[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (7 ވަނަ ބައި )

ar_t3zeem_Allah_t3alee

ﷲ ތަޢާލަ އަށް ފުރައްސާރަކުރުމުގެ ދެ ވައްތަރެއް ވެއެވެ.

ފުރަތަމަ ވައްތަރު: ސީދާކޮށް ވެވޭ ފުރައްސާރަ:

މީގެ މިސާލަކީ ﷲ ތަޢާލާއަށް އަށް ލަޢުނަތް ދިނުމާއި އެއިލާހަށް ކުޑައިމީސްބަސް ރައްދުކުރުމާއި ފުރައްސާރަކުރުމެވެ. އެއިލާހުގެ ޒާތުފުޅުގެ ޤަދަރުކުޑަވާފަދަ ވާހަކަދެއްކުމެވެ. ފަހެ މިފަދައިން ފުރައްސާރަކުރާ މިހާގެ މައްޗަށް ކުރީގައި ބާޔަންވެދިޔަ ހުރިހާ ޙުކުމެއް އަންނާނެއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ﷲ އަށް ފުރައްސާރަކުރުމުގެ ޙުކުމްތަކޭ ބުނެވިއްޖެނަމަ އެބަސް ރައްދުވަނީ މިގޮތަށް ފުރައްސާރަކުރުމަށެވެ.

ދެވަނަ ވައްތަރު: ނުސީދާކޮށް ވެވޭ ފުރައްސާރަ:

މިގޮތަށް ކުރާ ފުރައްސާރައިގެ ތެރޭގައި ﷲ ތަޢާލާ ކުރައްވާ ކަންކަމަށް ފުރައްސާރަ ކުރުމާއި އެއިލާހުގެ އާޔަތްތައް ނުވަތަ ހެކިތަކަށް ފުރައްސާރަކުރުމާއި އެއިލާހުގެ މަޚްލޫޤާތްތަކުގެ ތެރެއިން އެއިލާހު އިޚްތިޔާރުދެއްވާފައިނުވާ މަޚްލޫޤާތްތަކަށް ފުރައްސާރަކުރުން ހިމެނެއެވެ. މި މަޚްލޫޤާތްތަކަކީ އިންސާނުންނަށް ދެއްވާފައިވާ، ކަންކަން ލިބިގަތުމުގެ ބަރާއި، އިޚްތިޔާރު ދެއްވާފައިވާ ތަކެއްޗެއްނޫނެވެ. މިގޮތުން ޒަމާނަށް ފުރައްސާރަކުރުން މިވައްތަރުގެ ފުރައްސާރައިގެ ތެރޭގައި ހިމެނެއެވެ. ދުވަހަށާއި ގަޑިތަކަށާއި ހިނދުކޮޅުތަކާއި މަސްތަކާއި އަހަރުތަކާއި ތަރިތަކާއި އޭގެ ދުވެއްޔަށް އެއްޗެހިގޮވައި ފުރައްސާރަކުރުން މިވައްތަރުގެ ފުރައްސާރައިގެ ތެރޭގައި ހިމެނެއެވެ. މިވައްތަރުގެ ފުރައްސާރަކުރުމުން އެކަން ކުރާމީހާގެ މައްޗަށް ކުރީގައި ބަޔާންވި ކުފުރުގެ ޙުކުމާއި ޤަތުލުކުރުމުގެ ޙުކުމް ނާންނާއެވެ. އެހެންނަމަވެސް މިވައްތަރުގެ ފުރައްސަރަކުރާއިރުވެސް އޭނާގެ ގަސްދަކީ ސީދާ އެތަކެތި ޚަލްޤުކުރެއްވި އެތަކެތީގެވެރިފަރާތަށް ފުރައްސާރަކުރުންކަމުގައި ވަނީނަމަ އޭނާ ކާފަރުވާނެއެވެ.

“ޟަޙީޙައިން” ގައި ޘާބިތުވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. عن أبي هريرة رضي الله عنه قال : قال رسول الله – صلى الله عليه وسلم – : ( قال الله عز وجل : يؤذيني ابن آدم يسب الدهر ، وأنا الدهر بيدي الأمر ، أقلب الليل والنهار ) މާނައީ: “އަބޫ ހުރައިރާ ޜަޞިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދިޘްކުރެއްވިއެވެ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާ ޒަމާނަށް ފުރައްސާރަކުރަމުން ތިމަން އިލާހަށް އުނދަގޫކުރެއެވެ. ފަހެ ތިމަން އިލާހުއީ ޒަމާނެއެވެ. {އެބަހީ ޒަމާން ހިނގަނީ ތިމަންއިލާހުގެ އަމުރަށެވެ.} ހުރިހާކަމެއް ހިންގެވުމުގެބާރު ވަނީ ތިމަންއިލާހުގެ އަތްޕުޅުގައެވެ. ރެއާއި ދުވާލު ބަދަލުކުރައްވަނީ ތިމަންއިލާހެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ: ( قال الله عز وجل : يؤذيني ابن آدم يقول : يا خيبة الدهر ، فلا يقولن أحدكم : يا خيبة الدهر ، فإني أنا الدهر أقلب ليله ونهاره فإذا شئت قبضتهما ) މާނައި: ” ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާ ތިމަންއިލާހަށް އުނދަގޫކުރެއެވެ. އޭނާ ބުނެއެވެ. “ޒަމާނަށް ހަލާކުހުއްޓެވެ.” އެހެންކަމުން ތިޔަބައިމީހުންގެ އެކަކުވެސް “ޒަމާނަށް ހަލާކު ހުއްޓޭ” ނުބުނާށެވެ. އެހެނީ ތިމަން އިލާހީ ޒަމާނެވެ. {އެބަހީ ޒަމާން ހިނގަނީ ތިމަންއިލާހުގެ އަމުރަށެވެ.} ޒަމާނުގެ ރޭއާއި ދުވާލު ބަދަލުކުރައްވަނީ ތިމަންއިލާހީމެވެ. ތިމަންއިލާހު އިރާދަކުރައްވައިފި ނަމަ އެކަން ހިފަހައްޓަވައިފާނަމެވެ. “

