[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 65 ” މީހުންމެރުން ގިނަވުން… “

  1. މީހުންމެރުން ގިނަވުން.

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى يَكْثُرَ الْهَرْجُ)) قَالُوا: وَمَا الْهَرْجُ يَا رَسُولَ اللهِ؟ قَالَ: ((الْقَتْلُ، الْقَتْلُ)) މާނައީ: “هَرْجُ ގިނަވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ.” ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ހަރްޖަކީ ކޮންއެއްޗެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “މެރުމެވެ. މެރުމެވެ.” رواه مسلم.[1]

އަދި ބުޚާރީގެ ރިވާޔަތުގައި، ޢަބްދުﷲ ބްން މަސްޢޫދުގެ ކިބައިން ވެއެވެ. ((بَيْنَ يَدَيِ السَّاعَةِ أَيَّامُ الْهَرْجِ؛ يَزُولُ فِيهَا الْعِلْمُ، وَيَظْهَرُ فِيهَا الْجَهْلُ)). قَالَ أَبُو مُوسَى: وَالْهَرْجُ: الْقَتْلُ بِلِسَانِ الْحَبَشَةِ[2] މާނައީ: “ޤިޔާމަތާ ކައިރީގައި ހަރްޖުގެ ދުވަސްތަކެއް ވެއެވެ. އެދުވަސްތަކުގައި ޢިލްމުވެރިކަން ފިލައިގޮސް ޖާހިލުކަން ފާޅުވާނެއެވެ.” އަބޫ މޫސާ ދެންނެވިއެވެ. ހަރްޖަކީ ޙަބަޝީންގެ ބަހުރުވާގައި؛ ޤަތުލު ކުރުމެވެ.

އަދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ މޫސާ رضي الله عنه ރިވާކުރައްވާފައި ވެއެވެ. ޙަދީޘްކުރެއްވިއެވެ. ((إِنَّ بَيْنَ يَدَيِ السَّاعَةِ الْهَرْجُ)). قَالُوا: وَمَا الْهَرْجُ؟ قَالَ: ((الْقَتْلُ)). قَالُوا: أَكْثَرُ مِمَّا نَقْتُلُ، إِنَّا نَقْتُلُ فِيْ العَامِّ الْوَاحِدِ أَكْثَرَ مِنْ سَبْعِينَ أَلْفًا. قَالَ: ((إِنَّهُ لَيْسَ بِقَتْلِكُمُ الْمُشْرِكِينَ، وَلَكِنْ قَتْلُ بَعْضِكُمْ بَعْضًا)). قَالُوا: وَمَعَنَا عُقُولُنَا يَوْمَئِذٍ؟ قَالَ: ((إِنَّهُ لَيُنْزَعُ عُقُولُ أَكْثَرِ أَهْلِ ذَلِكَ الزَّمَانِ، وَيُخَلَّفُ لَهُ هَبَاءٌ مِنَ النَّاسِ؛ يَحْسِبُ أَكْثَرُهُمْ أَنَّهُ عَلَى شَيْءٍ، وَلَيْسُوا عَلَى شَيْءٍ))[3] މާނައީ: “ހަމަކަށަވަރުން ޤިޔާމަތާ ކައިރީގައި ހަރްޖު ވެއެވެ.” އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ހަރްޖަކީ ކޮންއެއްޗެއް ހެއްޔެވެ؟ ޙަދީޘް ކުރެއްވިއެވެ. “ޤަތުލު ކުރުމެވެ.” ދެންވޫއެވެ. އެންމެ ގިނައިން ޤަތުލުކުރާ ބަޔަކީ ތިމަންމެން ބޭކަލުންނެވެ. އަހަރަކު ހަތްދިހަ ހާހަށްވުރެ ގިނަ މީހުން ތިމަންމެން މަރަމުއެވެ. ޙަދީޘް ކުރެއްވިއެވެ. “އެއީ ތިޔަބައިމީހުން މުޝްރިކުން މަރާ މެރުމެއް ނޫނެވެ. އަދި ކިއެއްތޯއެވެ! އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު މެރުމެވެ.” ޞަޙާބީން ދެންނެވިއެވެ. އެދުވަހުގައި ތިމަންމެން ހަމަބުއްދި ހުންނާނެތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “އެޒަމާނުގައިވާ ގިނަ މީސްތަކުންގެ ބުއްދި ފިލައިދާނެއެވެ. އަދި މީސްތަކުންކުރެ ވިސްނުންކޮށި ބަޔަކު ޚަލީފާވެރި ކުރެވޭ ހުއްޓެވެ. އެއީވާ މީހެއް ކަމުގައި މީހުން ދެކޭނެއެވެ. އޭނާއީ ހަމަ އެކައްޗެއްވެސް ނޫނެވެ.”

