[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 68 “މިއުއްމަތުގައި ޝިރުކު ފާޅުވުން…. “

  1. މިއުއްމަތުގައި ޝިރުކު ފާޅުވުން.

 

މިއީ ފާޅުވެފައިވާ ޢަލާމާތެކެއެވެ. އަދި އެކަން އެހުރީ އިތުރުވާށެވެ. ފަހެ ހަމަކަށަވަރުން މިއުއްމަތަށް ވަނީ ޝިރުކު ލައިގެންފައެވެ. އަދި އޭގެތެރެއިން ޖަމާޢަތްތަކެއް ވަނީ މުޝްރިކުންނާ ގުޅި ބުދަށް އަޅުކަންކޮށްފައެވެ. އަދި ޤަބުރުމަތީ ޒިޔާރަތް އަޅައި އެތަނުގައި ﷲ ނޫން އެހެންފަރާތްތަކަށް އަޅުކަން ކޮށްފައެވެ. އަދި އެތަންތަނުން ބަރަކާތް ޙާޞިލްކޮށް، ބޮސްދީ އަދި މާތްކޮށް ހިތުމަށްޓަކައި އެތަންތަނަށް ދެއެވެ. އެތަންތަނަށް ނަދުރުބުނެ އެތަންތަނުގައި ޢީދުތައް ފާހަގަކުރެއެވެ. ޝަރީކު ކުރުމުގައި އޭގެ ގިނަ ތަންތަން ހިމެނެނީ ލާތައާއި ޢުއްޒާ އަދި މަނާތުގެ ދަރަޖަ ނުވަތަ އެއަށްވުރެވެސް މަތީ ދަރަޖައެއްގައެވެ.

ޘައުބާން رضي الله عنه ގެ ކިބައިން އަބޫދާއޫދާއި ތިރުމިޛީ ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((وَإِذَا وُضِعَ السَّيْفُ فِي أُمَّتِي؛ لَمْ يُرْفَعْ عَنْهَا إِلَى يَوْمِ الْقِيَامَةِ، وَلَا تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ، وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِي الْأَوْثَانَ))[1] މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގައި ކަނޑި ދަމާލެވިއްޖެނަމަ ޤިޔާމަތާ ހަމައަށްވެސް އެ ނުއުފުލޭ ހުއްޓެވެ. އަދި ތިމަންކަލޭގެފާނުގެ އުއްމަތުގެ ޤަބީލާތަކުގެ ތެރެއިން ބަޔަކު މުޝްރިކުންނާ ގުޅި އަދި ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ބަޔަކު ބުދަށް އަޅުކަންކޮށްފުމާ ހަމައަށް ޤިޔާމަތް ޤާއިމް ނުވާ ހުއްޓެވެ.”

އަދި ދެ ޝައިޚުން (އެބަހީ ބުޚާރީއާއި މުސްލިމް)، އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާ ކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلْيَاتُ[2] نِسَاءِ دَوْسٍ حَوْلَ ذِي الْخَلَصَةِ[3]))[4] މާނައީ: “ދައުސް ވަންހައިގެ މުސްކުޅި އަންހެނުން ذُو الْخَلَصَة ގެ ވަށައިގެން ތޮއްޖެހިއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމެއް ނުވާނެއެވެ.”

(ذُو الْخَلَصَة) އަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސުވަންހައިގެމީހުން އަޅުކަން ކޮށްއުޅުނު އެމީހުންގެ ކަލާނގެއެވެ.

ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘްގައި ޚަބަރު ދެއްވާފައިމިވާ ކަންތައް ވަނީ ހިނގައިފައެވެ. ފަހެ ދައުސް ޤަބީލާއާއި އެމީހުންގެ ވަށައިގެންވާ ޢަރަބީން ވަނީ، އެޤައުމުތަކަށް ޖާހިލުކަން އެނބުރި އައުމާއެކު ذُو الْخَلَصَة ގެ ފިތުނާގައި ޖެހިފައެވެ. އަދި އެތަނުގެ ތާރީޚު އެނބުރި އައިސް ﷲ ފިޔަވައި އެހެންފަރާތަކަށް އެބައިމީހުން އަޅުކަން ކުރަންފެށިއެވެ. ތައުޙީދުގެ ދަޢުވަތާއިގެން އައްޝައިޚް މުޙައްމަދު ބްން ޢަބްދުލްވައްހާބު –رحمه الله- ތެދުވެވަޑައިގެންނެވުމާ ހަމައަށެވެ. ދީނުން ފިލައިގެން ގޮސްފައިވާ ކަންކަން އެކަލޭގެފާނު އާކުރައްވާ ޢަރަބި ޖަޒީރާއަށް އިސްލާމްދީން އަނބުރައި ގެންނެވިއެވެ. އަދި އަލްއިމާމު ޢަބްދުލްޢަޒީޒް ބްން މުޙައްމަދު ބްން ސުޢޫދު –رحمه الله- އިސްނަންގަވައި ޢިލްމުވެރިންގެ ޖަމާޢަތެއް، ދަޢުވަތު ދެއްވުމަށްޓަކައި ذُو الْخَلَصَة އަށް ފޮނުއްވެވިއެވެ. އަދި އެބޭކަލުން އެތަން ހަލާކުކޮށްލައްވައި ބައެއް ބިނާތައް ތަޅާލެއްވިއެވެ. އަދި އާލު ސުޢޫދުގެ ވެރިކަން އެދުވަސްވަރު ނިމުމާއެކު އެތަނުގައިތިބި ޖާހިލުން އަނެއްކާވެސް އެއަށް އަޅުކަންކުރަން ފެށޫއެވެ. އެއަށްފަހު މަލިކު ޢަބްދުލްޢަޒީޒް ބްން ޢަބްދުއްރަޙްމާން އާލުސުޢޫދު –رحمه الله-  ޙިޖާޒުކަރައިގެ ވެރިކަމަށް ވެޑުވުނުހިނދު އެތަނަށް ގަވަރުނަރަކު ލައްވާ އެބޭފުޅާގެ ލަޝްކަރުން ބަޔެއް ފޮނުއްވާ އެތަން ސުންނާފަތިކޮށް އޭގެ އަސަރު މުޅިން ފޮހެލެއްވިއެވެ. ولله الْحَمْدُ والْمِنَّة.[5]

ދެންފަހެ ކޮންމެވެސް ސިފައެއްގައި ޝިރުކު ކުރުން ބައެއް ގައުމުތަކުން އަދިވެސް ފިލައިގެން ނުދެއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ ބަސްފުޅުގެ ތެދުކަމާއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((لَا يَذْهَبُ اللَّيْلُ وَالنَّهَارُ حَتَّى تُعْبَدَ اللَّاتُ وَالْعُزَّى)) فَقَالَتْ عَائِشَةُ: يَا رَسُولَ اللَّهِ! إِن كُنْتُ لَأَظُنُّ حِينَ أَنْزَلَ اللَّهُ: {هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ}[6] أَنَّ ذَلِكَ تَامًّا، قَالَ: ((إِنَّهُ سَيَكُونُ مِنْ ذَلِكَ مَا شَاءَ اللَّهُ، ثُمَّ يَبْعَثُ اللَّهُ رِيحًا طَيِّبَةً، فَتُوْفِي كُلَّ مَنْ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إيْمَانٍ، فَيَبْقَى مَنْ لَا خَيْرَ فِيهِ، فَيَرْجِعُونَ إِلَى دِيْنِ آبَائِهِمْ))[7] މާނައީ: “ލާތައާއި ޢުއްޒާއަށް އަޅުކަން ކޮށްފުމާ ހަމައަށް ރޭދުއާ ދައުރުވުމަށް ނިމުމެއް ނާންނަހުއްޓެވެ.” ޢާއިޝަތުގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ﷲ ތަޢާލާ [މިއާޔަތް] ބާވައިލެއްވި ހިނދު އެކަން އެވަނީ ފުރިހަމަ ވެގެން ކަމުގައި ތިމަންކަމަނާ ހީފުޅު ކުރެއްވީމެވެ: ((هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ)) އާޔަތުގެ ތަރުޖަމާއީ: “އެކަލާނގެއީ، ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ކަލާނގެއެވެ. (އެއީ) މުޝްރިކުން ނުރުހުނު ކަމުގައިވިޔަސް، އެންމެހާ ދީންތަކުގެ މައްޗަށް އެދީން ފާޅުކުރެއްވުމަށްޓަކައެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ތަޢާލާ އިރާދަ ކުރެއްވި މިންވަރަކަށް އެކަން ވާނެކަން ކަށަވަރެވެ. އޭގެފަހުގައި ﷲ ތަޢާލާ ނަލަނަލަ ވައިރޯޅިއެއް ފޮނުއްވާނެއެވެ. ފަހެ އެމީހެއްގެ ހިތުގައި ރެވިއޮއްޓަރެއްގެ މިންވަރު ވިޔަސް އީމާންކަމެއްވާ މީހަކުނަމަ މަރުވެގެން ދާނެއެވެ. އަދި އެމީހުންގެ ކިބައިން އެއްވެސް ހެވެއް ނުވާ މީހުން ދިރިތިބޭނެއެވެ. ފަހެ އެބައިމީހުންގެ ކާބަފައިންގެ ދީނަށް އެމީހުން ރުޖޫޢަވާނެއެވެ.”

