[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤާރޫނުގެ ވާހަކަ – 1

images

ޤާރޫނަކީ ކާކު؟

ޤާރޫނޫގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރުއާންގެ  އަލްޤަޞަޞް ސޫރަތުގައި ޒިކުރު ކުރައްވާފައި ވެއެވެ. އޭނާއަކީ މޫސާ ޢަލައިހިއްސަލާމްގެ ޤައުމުގެ މީހެކެވެ. ބުނެވޭގޮތުގައި އޭނާއަކީ މޫސާ ޢަލައިހިއްސަލާމްގެ ގާތްތިމާގެ މީހެކެވެ. އަދި މޫސާ ޢަލައިހިއްސަލާމްގެ ބޮޑުބޭބެއެއްގެ ދަރިއެކެވެ.

ޤާރޫނަކީ އޭނާގެ ޙަޔާތުގެ ފުރަތަމަކޮޅުގައި ޞާލިޙު ރަނގަޅުމީހެކެވެ. އަދި އޭނާއަކީ ތައުރާތު ރީތިކޮށް ކިޔަވާމީހެއްގެ ގޮތުގައި މީސްތަކުންގެ ތެރޭގައި މަޝްހޫރު މީހެކެވެ. ޤައުމުގެ މީހުން އޭނާގެ ރީތި ކިޔެވުމަށް ތަޢުރީފްކޮށް މަދަހަޘަނާ ކިޔާ އުޅޭކަމުގައި ވިއެވެ.

އެހެން ނަމަވެސް ﷲ ތަޢާލާ އޭނާ އިމްތިޙާން ކުރެއްވުމުގެ ގޮތުން އޭނާއަށް މުދަލާއި މުއްސަނދިކަން ދެއްވުމުން އޭނާ ބޮޑާވެ ކިބުރުވެރިވެއެވެ. އޭގެ ސަބަބުން އޭނާގެ ޙާލަތު މުޅިން ބަދަލުވެގެން ދިޔައެވެ. މުދަލުގެ ސަބަބުން ބިންމަތީގައި ޖައްބާރުވެ ޤައުމުގެ މީސްތަކުންގެ ތެރޭގައި ކިބުރުވެރި ވެގަތެވެ.

ﷲ ތަޢާލާ ވަޙީޚުރައްވާފައި ވެއެވެ. ((إِنَّ قَارُونَ كَانَ مِنْ قَوْمِ مُوسَى فَبَغَى عَلَيْهِمْ )) سورة القصص 76   މާނަ: (( ހަމަކަށަވަރުން ޤާރޫނަކީ މޫސާގެފާނުގެ ޤަމުގެ ތެރެއިންވީ މީހެކެވެ. ފަހެ އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. ))

މުދަލުގެ ސަބަބުން ބޮޑާވެ ކިބުރުވެރިވި މީހަކަށް ކަންތައްތައް ވެގެންދިޔަގޮތް ޢިބްރަތަކަށްޓައި ﷲ ތަޢާލާ މިއާޔަތްތަކުގައި މިވަނީ ބަޔާންކޮށްދެއްވާފައެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ﷲ ގެ ރަސޫލާ އަދި ނަބިއްޔާ މޫސާ ޢަލައިހިއްސަލާމްގެ ޤައުމުގެ މީހަކަށްވީތީ ޢަޒާބު އައި ހިނދު ޤާރޫނަށް ކުރި އެއްވެސް ފައިދާއެއްނެތެވެ. އަދި މޫސާ ޢަލައިހިއްސަލާމާއި ގާތްތިމާގެ މީހަކަށް ވީތީއެއްވެސް އޭނާއަށް ކުރި ފައިދާއެއްވެސް ނެތެވެ. ކޮންމެ އިންނާނަކަށްވެސް އޮތީ އެމީހަކު ކުޅަ ޢަމަލެއްގެ ޖަޒާއެވެ.

