދެއްވަން ވީނޫންތޯއެވެ.
فَهَلْ نَجْعَلُ لَكَ خَرْجًا عَلَى أَنْ تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا )) 94 سورة الكهف (( ފަހެ ކަލޭގެފާނު، ތިމަންމެންނާއި އެއުރެންނާއި ދެމެދު ހުރަހެއް ލައްވައިދިނުމަށްޓަކައި، ކަލޭގެފާނަށް ތިމަންމެން އަގެއް ކަނޑައަޅަންތޯއެވެ. ))
އެމީހުން އެކަލޭގެފާނަން އޭގެ ބަދަލެއްގެ ގޮތުން ރަނާއި ރިއްސާއި ފައިސާ ހުށަހެޅިއެވެ. އެ މަސައްކަތުގެ އަގު ހުށަހެޅިއެވެ. ނަމަވެސް ޛުލް ޤަރްނައިން ރަސްގެފާނު ބިންމަތީގައި ދަތުރުކުރައްވަނީ މުދަލާ ފައިސާއަށްޓަކައެއް ނޫނެވެ. އެކަލޭގެފާނަކީ ﷲގެ މަގަށް މީސްތަކުންނަށް ދަޢުވަތު ދެއްވުމަށް ބިންމަތީގައި ދަތުރުކުރައްވާ ޞާލިޙު ވެރިއެކެވެ. އެހެންކަމުން އެބައިމީހުން އެކަލޭގެފާނަށް ހުށަހެޅި އަގަށް އެކަލޭގެފާނު ދެއްވެވި ޖަވާބު ﷲ ތަޢާލާ ޖެހިގެން އައި އާޔަތުގައި ބަޔާން ކޮށްދެއްވާފައި ވެއެވެ.
((قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ )) 95 سورة الكهف މާނަ: (( އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ވެރި ރައްބު އެކަމުގައި ތިމަންކަލޭގެފާނަށް ދެއްވާފައިވާ ބާރު ( ތިޔަ ހުށަހެޅުއްވި އަގަށްވުރެ) މާ ހެޔޮވެގެން ވެއެވެ. ))
އެކަލޭގެފާނު އެބަމީހުންގެ މުދަލުގައެއް ނުހިއްޕަވައެވެ. ނަމަވެސް އެކަލޭގެފާނު އެބައިމީހުންގެ ކިބައިން އެދިވަޑައިގަތީ އެ މަސައްކަތުގައި އެބައިމީހުންގެ އެހީތެރިކަމަށެވެ. އެބައިމީހުންގެ މީހުން އެކަލޭގެފާނަށް ވާގިވެރިވުމަށެވެ. އެކަލޭގެފާނުގެ ލަޝްކަރު އެކަލޭެގެފާނުގެ އަރިހުގައި ވީނަަމަވެސް އެކަލޭގެފާނު ބޭނުންފުޅުވެ ވަޑައިގަތީ އެމީހުންވެސް މަސައްކަތުގައި އުޅުއްވުމަށެވެ. އެކަންކަން އެ ޤައުމުގެ މީސްތަކުންނަށް ޢަމަލީގޮތުން އުނގަންނަވައި ދެއްވައި އެގޮތުގައި އެބަމީހުން ތަރުބިއްޔަތު ވުމަށް އެކަލޭގެފާނު ބޭނުންފުޅުވީއެވެ. އަމިއްލަ ޙަޔާތައްޓަކައި މަސައްކަތްކުރާ ބައެއްކަމުގައި އެބައީހުން ހެދުމަށެވެ.
((فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ))95 سورة الكهف މާނަ: (( ފަހެ ތިޔަބައިމީހުން ބާރެއްލައިދީ ތިމަންކަލޭގެފާނަށް ވާގިވެރިވާށެވެ. އޭރުން ތިޔަބައިމީހުންނާއި އެބައިމީހުންނާއި ދެމެދު ހުރަހެއް ލައިދޭނަމެވެ. ))
އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ތިމަންމެންގެ ކިބައިން ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިޔަބައިމީހުން ދަގަނޑު ގެއެތިއެތި ގަނޑު ހޯދައިގެން ގެންނާށެވެ. ޛުލް ޤަރްނައިން ރަސްގެފާނު ބޭނުންފުޅުވެ ވަޑައިގެންނެވީ އެ ހުރަސް އެއްކޮށް މަޢުދަނުން ބިނާކުރެއްވުމަށެވެ. އެހެންކަމުން އެކަލޭގެފާނު ދެފަރުބަދަ ދެމެދުގައި ދަގަނޑުތައް އެތުރުއްވުމަށްފަހު، ދަގަނޑުތަކުގެ ދެމެދަށް ލަކުޑި އެޅުއްވިއެވެ. އެއީ އޭގެސަބަބުން އަލިފާންގަނޑު ގަދައަށް ރޯވެގެން ދިއުމަށެވެ. އަދި ދަގަނޑުތައް ފަސޭހައިން ދޮންވެގެން ދިއުމަށެވެ. އަލިފާންގަނޑާއި އެކު ލަކުޑިތައް އަނދައި ހުލިވެގެން ދާނެއެވެ.
އެބައިމީހުން ދަގަނޑު އެއްކުރެއްވުމުން އެކަލޭގެފާނު އެ ދެފަރުބަދަ ދެމެދުގައި ދަނޑުތައް ބަހައްޓަވައިފިއެވެ. އަދި އެ ބޮޑު ދެ ފަރުބަދައިގެ އެއްމެ މައްޗާއި ހަމައަށް އެ ފާރު އެރުމުން ދަގަނޑުތަކުގެ ތެރެއަށް ލަކުޑީގެ އެތިއެތިކޮޅު އެއްވުމަށްފަހު އަލިފާން ރޮއިކުރުމަށް އެކަލޭގެފާނު އެންގެވިއެވެ.