ޝިރުކުގެ ވައްތަރުތައް ގިނަގުނައެވެ. ހަމައެކަނި ހިލަގަނޑުގަނޑަށާއި ގަސްގަހާގެއްސަށާއި ޤަބުރަށް އަޅުކަން ކުރުމެއް ނޫނެވެ. ކިއެއްތޯއެވެ! އެކަން ފަހަނައަޅައި ﷲ އާ ބައިވެރިން ތަކެއް ކަމުގައި ޠާޣޫތުން ޚިޔާރުކުރިއެވެ. އެފަރާތްތަކުން އަމިއްލައަމިއްލައަށް، މީސްތަކުންނަށް ޝަރީޢަތް ހަދައެވެ. އަދި ﷲގެ ޝަރީޢަތް ދޫކޮށްލައި އެމީހުންގެ ޝަރީޢަތަށް ޙުކުމް ކުރުމަށް މީސްތަކުންނަށް މަޖުބޫރު ކުރުވައެވެ. ފަހެ އެއީ ﷲ އާއެކުގައިވާ އިލާހުންތަކެއް ކަމުގައާއި މަތިވެރި ބައެއް ކަމަށް ނިޞްބަތް ކުރެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّـهِ) [التوبة: 31] މާނައީ: “އެއުރެންގެ ޢިލްމުވެރިންނާއި ފާދިރީންނަކީ، ﷲ ފިޔަވައި އިލާހުން ކަމުގައި އެއުރެން ހެދޫއެވެ.” އެބަހީ: އެބައިމީހުންގެ އިލްމުވެރިންނާއި އެބައިމީހުން އަޅުކަންކުރާ ފަރާތްތައް އެއީ އެބައިމީހުންނަށް ޝަރީޢަތް ކަނޑައަޅާ ބަޔަކު ކަމުގައި ހެދިއެވެ. ފަހެ އެބައިމީހުން ޙަލާލުކޮށް ޙަރާމްކުރާ ކަންތައް އެމީހުން އައީ ބަލައިގަންނަމުންނެވެ.[8]

އަދި މިއީ ޙަލާލު ކުރުމާއި ޙަރާމް ކުރުމުގައި ނަމަ ފަހެ އެބައެއްގެ ފުރަގަހުން އިސްލާމްދީން އެއްލައިލާ ބައެއްގެ ޙާލަކީ ކޮބައި ބާވައެވެ. ޢަލްމާނިއްޔަތާއި ޕާޓީ ސިސްޓަމާއި ބަރުލަމާނިއްޔަތު އަދި ޤައުމިއްޔަތު އެބައިމީހުން ޚިޔާރު ކުރެއެވެ. އެއަށްފަހު އެއީ މުސްލިމުން ކަމުގައި އެމީހުން ދަޢުވާކުރެއެވެ!

____________________________________

[1] ((سنن أبي داود)) (11 / 322 – 324 – مع عون المعبود)، و ((جامع الترمذي)) (6 / 466). وقال الترمذي: ((هذا حديث صحيح)).

وصححه الألباني في ((صحيح الجامع الصغير)) (6 / 174) (ح 7295).

[2] (أليَات) އެއީ الأَلْيَة ގެ ޖަމްޢެވެ. މިތަނުގައި އެކަލިމައިގެ މުރާދަކީ އެބައިމީހުންގެ މުސްކުޅި އަންހެނުންނެވެ. އެބަހީ ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުންގެ މުސްކުޅި އަންހެނުން ކަންކުރިފަދައިން އެތަނުގައި ތޮއްޖެހިފައި ވުމެވެ.

ބައްލަވާ: ((النهاية في غريب الحديث)) (1 / 64).

[3] (الْخَلَصَة): މިލަފްޒުގައި ފިލިޖެހުމުގެ މަޝްހޫރުގޮތަކީ މިއީއެވެ. الْخَلَصَة އަކީ ރަތްކުލައިގެ އޮށެއް އަޅާ ގަހެކެވެ. އެވައްތަރީ خرز العقيق އާއެވެ.

ދެ ބުދެއް ބެހެއްޓިފައިވާ ގެޔަކަށްވެސް (ذُو الْخَلَصَة) އެވެ ކިޔައެވެ. އަދި (الْخَلَصَة) އެއީ އެގޭގެ ނަންކަމުގައާއި (ذُو الْخَلَصَة) އަކީ ބުދުގެ ނަން ކަމުގައި ބުނެއުޅެއެވެ.