އަދިވެސް އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((وَالَّذِي نَفْسِي بِيَدِهِ؛ لَا تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لَا يَدْرِي الْقَاتِلُ فِيمَ قَتَلَ، وَلَا الْمَقْتُولُ فِيمَ قُتِلَ)). فَقِيلَ: كَيْفَ يَكُونُ ذَلِكَ؟ قَالَ: ((الْهَرْجُ، الْقَاتِلُ وَالْمَقْتُولُ فِي النَّارِ))[4] މާނައީ: “ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅު ދަށުގައިވާ ފަރާތް ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ޤަތުލުކުރާ މީހާއަށް އޭނާ އެޤަތުލު ކުރަނީ ކީއްވެކަން އަދި ޤަތުލުކުރެވޭ މީހާއަށް އޭނާ އެޤަތުލު ކުރެވެނީ ކޮންކަމަކާ ހުރެކަން އެނގިގެންނުވާ ދުވަސްތަކެއް އައިސްފުމަށް ދާންދެން ދުނިޔެ ފަނާވެގެން ނުދާ ހުއްޓެވެ.” ދެންނެވުނެވެ. އެއީ ކިހިނެއްވާނެ ކަމެއް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “އެއީ ހަރްޖެވެ. ޤާތިލު މީހާއާއި ޤަތުލުކުރެވުނުމީހާ ވާހުށީ ނަރަކައިގައެވެ.”

މި ޙަދީޘްތަކުގައި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޚަބަރު ދެއްވާފައިމިވާ ކަންތަކުންކުރެ ބައެއް ވަނީ ކަށަވަރުންވެސް ހިނގައިފައެވެ. ފަހެ ޞަޙާބީންގެ ޒަމާނުގައި، ޢުޘްމާނުގެފާނު ޝަހީދުކޮށްލެއްވުމާއެކު ޤަތުލުކުރުން ފެށިގެން ދިޔައެވެ. އެއަށްފަހު ވަކިމިވެނިތަނެކޭ ޒަމާނެކޭ ބުނެވެން ނެތްހެން ހުރިހާ ކަންކޮޅުތަކަކާއި ޒަމާނަކަށް ކަހަލަގޮތަކަށް ވަނީ ހަނގުރާމަ ޢާންމުވެގެން ގޮސްފައެވެ. އަދި އެހަނގުރާމަތަކުން ކުރެ ގިނަ ހަނުގުރާމަތައް މެދުވެރިވި ސަބަބުވެސް އެނގިގެން ނުވެއެވެ.

އަދި ފަހުގެ އަހަރުތަކުގައި ހިނގާފައިވާ، އުއްމަތްތައް ފަނާކުރަނިވި ހަނގުރާމަތަކުގައި ވަނީ އަނިޔާވެރިގޮތުގައި ހާސްހާހުން މީހުން ކަތިލެވިފައެވެ. އަދި އޭގެސަބަބުން ދޭދޭމީހުން ޤަތުލުކުރުމާ ހަމައަށް ފިތުނަވެރިކަން ފެތުރިގެން ދިޔައެވެ. އެކަން އޭނާ ކުރަން ޖެހުނީ ކީއްވެކަން ޚުދު އޭނާވެސް ނުދަނެއެވެ.