ތަރިތަކާއި އިރާއި ހަނދާއި އެތަކެތީގެ އަސަރުތައް ކަމުގައިވާ ރެއާއި ދުވަލާއި ޒަމާނަކީ އެ ހިންގަވާފަރާތުގެ ބާރުގެދަށުގައި އެއްވެސް އިޚްތިޔާރެއް ދެއްވުމަކާއި ނުލާ ހިނގާކަންކަމެވެ. އެ ތަކެތި ހިނގަނީ ﷲ ތަޢާލާގެ އިރާދައިގެ ދަށުން އެކަންޔެވެ. އެތަކެއްޗަކީ އެތަކެތީގެ ޒާތުގައި އަމިއްލަ އިރާދަޔެއް ލިބިގެންވާ އަމިއްލަޔަށް ގޮތް ނިންމުމުގެ ބާރުލިބިގެންވާ އަމިއްލަ އިޚްތިޔާރު ލިބިގެންވާ ތަކެއްޗެއް ނޫނެވެ. އެހެންކަމުން އެތަކެއްޗަށް އަމުރުކުރެވެނީ ހަމައެކަނި ﷲ ތަޢާލާގެ ކައުނީ އަމުރުތަކެވެ. {އެފަދަ އަމުރުތަކަކީ އެއަމުރެއް ތަންފީޒުވުން ލާޒިމްވެގެންވާ އަމުރުތަކެވެ. އެހެންނަމަވެސް ޝަރުޢީ އަމުރުތަކަކީ އެ އަމުރުތަކާއި އެއްގޮތަށް ކަންތައް ވުން ލާޒިމްވެގެންވާ އަމުރުތަކެއް ނޫނެވެ.} އެހެންކަމުން ﷲ ތަޢާލަގެ ކައުނީ އަމުރުތަކުން ބޭރުވުމުގެ އިޚްތިޔާރެއް އެތަކެއްޗަކަށްނުވެއެވެ.

އެހެންކަމުން އެތަކެއްޗަށް ކުރެވޭ ފުރައްސާރައަކީ އެތަކެއްޗަށް އަމުރުކުރެއްވި ފަރާތަށް ކުރެވޭ ފުރައްސާރައެކެވެ. އަދި އެއީ އެފަރާތުގެ ޙިކުމަތްވަންތަކަމާއި އެ ފަރާތުގެ އިރާދަތަށް ހެދޭ ދެކޮޅުހެދުމެކެވެ.

ޒަމާނަށް ފުރައްސާރަކުރުން، ﷲ ތަޢާލާ އެއިލާހަށް ފުރައްސާރަކުރުން ކަމުގައި ލައްވާފައިވަނީ މިގޮތުގެ މަތިންނެވެ. އެ ފުރައްސާރަ އިން ލާޒިމްވަނީ ﷲ ތަޢާލާއަށް ކުރެވޭ ފުރައްސަރައެވެ.!

އިންސާނުންނަށް ފުރައްސާރަކުރުމަކީ އެއިލާހަށް ފުރައްސާރަކުރުން ކަމުގައި ﷲ ތަޢާލާ ލައްވާފައިނުވެއެވެ. އެހެނީ އިންސާއަށް ކަންކަން އިޚްތިޔާރުކުރުމުގެ ޚިޔާރު ﷲ ތަޢާލާ ދެއްވިއެވެ. އަދި އިންސާނާއަށް އޭނާ ބޭނުންގޮތަކަށް ކަންތައް ކުރުމަށް ޤަސްދުކުރުމުގެ އިރާދަތެއް ދެއްވިއެވެ. ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ. (وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ رَبُّ الْعَالَمِينَ) (التكوير 29) މާނައި: ” عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ކުރުމަށް އިރާދަނުކުރެވޭނެތެވެ. (އެބަހީ: ނޭދެވޭނެތެވެ.) ” [މި އާޔަތުން އިންސާނާއަށްވެސް އިރާދައެއްވާކަން އެނެގެއެވެ. އެހެންކަމުން އޭނާ އެދޭގޮތެއް އޭނާ ޚިޔާރުކުރެއެވެ. އެހެންކަމުން މި އާޔަތުގެ މުރާދަޔަކީ އޭނާ ކޮންމެ ގޮތެއް އެދުނުކަމުގައި ވިޔަސް ނުވަތަ އިރާދަކުރިކަމުގައި ވިޔަސް އެގޮތެއް ވާނީ ﷲ ތަޢާލާގެ އިރާދކުރެއްވުމުގެމަތިންނެވެ. އެހެންކަމުން އިންސާނާގެ އިރާދައަކީ ﷲ ގެ އިރާދައާއި ތަބަޢަވެގެންވާ އިރާދައެކެވެ. އެހެނީ ޒަމާނާއި ތަރިތަކާއި ޚިލާފަށް އިންސާނުންނަށް އިރާދަކުރުމުގެ ބާރު ﷲ ދެއްވިއެވެ. ޒަމާނާއި ތަރިތައްފަދަ މަޚްލޫޤާތްތަކަށް އެބާރު ނުދެއްވައެވެ.]