އަދި (ذُو الْخَلَصَة) އެއީ ދެބުދަކަށް ކިޔޭ ނަމެކެވެ. އެދޭތިން ކުރެ ކޮންމެ އެއްޗަކަށްވެސް ކިޔަނީ ذَا الخَلْصَة އެވެ. އޭގެތެރެއިން އެކަތި ނިސްބަތްވަނީ ދައުސް ވަންހައަށެވެ. އަދި ދެވަނައެތި ވަނީ ޚަޘްޢަމް ޤަބީލާއަށާއި އެނޫންވެސް ޢަރަބީންނަށެވެ.

ދެންފަހެ ދައުސުންގެ ބުދު ދަންނައެވެ. ފެހެ މިޙަދީޘްގައި އައިސްފައި މިވަނީ އޭގެ ވާހަކައެވެ. އަދިއަދާ ހަމައަށްވެސް (ޠާއިފްގެ އުތުރުގެ) ޒަހްރާންގައިވާ މިތަނަކީ އެންމެން ދަނެއުޅޭ ތަނެއް ކަމުގައި ވެފައި ވެއެވެ. އެހިސާބަށް ކިޔެނީ ثروق އެވެ. ދައުސުންގެ ރަށްތަކުން ކުރެ ރަށެކެވެ. އަދި މިދެންނެވި ذُو الْخَلَصَة ވަނީ رَمَس އެވެ ކިޔޭ އަވަށަކާ ކައިރީގައެވެ. އަދި ذُو الْخَلَصَة އިންނަނީ އުސް ހިލަގަނޑެއްގެ (ކުޑަ ފަރުބަދައެއް) މަތީގައެވެ. އެތާންގެ ހުޅަނގު ފަރާތުގައިވަނީ ذُو الْخَلَصَة ޤަބީލާ މީހުންނެވެ. އަދި އިރުމަތީގައި ވަނީ تهامة އެވެ. މިފަރުބަދައިގެ ބޮޑެތި ހިލަތަށް، ގެދޮރު އިމާރާތްކުރުމަށް މިހާރުވެސް ބޭނުންކުރެއެވެ. މިކަމުން އެނގޭ އެއްޗަކީ އެތަނުގައި އެބުދުހުރީ ގަދަފަދަ ބިނާއެއް ކަމުގައެވެ.

ބައްލަވާ: ((فتح الباري)) (8 / 71)، و ((كتاب في سراة غامد وزهران)) (336 – 340) لحمد الجاسر.

އަދި ޚަޘްޢަމްގެ ބުދު ދަންނައެވެ. އެއަށްވެސް ކިޔެނީ ذَا الخَلْصَة އެވެ. އުޅުނު ޚަޘްޢަމް އާއި ބަޖީލާ އެވެ ކިޔުނު ޢަރަބީންގެ ދެޤަބީލާއިން ބިނާކޮށްފައިވާ ގެއެކެވެ. އެމީހުން އެތަން ގެފުޅާ އެއްފަދަ ކުރެއެވެ. ދެންފަހެ ނަބިއްޔާ صلى الله عليه وسلم، ސަތޭކަ ފަންސާސް މީހުންގެ ލަޝްކަރަކާއެކު جريز بن عبد الله البجلي ފޮނުއްވައި އެތަޅައި ސުންނާފަތިކޮށް އަންދާލެއްވިއެވެ.

އޭތި ތަޅައިލި ވާހަކަ އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައި ވެއެވެ. (8 / 80 – 81 – مع الفتح)، في كتاب المغازي، باب غزوة ذي الخلصة.

އަދ ޚަޘްޢަމް ވަންހައިގެ ބުދުވަނީ މައްކާއާއި ޔަމަނާ ދެމެދު، މައްކާއިން ފުރައިގެން 7 ރެއިން ދެވޭ [ހިސާބުގައިވާ] تبالة ގައެވެ. ޚަޘްޢަމް ވަންހަ ނިސްބަތްވާ ރަށުގެ العبلات އެވެ ކިޔޭ ބަޔަކު އޭތި ހުރިތަނުގައި ހުކުރު މިސްކިތެއް އެޅިއެވެ.

ބައްލަވާ: ((معجم البلدان)) (4 / 80)، و ((كتاب في سراة غامد وزهران)) (ص 343 – 344)، منشورات دار اليمامة، الرياض، عام (1391 هـ).

[4] ((صحيح البخاري))، كتاب الفتن، باب تغيير الزمان حتى تعبد الأوثان، (13 / 76 – مع الفتح) (ح 7116)، و ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 32 – 33 – بشرح النووي).

[5] ބައްލަވާ: ((إتحاف الجماعة)) (1 / 522 – 533)، و ((سراة غامد وزهران)) (ص 347 – 349).

[6] الصف: 9.

[7] ((صحيح مسلم بشرح النووي))، كتاب الفتن وأشراط الساعة، (33 / 18 – مع شرح النووي).

[8] ބައްލަވާ: ((تفسير ابن كثير)9 (4 / 77).