ޤާރޫނަކީ މީސްތަކުންގެ ތެރޭގައި އަމިއްލަ ނަފްސް ފެނި ފަޚުރުވެރިވެ ބޮޑާކަމާއެކު ހިނގާ އުޅުނު މީހެކެވެ. އަދި އޭނާގެ ޚާދިމުންނާއިއެކު ބޮޑާވެ ފަޚުރުވެރިވުމުގެ ގޮތުން މީސްތަކުންނަށް ދެއްކުމަށްޓަކައި މުދާތަކާއި ގަހަނާތައް މީސްތަކުން އެއްވެއުޅޭ މައިދާންތަކަށް ނެރެ، ރަނުގެ އަގުބޮޑު ހެދުންތައް އަޅައިގެން އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހިނގާއުޅުމަށް އޭނާ ލޯބިކުރިއެވެ.

މި ހުރިހާ މުދަލެއްގެ ހަޤީޤި މިލްކުވެރިފަރާތަކީ ކޮބައިކަން އޭނާއަށްވަނީ އޮޅިފައެވެ. އޭނާ އަށް މިހުރިހާ މުދަލެއް ދެއްވީ ކޮންފަރާތަކުން ހެއްޔެވެ؟ ޝައްކެއްނެތެވެ. ކޮންމެ މީހަކަށްވެސް މުއްސަނދިކަމާއި ބާރާއި މުދާ ދެއްވާ ފަރާތަކީ ﷲ ތަޢާލާއެވެ. އެއިލާހުއީ ރަސްކަންތަކުގެ ވެރި ރަސްކަލާންގެ އެވެ. މި ހުރިހާ މުދަލެއްވެސް ދެއްވަނީ އެއިލާހެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިންވެސް ގިނަ މުއްސަނދިން މިކަމެއް ނުދަނެއެވެ. ގިނަ މުދާވެރިން އެމީހުންނަށް މުދާ ދެއްވި ފަރާތް މުއްސަނދި ވުމާއިއެކު ވަނީ ހަނދާން ނައްތާލައެވެ.

ﷲ ތަޢާލާގެ ވަޙިބަސްފުޅުގައިވާފައިން ޤާރޫނަށްވެސް އެ ބޮޑު ޚަޒާނާދެއްވީ ﷲ ތަޢާލާއެވެ. ((وَآَتَيْنَاهُ مِنَ الْكُنُوزِ )) سورة القصص 76   މާނަ: (( އަދި ތިމަންއިލާހު އޭނާއަށް ގިނަވެގެންވާ މުދަލުގެ ޚަޒާނާއެއް ދެއްވީމެވެ. ))

ރަނާއި ރިއްސާއި ޖަވާހިރާއި ތަފާތު މަޢުދަންތަކާއި ފައިސާގެ ގިނަގުނަ ޚާޒާނާތަކެވެ. އޭނާގެ ޚަޒާނާތަކުގެ ތަޅުދަނޑިތައް ބާރުގަދަ ޖަމާޢަތެއްގެ ބަޔަކަށްވެސް އުފުލާނުލެވެއެވެ. ތަޅުދަނޑިފަތިތައް ޙާލަކީ މިއީކަމުގައިވާއިރު ޚަޒާނާގެ ގިނަމިން ވަޒަން ކުރެވޭނެހެއްޔެވެ.؟ ތަޅުދަނޑިތައް ބާރުގަދަ ދިހައެއް ނުވަތަ އެއަށްވުރެވެސް ގިނަމީހުނަށްވެސް އުފުލާނުލެވެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ((الْعُصْبَةِ )) ގެ މާނައަކީ ދިހައެއް ނުވަތަ އެއަށްވުރެވެސް ގިނައެވެ. އާދައިގެ ދިހަ މީހުނެއްވެސް ނޫނެވެ. ﷲ ވަޙީކުރައްވާފައިވަނީ ބާރުވެސް ގަދަ ދިހަ މީހުންގެ ވާހަކައެވެ. ((أُولِي الْقُوَّةِ )) އެވެ. އެހެން ކަމަށްވާނަމަ ޚަޒާނާ ކިހިނެއްވާނެތޯއެވެ.

((وَآَتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوءُ بِالْعُصْبَةِ أُولِي الْقُوَّةِ )) سورة القصص 76   މާނަ: (( ހަމަކަށަވަރުން ތިމަން ރަސްކަލާންގެ އޭނާއަށް ގިނަވެގެންވާ މުދަލުގެ ޚަޒާނާއެއް ދެއްވީމެވެ. ހަމަކަށަވަރުން ބާރުގަދަ ޖަމާޢަތެއްގެ މީހުންނަށް އޭނާގެ ޚަޒާނާގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ.  ))

ދެންފަހެ، އޭނާގެ މަގުފުރެދުމާއި ބޮޑާކަމާއި ކިބުރުވެރިންފެނި އޭނާ އެކަމުން ސަލާމަތް ކުރުމަށްޓަކައި ނަސޭޙަތްތެރިވުމަށް ޤައުމުގެ މީހުންގެ ތެރެއިން ޞާލިޙުންނާއި ތަޤުވާވެރިން އޭނާގެ ގާތައް އަތުވެއްޖެއެވެ. އެމީހުން އައިސް އޭނާއަށް ބުންޏެވެ.

((إِذْ قَالَ لَهُ قَوْمُهُ لَا تَفْرَحْ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ   )) سورة القصص 76   މާނަ: (( އޭނާގެ ޤައުމުގެ މީހުން އޭނާއަށް ބުނި ހިނދެވެ. ތިބާ ކިބުރުވެރިވެ ބޮޑާ ނުވާށެވެ. ހަމަކަށަވަރުން ކިބުރުވެރިވެ ބޮޑާވާމީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑި ނުގަންނަވައެވެ. ))

ތެދެކެވެ. އަމިއްލަ ނަފްސްގެ މޮޅުކަންފެނި ފަޚުރުވެރިވެ ކިބުރުވެރިވެ ބޮޑާ އެއްވެސް އިންސާނެއް ދެކެ ﷲ ޢައްޒަ ވަޖައްލަ ލޯބިވެވޮޑި ނުގަންނަވައެވެ. އެމީހުން އައިސް ޤާރޫނަށް ނަސޭހަތްދިނެވެ.

އެމީހުން ބުނަމުން ދިޔައެވެ. އޭ ޤާރޫނެވެ! ތިބާ ﷲ އަށް ބިރުވެތިވާށެވެ. ތިޔަ ކިބުރުވެރިކަމުން ކުރާނެ ފައިދާއެއް ނެތެވެ. ތިބާއަށް ﷲ ދެއްވި މުދަލުން އެއްބައި ﷲ އަށް ކިޔަމަންތެރިވުމަށް ހޭދަކުރާށެވެ. ސުވަރުގެއަށް އެދިގެން މުދަލުން ކޮންމެވެސް މިންވަރެއް ހޭދަކުރާށެވެ. ހުރިހާ މުދަލެއް ނޫނެވެ. ފަޤީޜުންނާއި މިސްކީނުންވެސް އެބަ އުޅެއެވެ. ހަނދާންކުރާށެވެ.  ﷲ ތަޢާލާ ތިބާ މުއްސަނދި ކޮށްދެއްވުމުގެ ކުރިން ތިބާވެސްވީ އާދައިގެ އިންސާނެއްކަމުގައެވެ. ﷲ ތަޢާލާ ތިބާއަށް ތިޔަ ހުރިހާ މުދަލެއް ނުދެއްވިނަމަ ތިބާ އަތުގައި އެއްވެސް އެއްޗެއް ނެތީހެވެ.ތިބާގެ އަތުގައިވާ ﷲގެ މުދަލަށް ބޭނުންޖެހިފައިވާ އެތައްބަޔަކު ވާކަން ހަނދާން ނައްތާނުލާށެވެ.

