[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަމަސް ފެށުމުގެ ކުރީ ދެދުވަހު ރޯދަހިފުމުގެ ޙުކުމް

ރޯދަމަސް އަންނަ އިރު ރޯދަކުރީން އަންނަ ދުވަސްތަކުގައި ރޯދަހިފުމުގެ ޙުކުމާއި އަދި ރޯދަމަހާއި ގުޅުންހުރި ކަންކަން އެނގުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން ތިރީގައި މިވަނީ އެގޮތުން އަޅުގަނޑުމެންނަށް އެނގެން ޖެހޭ މައްސަލައެކެވެ.

ރޯދަމަސް ފެށުމުގެ ކުރީ ދެދުވަހު ރޯދަ ނުހިފުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވަމުން ޙަދީޘްކުރައްވާފައިވެއެވެ.

(لَا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلَا يَوْمَيْنِ إِلَّا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ) رواه مسلم في صحيحه: 1082.

މާނައީ: “ރޯދަމަސް ކުރިން އެއްދުވަހު ނުވަތަ ދެދުވަހު ރޯދަހިފުން އިސްނުކުރާށެވެ. އެދުވަހު ރޯދަހިފާމީހާ މީހާގެ ރޯދައެއް(އެދުވަހާ ދިމާވެއްޖެނަމަ) ފަހެ އެމީހަކު ރޯދަހިފާށެވެ.”

އެއީ ރޯދަ ފެށުމުގެ ކުރީ ދެދުވަހެވެ. މިސާލަކަށް ރޯދަމަސް ފެށެނީ ހުކުރު ދުވަހު ކަމުގައިވާނަމަ ބުރާސްފަތި ދުވަހާއި އަދި ބުދަ ދުވަހެވެ. މިތަނުން ބުރާސްފަތި ދުވަހަކީ ޝައްކުގެ ދުވަހެވެ. އެދުވަހަށް ހަނދު ބެލޭ ދުވަހެވެ. ހަނދު ނުފެނިއްޖެނަމަ އެދުވަހު ރޯދަހިފުމެއް ނުވެއެވެ. ހަނދު ފެނިއްޖެނަމަ ރޯދަހިފެއެވެ. ޝައްކުގެ ދުވަހޭ ބުނެވެނީ އެކަމުގެ މައްޗަށެވެ. އެދުވަހު ރޯދަހިފުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.

އެހެންކަމުން ޙަދީޘް ޢިލްމުވެރިން މި ޙަދީޘްގެ މުރާދުގައި ރޯދަމަސް އައުމުގެ ކުރީ ދެދުވަހު ރޯދަހިފުން ޙަރާމްކަމަށް ވިދާޅުވެއެވެ. އެފަދައިން އިމާމު ނަވަވީ ޞަޙީޙް މުސްލިމުގައި ބަޔާންކުރައްވާފައިވެއެވެ.  އެގޮތުން އެދެދުވަހު ރޯދަހިފުން އަންނަނީ އަންނަނިވި ތިންގޮތުގެ މަތީންނެވެ.

ފުރަތަމައީ: ރަމަޟާންމަހުގެ ރޯދަކަމަށް ދެކިގެން އެއްދުވަސް އަދި ދެދުވަސް އިސްކޮށް ރޯދަހިފުމެވެ. މި ޙަދީޘްގައި ނަހީ އައިސްފައިވަނީ މިކަމަށެވެ. މިފަދައިން ރާފިޟީ ޝީޢާއިން ކަންތައް ކޮށްއުޅެއެވެ. އެއްވެސް ޙާލެއްގައި މިފަދައިން ކަންކުރުން ހުއްދަވެގެން ނުވެއެވެ. ރޯދަހިފުންވަނީ ހަނދުފެނުމުންނެވެ. އަދި 30 ވަނަ ދުވަހަށް ހަނދު ނުފެނިއްޖެނަމަވަނީ ޝައުބާން މަހުގެ ތިރީސް ހަމަކުރުމެވެ.

ދެވަނައީ: ނަދުރު ރޯދައާއި ރޯދަމަހުގެ ނުހިފިހުރި ޤަޟާކުރަން ޖެހޭ ރޯދަ އަދި ކައްފާރާ ރޯދަފަދަ ރޯދަހިފުން ހުއްދަވެގެންވެއެވެ.

ތިންވަނައީ: ސުންނަތް ރޯދަހިފުމެވެ. ސުންނަތް ރޯދަހިފުން ދެބަޔަކަށް ބެހެއެވެ.

ހ. ސުންނަތް ރޯދައަކީ ކުރިން ހިފަމުން އައި ރޯދައަކާއި މިދެދުވަސް ދިމާވާނަމަ، މިސާލަކަށް ހޯމަ ބުރާސްފަތި، ދެދުވަހުން އެއްދުވަހު ހިފާ ރޯދަ ނުވަތަ ޝައުބާން މަހު ކުރީކޮޅުން ފެށިގެން ހިފަމުން އަންނަ ނަމަ މިރޯދަ ހިފުން ހުއްދަވެގެންވެއެވެ. އެކަމުގައި މައްސަލައެއްނެތެވެ. މަތީގައިވާ ޙަދީޘްގެ ފަހުކޮޅުގައި އެބުނަނީ މިވާހަކައެވެ.

ށ. ސުންނަތް ރޯދަ ހިފުން ކުރިން ނުހިފާ ހުރެ މިދުވަހު އެކަނި ހިފުން ނުވަތަ ރޯދައާއި ހިފުން މިގޮތަށް ރޯދަހިފުން މި ޙަދީޘްގެ ދަށުން ނަހީވެގެންވެއެވެ. އެފަދައިން އެބަހީ އަލަށް ރޯދަހިފަން ފެށުންކަމުގައި ޙަދީޘްގެ ޝަރަޙައިގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

ނިމުނީ.

މަޞްދަރު:

لطائف المعارف لابن رجب رحمه الله.

شرح صحيح مسلم للنواوي رحمه الله.