[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 45

17760

ނަރަކައިގެ އަހުލުވެރިންގެ އަދަދުގެ ގިނަކަން

ކީރިތި ޤުރުއާނުގެ އެތައް ގިނަ އާޔަތްތަކުންނާއި އަދި ރަސޫލު ﷲ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުން އާދަމުގެ ދަރީންގެ ތެރެއިން ނަރަކަޔަށް ވަންނަ މީހުންގެ އަދަދު ގިނަވެފައި އަދި ސުވަރުގެއަށް ވަންނަ މީހުންގެ އަދަދު މަދުވާނެކަން ބަޔާންވެގެން އައިސްފައިވެއެވެ.

ﷲ ވަޙީކުރެއްވިއެވެ.

(وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ ) [سورة يوسف 103]

މާނައީ: “އަދި ކަލޭގެފާނު ކިތަންމެވަރަކަށް މަސައްކަތް ކުރެއްވިކަމުގައި ވީނަމަވެސް، މީސްތަކުންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައެއް ނުވެތެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ) [سورة سبإ 20]

މާނައީ: “ހަމަކަށަވަރުން އިބިލީސް އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ މުއުމިނުންކުރެ ބަޔަކުމެނުވީ، އެ އެންމެން އޭނަޔަށް ނާބަޢަވޫއެވެ.”

ﷲ ތަޢާލާ އިބިލީހާއި މުޚާޠަބު ކުރަމުން ވަޙީކުރެއްވިއެވެ.

(لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ) [سورة ص 85]

މާނައީ: “ހަމަކަށަވަރުން، ކަލޭގެޔާއި އަދި އެއުރެންގެ ތެރެއިން ކަލޭގެޔަށް ތަބަޢަވީ ބަޔަކާއި އެ އެންމެންއަޅުއްވައި ނަރަކަ ފުރުއްވާހުށީމެވެ.”

މީސްތަކުންގެ ތެރެއިން ކާފަރުން ގިނަވެގެންވުމާއި އެކުގައިވެސް، ކޮންމެ ކާފިރަކު ވާނީ ނަރަކައިގައެވެ. ރަސޫލުންގެ ދަޢުވަތަށް އިޖާބަ ނުދިން މީހުންގެ އަދަދަށް ބަލާއިލުމުންވެސް ކާފަރުންގެ އަދަދު ގިނަކަން ހާމަވެގެންދެއެވެ. މިގޮތުން ޤިޔާމަތްދުވަހުގައި ކޮންމެ ނަބީބޭކަލަކާއި އެބޭކަލެއް ފޮނުއްވުނު މީސްތަކުންގެ ތެރެއިން އެބޭކަލަކަށް ތަބަޢަވީ މީހުން ވަޑައިގަންނަވާ އިރު، ބައެއް ނަބިއްޔުންނާއި އެކުގައި ވަނޑައިގަންނަވާނީ އެންމެ މީހަކެވެ. އަދި އަނެއްބައި ބޭކަލުންނާއި އެކުގައި ދެމީހުންނެވެ. އަދި އަނެއްބައި ބޭކަލުންނާއި އެކު ދިހަޔަކަށް ވުރެ މަދު ބަޔެކެވެ.

ޢަބްދު ﷲ ބުން ޢައްބާސް رضي الله عنه ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((عُرِضَتْ عَلَيَّ الْأُمَمُ، فَرَأَيْتُ النَّبِيَّ وَمَعَهُ الرُّهَيْطُ، وَالنَّبِيَّ وَمَعَهُ الرَّجُلُ وَالرَّجُلَانِ، وَالنَّبِيَّ لَيْسَ مَعَهُ أَحَدٌ . . . ))1

މާނައީ: “ތިމަން ކަލޭގެފާނަށް އުއްމަތްތަށް ދެއްކެވުނެވެ. އެހިނދު ނަބީބޭކަލެއް އެބޭކަލަކާއި އެކުގައި رُهَيْط2 އެއްވަނިކޮށް ދެކިވަޑައިގަތީމެވެ. އަދި ނަބިއްޔެއް އެބޭކަލަކާއިއެކުގައި މީހަކު އަދި ދެމީހުން އަދި ނަބީބޭކަލެއް އެބޭކަލަކާއި އެކުގައި އެއްވެސް މީހަކު ނުވަނިކޮށް ދެކިވަޑައިގަތީމެވެ.”