އޭނާގެ ޤައުމުގެ މީހުން އޭނާއަށް ދެއްވި ނަސޭހަތް ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބާޔާންކޮށް ދެެއްވާފައި ވެއެވެ. ((وَابْتَغِ فِيمَا آَتَاكَ اللَّهُ الدَّارَ الْآَخِرَةَ  )) سورة القصص 77   މާނަ: (( އަދި ތިބާއަށް ﷲ ދެއްވި މުދަލުން ( ހެޔޮގޮތުގައި ހޭދަކޮށް ) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ. ))

ތިބާ އާޚިރަތައްތަކައި ތިބާގެ މުދާ ހޭދަކުރާށެވެ. އަދި އެއަށްފަހު ދުނިޔެމަތީގައި ﷲ ހުއްދަކުރެއްވި ގޮތެއްގައި ތިބާވެސް މުދަލުން އުފަލާއި ހިތްހަމަޖެހުން ލިބިގަންނާށެވެ. ދުނިޔެއިން ލިބެން އޮތް ނަޞީބުވެސް ހަންދާން ނައްތާ ނުލާށެވެ. ((وَلَا تَنْسَ نَصِيبَكَ مِنَ الدُّنْيَا وَأَحْسِنْ كَمَا أَحْسَنَ اللَّهُ إِلَيْكَ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ )) )) سورة القصص 77   މާނަ: (( އަދި ދުނިޔެއިން ތިބާއަށް ލިބެންވީ ބައި ހަނދާންނައްތާ ނުލާށެވެ. އަދި ﷲ ތަޢާލާ ތިބާއަށް ( މުދާދެއްވައި ) އިޙްސާންތެރިވެ ވޮޑިގެންފަދައިން ތިބާވެސް ( އެމުދަލުން އެއިލާހުގެ މަގުގައި ހޭދަކޮށް) މީސަތަކުންނަށް އިޙްސާންތެރިވާށެވެ. އަދި ބިމުގައި ފަސާދަ އުފެއްދުމަށް ނޭދޭށެވެ. ހަމަކަށަވަރުން ފަސާދަކުރާމީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑި ނުގަންނަވައެވެ. ))

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވާފަދައިން އިންސާނާއަށް އޭނާގެ އަމިއްލަ ނަފްސު ފެނުމުން ބޮޑާވެގަނެއެވެ. (( كَلَّا إِنَّ الْإِنْسَانَ لَيَطْغَى (6) أَنْ رَآَهُ اسْتَغْنَى (7) )) سورة الالعلق މާނަ  (( ހަމަހިލާ އެހެނަކުން ނޫނެވެ. ހަމަކަށަވަރުން އިންސާނާ ހައްދުފަހަނަ އަޅާދާކަން ކަށަވަރެވެ. އޭނާ އަމިއްލައަށް ފުދިގެންފިކަމަށް އޭނާއަށް ފެނުމުންނެވެ. ))

ޤާރޫނު އޭނާގެ ޤައުމުގެ މީހުންގެ ތެރެއިން އޭނާއަށް ނަސޭހަތްދިން މީހުންނަށް ދިނީ ކޮން ޖަވާބެއް ހެއްޔެވެ. ކިބުރުވެރިކަމާއި ބޮޑާކަމުން ފުރިގެންވާ ޖަވާބެކެވެ. ((  قَالَ إِنَّمَا أُوتِيتُهُ عَلَى عِلْمٍ عِنْدِي )) سورة القصص 78  މާނަ(( އޭނާ ބުންޏެވެ. ތިމަންނައަށް އެ މުދާ ލިބުނީ ތިމަންގެ ކިބައިގައިވާ ޢިލްމުވެރި ކަމަކުންނެވެ. ))