((آَتُونِي زُبَرَ الْحَدِيدِ حَتَّى إِذَا سَاوَى بَيْنَ الصَّدَفَيْنِ قَالَ انْفُخُوا )) 96 سورة الكهف މާނަ: (( ތިމަންކަލޭގެފާނަށް ދަގަނޑުގެ އެތިއެތި ގަނޑު ގެނެސްދޭށެވެ. ދެން ދެފަރުބަދައިގެ މައްޗާއި އެތަކެތި އެއްހަމަވީ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. (އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށް ދާންދެން) ތިޔަބައިމީހުން ފުމޭށެވެ.))
އަދި ލަކުޑިކޮޅުތައްރޮއިވެ އަލިފާންގަނޑު ގަދަވެ ދަނގަނޑުތައް ދޮންވުމުން ދަގަނޑުތަކުގެ ތެރެއަށް ރަންވަން ލޮއި އެޅުމަށްޓަކައި، ލޮއި ގެނައުމަށް އެކަލޭގެފާނު އެބައިމީހުންނަށް އެންގެވެއެވެ. އަދި ދަގަނޑުތަކުގެ ތެރެއަށް ލޮއިތައް ވިރިގެން ފައިބައި ވަރުގަދަ ދަގަނޑު ފާރެއް ބިނާކުރެވިއްޖެއެވެ.
((حَتَّى إِذَا جَعَلَهُ نَارًا قَالَ آَتُونِي أُفْرِغْ عَلَيْهِ قِطْرًا )) 96 سورة الكهف މާނަ: (( ދަނގަނޑުތައް ދޮންވެ އަލިފާނަށްވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ރަންވަން ލޮއި ވިރުވައި އޭގެ މައްޗަށް އެޅުމަށް ތިމަންކަލޭގެފާނަށް ގެނަސްދޭށެވެ. ))
މި ފާރުގެ ސަބަބުން ޔައުޖޫޖު އަދި މައުޖޫޖުގެ މީހުންގެ ކިބައިން އެބައިމީހުންނަށް އަމާންކަން ލިބިއްޖެއެވެ. ޔައުޖޫޖު އަދި މައުޖޫޖު ގެ މީހުންނަކަށް އެފާރު މަތިން އެރުމަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އަދި އެފާރު ފޫއަޅުވާލުމަކަށްވެސް ކުޅަދާނައެއް ނުވިއެވެ.
((فَمَا اسْطَاعُوا أَنْ يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا )) 97 سورة الكهف މާނަ: (( ފަހެ އެ ހުރަހުގެ މަތިން އެރުމަކަށް އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެހުރަސް ފޫއަޅުވައިލުމަކަށްވެސް އެބައިމީހުންނަކަށް ކުޅަދާނައެއް ނުވިއެވެ. ))
ޛުލްޤަރްނައިން ރަސްގެފާނު މި މަސައްކަތް ނިއްމަވާލެއްވުމަށްފަހު އެކަން ނިސްބަތް ކުރެއްވީ އެކަލޭގެފާނުގެ ވެރިރައްބު ﷲ ތަޢާލާއަށެވެ. އެކަލޭގެފާނުގެ ބާރުފުޅުގެ ގަދަކަމާއި މޮޅުކަމުން ވީކަމެއް ނޫންކަމާއި ﷲ ތަޢާލާގެ ރަޙްމަތްފުޅުން ވީކަމެއްކަން އެބައިމީހުންނަށް އެކަލޭގެފާނު ހަނދާން ކޮށްދެއްވިއެވެ. ﷲ ތަޢާލާ އިރާދަކުރައްވާ ދުވަހެއް އަތުވެއްޖަމުމަށް ދާންދެން އެފާރު އެގޮތުގައި ހުންނާނެތެވެ. އަދި އެއިލާހުގެ ވަޢުދުފުޅު އައުމާއިއެކު އެ ފާރު ފުނޑުފުނޑު ވެގެން ދާނެތެވެ. އެއީ ޤިޔާމަތުގެ ޢަލާމާތެއްގެ ގޮތުންނެވެ. ﷲ ގެ ވަޢުދަކީ ހައްޤު އެއްޗެކެވެ.
((قَالَ هَذَا رَحْمَةٌ مِنْ رَبِّي فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ وَكَانَ وَعْدُ رَبِّي حَقًّا )) 98 سورة الكهف މާނަ : (( އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނުގެ ވެރި ރައްބުގެ ހަޟްރަތުންވާ ރަޙްމަތެކެވެ. ފަހެ ތިމަންކަލޭގެފާނުގެ ވެރި ރައްބުގެ ވަޢުދުފުޅު އަތުވެއްޖެނަމަ، އެ ހުރަސް ކުނޑިކުނޑި ވެގެން ހިނގައިދާ ހުއްޓެވެ. އަދި ތިމަންކަލޭގެފާނުގެ ވެރި ރައްބުގެ ވަޢުދުފުޅަކީ ހައްޤު ތެދުކަމުގައި ވެއެވެ. ))
– ނިމުނީ –
ނޯޓް: މިވާހަކަ ލިޔެފައި އެވަނީ މަޝްހޫރު ދާޢީ ފަޟީލަތުއްޝައިޚް ނަބީލުލް ޢިވަޟީ ޙަފިޡަހުﷲ ކިޔައިދެއްވާފައިވާ ގޮތަށެވެ.