ބަންގީގެ ކަލިމަތައް މުއައްޛިނުގެ ފަހަތުން ކިޔުން ސުންނަތް ވެގެންވުން
ބަންގިގޮވާ އަޑު އިވޭމީހާ، މުއައްޛިނުގެ ފަހަތުން ސިއްރުން ބަންގީގެ ކަލިމަތައް ތަކުރާރު ކުރަމުން ގެންދިއުން ސުންނަތް ވެގެންވެއެވެ. އަންހެނުންނާއި ފިރިހެނުންނަށްވެސް މެއެވެ. އަދި މިސްކިތަށް ޙާޒިރުވެ ހުރިމީހަކަށްވިޔަސް އަދި ނުވިޔަސް ބަންގި އަޑު އިވޭނަމަ މުއައްޛިނުގެ ފަހަތުން ބަންގީގެ ކަލިމަތައް ކިޔުން ސުންނަތް ވެެގެން ވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘް އެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” މުއައްޛިނު ބަންގިދޭ އަޑު ތިޔަބައިމީހުންނަށް އަޑު އިވިއްޖެނަމަ މުއައްޛިނު ކިޔާފަދައިން ތިޔަބައިމީހުންވެސް ކިޔާށެވެ. “
މީހަކު ނަމާދުކުރިފަހުން، އޭނާއަށް އެހެން ބަންގިއެއްގެ އަޑު އިވުނު ނަމަވެސް، އެމީހަކު އެބަންގި އަށް ޖަވާބު ދޭނީއެވެ. އެބަހީ މުއައްޛިނުގެ ފަހަތުން އެކަލިމަތައް ތަކުރާރު ކުރާނީއެވެ.
މަތީގައި ބާޔާންކުރެވުނު ޙަދީޘްގައިވާ ފަދައިން މުއައްޛިނުގެ ފަަތުން ބަންގީގެ ކަލިމަތައް ކިޔަމުން ދިޔުމަކީ ސުންނަތެކެވެ. އަޖުރު ލިބޭނޭ ކަމެކެވެ. ނުކީ ކަމުގައިވިޔަސް ފާފަވެރިއެއް ނުވާނެއެވެ. އެހެނީ އެއީ ވާޖިބެއްނޫނެވެ. އަދި އެކަން ސުންނަތްވެގެންވަނީ މުއައްޛިނު ނުފެނުނު ކަމުގައިވިޔަސް އަޑުއިވޭނަމައެވެ. ބަންގިގޮވާ އަޑު ނީވޭނަމަ މުއައްޛިނު ފެންނަން ހުރިކަމުގައިވިޔަސް އެކަލިމަތައް ކިޔާކަށް ނުޖެހޭނެއެވެ. އަދި ބަންގީގެ އަޑު އިވުނުކަމުގައި ވިޔަސް ނަމާދަށްހުރި މީހާއާއި ޤަޟާޙާޖަތެއްގައި ހުރިމީހާ ވެސް މުއައްޛިނުގެ ފަހަތުން އެ ކަލިމަތައް ކިޔާކަށް ނުޖެހޭނެއެވެ.
މުއައްޛިނު ބަންގި ގޮވާ އަޑު އިވުމުން ((حي على الصلاة އަދި حي على الفلاح )) މިދެ ކަލިމަ ފިޔަވައި އެހެން ކަލިމަތައް ކިޔަމުންދާނީ މުއައްޛިނު ކިޔާފަދައިންނެވެ. ނަމަވެސް މުއައްޛިނު حي على الصلاة ކިޔުމުން ކިޔާނީ لا حول ولا قوة إلا بالله އެވެ. އަދި މުއައްޛިނު حي على الفلاح ކިޔުމުންވެސް ކިޔާނީ لا حول ولا قوة إلا بالله އެވެ.
حي على الصلاة ( ނަމާދަށް އަންނާށެވެ. ) އަދި حي على الفلاح ( ކާމިޔާބަށް އަންނާށެވެ. ) ބުނުމުން ތިބާ ﷲ ތަޢާލާގެ ހަޟްރަތުން ވާތްގަށް އެދެނީއެވެ. ކާމިޔާބު ލިބިގަތުމަށް ނަމާދަށް ދިއުމުގެ ކުޅަދާނަކަން ތިބާއަށް ދެއްވުމަށް އެއިލާހުގެ ކިބައިން ވާތްގަށް އެދެނީއެވެ. އެހެންކަމުން މުއައްޛިނު އެ ދެކަލިމަ ކިޔާ އަޑުއިވުމުން ތިބާ لا حول ولا قوة إلا بالله ކިޔަނީއެވެ.
لا حول ولا قوة إلا بالله ގައިވާ الحول ގެ މާނައަކީ التحوّل އެވެ. އެބަހީ އެބަ އިލާހުގެ ވާގިފުޅާއިއެކު މެނުވީ އަޅު މިހުރި ހާލަތުން އެހެން ހާލަތަކަށް ބަދަލުވެވުމެއް ނުވެއެވެ. އަދި ބާރެއްވެސް މިއަޅާގެ ނެތެވެ. އިބަ އިލާހުގެ ވާގިފުޅާއިއެކު މެނުވީ ބަންގިއަށް އިޖާބަދިނުމުގެ ގޮތުން މިސްކިތައް ދިޔުމަކަށްވެސް އަދި ނަމާދު އަދާކުރުމަކަށްވެސް މިއަޅާއަކަށް ކުޅަދާނައެއް ނޫނެވެ.
– ނުނިމޭ –
މަސްދަރު: ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ ” الشرح الممتع على زاد المستقنع “