ތަރިތަކާއި އިރާއި ހަނދާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ) (يس 40) މާނައީ: ” ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ. “

ވާޖިބުވެގެންވަނީ ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހުތަޢާލާގެ ސިފަފުޅުތައް މަތިވެރިކުރުމެވެ.

  • ﷲ ތަޢާލާ މަތިވެރިކުރުމުގެ ތެރޭގައި: އެއިލާހުތަޢާލާ ތަދުބީރުކުރައްވާ ތަދުބީރުކުރެއްވުމާއި އެއިލާހުތަޢާލާގެ އަމުރުފުޅުތަކާއި ނަހީފުޅުތައް މަތިވެރިކުރުން ހިމެނެއެވެ. އެ އަމުރުފުޅުތަކާއި ނަހީތަކުގެ ކުރިމަތީގައި މަޑުވުމާއި ކިޔަމަންތެރިވުން ހިމެނެއެވެ. އަދި އިންސާނައަށް ޢިލްމު ލިބިގެންނުވާ ކަންކަމާއި މެދު ފާޑުކިޔައި ނޫޅުން ހިމެނެއެވެ.
  • ﷲ ތަޢާލާ މަތިވެރިކުރުމުގެ ތެރޭގައި: އެއިލާހަށް ޒިކުރުކުރުމާއި އެއިލާހަށް ދުޢާކުރުމާއި އެއިލާހުގެ ހަޞުރަތުން ކަންކަމަށް އެދި ދެންނެވުން ހިމެނެއެވެ. އަދި ދުނިޔެމަތީގައި ހިނގާކަންތައްތައް އެއިލާހަށް އެކަނި ނިސްބަތްކުރުން ހިމެނެއެވެ. އެހެނީ އެއިލާހަކީ އެކަންތައްތައް ޚަލްޤުކުރައްވައި އެކަންތައްތައް ހިންގަވާ ފަރާތެވެ. އެއިލާހަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އެއިލާހު ތަޢާލާ ވަޙީކުރައްވާފައިވެއެވެ: (وَمَا قَدَرُوا اللَّـهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ)(الزمر 67) މާނައީ: ” اللَّه އަށް قدر ކުރުން حق ވެގެންވާގޮތުގައި، އެއުރެން އެކަލާނގެއަށް قدر އެއް ނުކުރެތެވެ. އަދި قيامة ދުވަހުން، މުޅިބިންވާހުށީ، އެކަލާނގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ، ފަށްޖަހައިލަައްވާފައިވާ حال، އެކަލާނގެ ކަނާތްޕުޅުގައެވެ. އެއުރެން شريك ކުރާ ތަކެތިން، އެކަލާނގެ ހުސްطاهر ވެ، މަތިވެރިވެވޮޑިގެންވެއެވެ. “

މިއާއިއެކު މި ރިސާލަވެސް ކުރުގޮތަކަށް މި ނިންމާލެވުނީއެވެ.

އެހީތެރިވެވޮޑިގަންނަވާ ހެޔޮމަގަށް ސީދާކުރައްވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. އެއިލާހާއި އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަޅަމެން އެއިލާހުގެ ޙަޞުތަރުން އެދެނީ އަޅަމެންނަށް ޢިޚްލާޟްތެރިކަން މިންވަރުކޮށްދެއްވައި ޢާއްމު ވެގެންވާ ފައިދާއެއް މިންވަރުކޮށްދެއްވުމެވެ.

وصلى الله وسلم على نبينا محمد، وآله وصحبه ومن تبعهم بإحسان إلى يوم الدين.

ލިޔުއްވ: عبد العزيز بن مرزوق الطريفي. (حفظه الله.)

21 މުޙައްރަމް 1434

ތަރުޖަމާކުރީ: أحمد محصن محمد

27 ޝަޢުބާން 1437

________________

-ނިމުނީ-

ކުރީގެ ބައިތައް ވިދާޅުވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ!

فضيلة الشيخ عبد العزيز بن مرزوق الطَّريفي ލިޔުއްވާފައިވާ تعظيم الله تعالى و حكم شاتمه ގެ ދިވެހި ތަރުޖަމާ