އަދި ހަމައެފަދައިން ޖަމާޢަތްތަކާއި އުއްމަތްތައް ކުދިކުދިކޮށްލާ ފަނާކުރަނިވި ހަތިޔާރު ޢާންމުވުމީ މީހުންމެރުން ގިނަވުމުގައި ނުހަނުބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ. އިންސާނާއަކީ އެއްވެސް އަގެއްނެތް، ބަކަރިގަނޑެއް ކަތިލާފަދައިން ކަތިލެވޭ އެއްޗެއް ކަމުގައި ވެގެން ދިޔައެވެ. އެއީ ފަސާދަ ޢާންމުވުމުގެ ސަބަބުންނާއި ވިސްނުމުގެ ކޮށިކަމާ ހުރެއެވެ. ފަހެ ފިތުނަރޯވުމުން ޤާތިލުމީހާ މީހުން މަރައެވެ. އަދި މެރުނީ ކީއްވެކަމެއް ކޮންކަމަކާހުރެ ކަމެއް ނޭނގޭނެތެވެ. އަދި ކިއެއްތަ! އެއްވެސް ކަމަކަށް ނުވާ ކަންކަމުގައި އަނެކާ މަރައިލާތަން އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ. އެއީ މީސްތަކުންނަށް ނުތަނަވަސް ދަނޑިވަޅުގައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅުން އެކަމުގެ ތެދުކަން އެނގިގެން ދެއެވެ: ((إِنَّهُ لَيُنْزَعُ عُقُولُ أَكْثَرِ أَهْلِ ذَلِكَ الزَّمَانِ)) “އެޒަމާނުގައިވާ ގިނަ މީސްތަކުންގެ ހަމަބުއްދި ފިލައިދާނެއެވެ.” ﷲ ތަޢާލާ އަޅުގަނޑުމެންނަށް ޢާފިޔަތުގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ފާޅުވެ ހުރި ފިތުނަތަކާއި ވަންހަނާވެފައިވާ ފިތުނަތަކުން ރައްކާތެރިކަން ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.