ބޮޑާވެ ކިބުރުވެރިކަން ފާޅުކުރީއެވެ. އޭނާ ބުނަމުންދިޔައީ މިފަދައިންނެވެ. މިއީ ތިމަންނަގެ ޢިލްމާއި ވިސްނުމުން ތިމަންނަ ހޯދި މުދަލެވެ.  ތިމަންނަގެ ކުޅަދާނަކަމާއި މޮޅުކަމުން ހޯދި މުދަލެވެ. އެހެން ނަމަވެސް ކުރީގެ އުއްމަތްތަކުގެ ތެރެއިން އެތައްބަޔަކު ބިންމަތީގައި ބޮޑާވެގަތުމުގެ ސަބަބުން ﷲ ތަޢާލާ ހަލާކުކުރައްވައި ނެތިކުރައްވާފައިވާކަމެއް އޭނާއަށް ހަމަ ނޭނީހެއްޔެވެ؟

ޤައުމުގެ މީހުން އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ދަންނާށެވެ. ތިބާއަށްވުރެ ބާރުގަދަ މުއްސަދިބަޔަކު މީގެ ކުރިންވެސް އުޅެފައިވާކަން ތިބާ ދަންނާށެވެ. އެ ހުރިހާ މުދަލަކާއި ބާރަކާއިއެކުވެސް ﷲ ތަޢާލާ އެބައިމީހުން ހަލާކުކޮށް ނެތިކޮށްލެއްވިކަން ދަންނާށެވެ. އެމީހުންގެ އެ މުދަލުން އެމީހުންނަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. ((أَوَلَمْ يَعْلَمْ أَنَّ اللَّهَ قَدْ أَهْلَكَ مِنْ قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا  )) سورة القصص 78   މާނަ: (( ހަމަކަށަވަރުން އޭނާގެ ކުރިން އިސްވެދިޔަ ޖީލުތަކުން، އޭނާއަށްވުރެ މާ ވަރުގަދަ އަދި މުދާގިނަ ބަޔަކު، ﷲ ހަލާކުކުރެއްވިކަން  އޭނާއަށް ނޭންގެނީ ހެއްޔެވެ. ))

އެމީހުންގެ އެ ގިނަވެގެންވާ ޚަޒާނާގެ ސަބަބުން އެމީހުން މަރަކުންވެސް ސަލާމަތެއްނުވިއެވެ. ތެދެކެވެ. ﷲ ގެ ޢަޒާބު އަންނަ ހިނދު މުދަލަކުން މުއްސަނދިކަމަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ. ((  يَحْسَبُ أَنَّ مَالَهُ أَخْلَدَهُ (3) كَلَّا لَيُنْبَذَنَّ فِي الْحُطَمَةِ 4)) سورة الهمزة މާނަ: (( އޭނާގެ މުދާ، އޭނާ (މަރުނުވެ) ދަމަހައްޓާނެ ކަމަށް އޭނާ ހީކުރެއެވެ. އެހެނަކުން ނުވާނެއެވެ. ހަމަކަށަވަރުން ފުނޑުފުނޑު ކޮށްލަނިވި ނަރަކައަށް އޭނާ އެއްލާލެވޭނެއެވެ. ))

އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް ޤާރޫނަކަށް ފަހުމުވާވަރެއް ނުވިއެވެ. ނުވިސްނުނެވެ. ޤާރޫނުވަނީ ބޮޑުވެގެންވާ ޣާފިލުކަމެއްގައެވެ. އޭނާގެ މުދާބޭނުންކޮށްގެން ދުނިޔެއަށްޓަކައި ކިބުރުވެރި ރޭވުންތައް ރާވަމުން ދިޔައެވެ. އަދި ﷲ ތަޢާލާވެސް ރޭވެވުންތައް ރާއްވަވައެވެ. ޤައުމުގެ މީހުން ގެ ނަސޭހަތަށް އޭނާ އިޖާބައެއް ނުދިނެވެ.

– ނުނިމޭ –


ނޯޓް: މިވާހަކަ ލިޔެފައި އެވަނީ މަޝްހޫރު ދާޢީ ފަޟީލަތުއްޝައިޚް ނަބީލުލް ޢިވަޟީ ޙަފިޡަހުﷲ ކިޔައިދެއްވާފައިވާ ގޮތަށެވެ.