އަދި އާދަމުގެ ދަރީންގެ ތެރެއިން ކޮންމެ އެއްހާސް މީހުންކުރެ ނުވަސްތޭކަ ނުވަދިހަ ނުވަ މީހުން ދާނީ ނަރަކަޔަށްކަން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ތަކުން އެނގެވެ. އެކަލޭގެފާނު ޙަދީޘް ކުރެއވިއެވެ.

((يَقُولُ اللَّهُ تَعَالَى: يَا آدَمُ، فَيَقُولُ: لَبَّيْكَ وَسَعْدَيْكَ، وَالخَيْرُ فِي يَدَيْكَ، فَيَقُولُ: أَخْرِجْ بَعْثَ النَّارِ، قَالَ: وَمَا بَعْثُ النَّارِ؟، قَالَ: مِنْ كُلِّ أَلْفٍ تِسْعَ مِائَةٍ وَتِسْعَةً وَتِسْعِينَ، فَعِنْدَهُ يَشِيبُ الصَّغِيرُ، وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا، وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى، وَلَكِنَّ عَذَابَ اللَّهِ شَدِيدٌ .قَالُوا: يَا رَسُولَ اللَّهِ، وَأَيُّنَا ذَلِكَ الوَاحِدُ؟ قَالَ  أَبْشِرُوا، فَإِنَّ مِنْكُمْ رَجُلًا وَمِنْ يَأْجُوجَ وَمَأْجُوجَ أَلْفًا…))3

މާނައީ: “ﷲ ތަޢާލާ (ޤިޔާމަތްދުވަހުން) ވަޙީކުރައްވާނެތެވެ. އޭ އާދަމެވެ. އެހިނދު އެކަލޭގެފާ ވިދާޅުވާނެވެ. އާދޭހެވެ، މިއަޅާ މިހުރީ އިބައިލާހަށް އިޖާބަދިނުމުގައެވެ. އަދި އެންމެހައި ހެވެއްވަނީ އިބައިލާހުގެ ދެއަތްފުޅުގައެވެ. ދެން އެކަލާނގެ ވަޙީކުރައްވާނެތެވެ. ނަރަކަޔަށް ދާންޖެހޭމީހުން ނެރޭށެވެ. އެކަލޭގެފާނުވިދާޅުވާނެވެ. ނަރަކަޔަށް ދާން ޖެހޭ މީހުންނަކީ ކޮބައި ހެއްޔެވެ؟ . އެކަލާނގެ ވަޙީކުރައްވާނެތެވެ. އެއީ ކޮންމެ އެއްހާހަކުން ނުވަސްތޭކަ ނުވަދިހަ ނުވައެކެވެ. އެހިނދަކީ ކުޑަކުއްޖާ މުސްކުޅިވާ ހިނދެވެ. އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲ ގެ ޢަޛާބު ގަދަފަދައީއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރުމެންގެ ތެރެއިން (ސަލާމަތްވާ) އެމީހަކީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އުފާކުރާށެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކެވެ. އަދި (ނަރަކަޔަށް) ދާއަނެއްބައި އެއްހާސްމީހުންނަކީ ޔައުޖޫޖު ވަމައުޖޫގެ ބައިގެ މީހުންނެވެ.”

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

                                   

[1] صحيح مسلم

[2] رُهَيط އަކީ  رَهط  ކުޑަކޮށްފައި ކިޔާ ގޮތެވެ. އެއީ ތިނަކުން ފެށިގެން ދިހައަކާއި ހަމަޔަށްވާ މީސްތަކުންގެ ޖަމާޢަތެކެވެ.

[3] صحيح البخاري