ދެންފަހެ މިއުއްމަތް ރަޙުމުލިބިވެގެންވާ ކަމުގައި އައިސްފައި ވެއެވެ. އާޚިރަތުގައި މިއުއްމަތަށް ޢަޛާބެއް ނުވެއެވެ. މިއުއްމަތުގެ ޢަޛާބަކީ ދުނިޔެމަތީ ލައިގަންނަ ފިތުނައާއި ބިންހެލުންތަކާއި ޤަތުލުޢާންމު ކަމުގައި ﷲ ތަޢާލާ ވަނީ ލައްވާފައެވެ. صَدقَة بن المُثَنَّى [ރިވާކުރައްވާފައިވާ] ޙަދީޘްގައި ވެއެވެ. أَبُوْ بُرْدَة ގެ އަރިހުން ރިވާކުރައްވާ رَبَاح بن الحَارِث އަހުރެމެންނަށް ކިޔައިދެއްވިއެވެ. ވިދާޅުވިއެވެ. [އެބަސްފުޅުގެ ތަރުޖަމާއީ:] ތިމަންނާ ބާޒާރުގައި ޒިޔާދުގެ ގޯތި ދޮށުގައި، ހައިރާންވެ އަތް އުރައިލައިގެން ހުއްޓައި ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީއަކަށް ބައްޕަ ވިދާޅުވާހެން ހީވާ، އަންޞާރުންގެ ބޭކަލަކު (އެބަހީ: މަދީނާގެ އަހުލުވެރިއަކު) ދެންނެވިއެވެ. އޭ އަބޫ ބުރްދާއެވެ. ކަލޭގެފާނު ޙައިރާންވެފައި ތިހުންނަވަނީ ކޮންކަމަކާތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންނާ މި ޢަޖައިބުވަނީ ޤައުމެއްގެ ބަޔަކާ މެދުއެވެ. އެއީ އެބައިމީހުންގެ ދީނަކީ އެއްދީނަކަށް ވެފައި، ނަބިއްޔަކީ އެއްނަބިއްޔަކަށް ވެފައި، އެބައިމީހުން ދަޢުވަތުދެނީ އެއްކަމަކަށް ކަމުގައި ވެފައި، އަދި އެބައިމީހުން ޙައްޖުކުރަނީ އެއްގޮތަކަށް ކަމުގައި ވެފައި، އަދި ހަނގުރާމަ ކުރަނީވެސް އެކަތިގަނޑެއްގެ ގޮތުގައި ކަމުގައި ވެފައި އެބައިމީހުންކުރެ އެއްބަޔަކު އަނެއްބަޔަކު ޤަތުލު ކުރާތީއެވެ. ވިދާޅުވިއެވެ. ކަލޭގެފާނު ޙައިރާން ނުވާށެވެ! ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މިފަދައިން ޙަދީޘް ކުރެއްވީތީ ތިމަންކަލޭގެފާނުގެ ބައްޕާފުޅު އަޑުއައްސަވައި ތިމަންނާއަށް ޚަބަރުދެއްވި އަޑު އެހީމެވެ. ((إِنَّ أُمَّتِي أُمَّةٌ مَرْحُومَةٌ، لَيْسَ عَلَيْهَا فِي الْآخِرَةِ عَذَابٌ، إِنَّمَا عَذَابُهَا فِي الْقَتْلِ والْبَلَابِلِ وَالزَّلَازِل والفِتَن))[5] “ތިމަންކަލޭގެފާނުގެ އުއްމަތަކީ މަރުޙޫމް ކުރެވިގެންވާ އުއްމަތެކެވެ. އެއުއްމަތަށް އާޚިރަތުގައި ޢަޛާބެއް ނުވެއެވެ. އެއުއްމަތުގެ ޢަޛާބަކީ ޤަތުލުކުރުމާއި ބަލާވެރިކަމާއި ބިންހެލުމާއި ފިތުނަވެރިކަން ކަމުގައި މެނުވީ ނުވެއެވެ.”

އަދި އަބޫމޫސާގެ އަރިހުންވާ ރިވާޔަތުގައި ވަނީ: ((إِنَّ أُمَّتِي أُمَّةٌ مَرْحُومَةٌ، لَيْسَ عَلَيْهَا فِي الْآخِرَةِ عَذَابٌ، إِنَّمَا عَذَابُهَا فِي الدُّنْيَا: الْقَتْلُ، والْبَلَابِلُ، وَالزَّلَازِلُ)) މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތަކީ މަރުޙޫމް ކުރެވިގެންވާ އުއްމަތެކެވެ. އެއުއްމަތަށް އާޚިރަތުގައި ޢަޛާބެއް ނުވެއެވެ. އެއުއްމަތުގެ ޢަޛާބުވަނީ ދުނިޔޭގައި އެކަންޏެވެ. ޤަތުލުކުރުމާއި ބަލާވެރިކަމާއި ޒަލްޒަލާތަކުންނެވެ.”

_______________________________

[1] ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 13 – مع شرح النووي)).

[2] ((صحيح البخاري))، كتاب الفتن، باب ظهور الفتن، (13 / 14 – مع الفتح).

[3] ((مسند الإمام أحمد)) (4 / 414 – بهامشة منتخب كنز العمال)، و ((سنن ابن ماجه))، كتاب الفتن، باب التثبت في الفتنة، (2 / 1309) (ح 3959)، و ((شرح السنة))، باب أشراط الساعة، (15 / 28 – 29) (ح 4234). والحديث صحيح.

[4] ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 35 – مع شرح النووي).

[5] ((مستدرك الحاكم)) (4 / 253 – 254)، وقال: ((صحيح الإسناد، ولم يخرجاه))، ووافقه الذهبي.

والحديث صحيح. انظر: ((سلسلة الإحاديث الصحيحة)) (م 2 / 684 – 686).