- ދަހިވެތިކަން އިތުރުވުން.
އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((مِنْ أَشْرَاطِ السَّاعَةِ أَنْ يَظْهَرَ الشُّحُّ[1]))[2] “ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދަހިވެތިކަން ފާޅުވުން ހިމެނެވެ.”
އަދިވެސް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެކަލޭގެފާނު ރިވާކުރައްވައި ވިދާޅުވިއެވެ. ((يَتَقَارَبُ الزَّمَانُ، وَيَنْقُصُ الْعَمَلُ، وَيُلْقَى الشُّحُّ))[3] މާނައީ: “ޒަމާން ކައިރިވެ، ޢަމަލުކުރުން މަދުވެ އަދި ދަހިވެތިކަން ލައިގަންނާނެއެވެ.”
އަދި މުޢާވިޔާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((لَا يَزْدَادُ الْأَمْرُ إِلَّا شِدَّةً، ولاَ يَزْدَادُ النَّاسُ إلاَّ شُحًّا))[4] މާނައީ: “އަދި އެކަމުގެ ގަދަފަދަކަން އިތުރުވުން ނޫންކަމެއް ނުވެއެވެ. އަދި މީސްތަކުންގެ ދަހިވެތިކަން އިތުރުވުން ނޫންކަމެއް ކަމެއް ނުމެވޭމެއެވެ.”
ދެންފަހެ ދަހިވެތިކަމަކީ ހުތުރުކަން ހުރި ސިފައެކެވެ. އިސްލާމްދީނުގައި ވަނީ އެކަން ނަހީ ކުރައްވައި އަދި އެމީހެއްގެ ކިބައިން ދަހިވެތިކަން ދުރުކޮށްފި މީހާ ކާމިޔާބުވެ އަރުތަލިބިއްޖެ ކަމުގައި އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ) [الحشر: 9، والتغابن: 16] މާނައީ: “އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.”
އަދި ޖާބިރު ބްން ޢަބްދުﷲ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((اتَقُوا الظُلمَ؛ فَإنَّ الظُلمَ ظُلماتٌ يَوم القِيامَةِ، واتَقُوا الشُحَّ؛ فَإنَّ الشُحَّ أَهلكَ مَن كَان قَبلَكُم؛ وحَملَهُم عَلى أنْ سَفَكُوا دِماءَهُم، واستَحَلُّوا مَحارِمَهُم))[5] މާނައީ: “ތިޔަބައިމީހުން އަނިޔާވެރިކަމުން ދުރުވެގަންނާށެވެ. ފަހެ އަނިޔާވެރިކަން، ޤިޔާމަތްދުވަހުގައި އަނދިރިތަކެއްކަމުގައި ވާހުއްޓެވެ. އަދި ދަހިވެތިކަމުން ދުރުވެގަންނާށެވެ. ފަހެ ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުކޮށްލި ކަމަކީ ދަހިވެތިކަމެވެ. އެކަން އެބައިމީހުންގެ މެދުގައި ލޭއޮހޮރުވުމާއި ޙަރާމް ކަންތައްތަކަށް އަރައިގަތުމަށް މެދުވެރިކުރުވިއެވެ.”
ޤާޟީ ޢިޔާޟް ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ ތަރުޖަމާއީ:] “މިޙަދީޘްގައި ޚަބަރުދެއްވާފައި މިވާ ހަލާކަކީ އެއީ ދުނިޔޭގައި އެބައިމީހުންނަށް ހުރި ހަލާކު ކަމުގައި ވެދާނެއެވެ. އެއީ އެބައިމީހުން ލޭއޮރުވައި ހެދުމުންނެވެ. އަދި އެއީ އާޚިރަތުގައިހުރި ހަލާކު ކަމުގައި ވެސް ވެދާނެއެވެ. އަދި މީގައި އެންމެ ހާމަކޮށް އޮތީ ދެވަނަ ގޮތެވެ. އަދި އެއީ ދުނިޔެއާއި އާޚިރަތުގައި އެބައިމީހުން ހަލާކު ކުރެއްވުން ކަމުގައިވެސް ވެދާނެއެވެ.”[6]
____________________________________
[1] (الشُّح): އެއީ ދަހިކަމުގެވެސް މަތީ ދަރަޖައެކެވެ. އެއީ ދަހިކަމުގައި މަނާކުރާ މާނާވުމަށްވުރެ ވެސް ހައްދުފަހަނައެޅުމެވެ. އަދި ބުނެވެއެވެ. އެއީ [މުދަލަށް] ވަރުހުރުމާއެކު ދަހިވެތިވުމެވެ.
[2] رواه الطبراني في ((الأوسط)). انظر: ((فتح الباري)) (13 / 15).
قال الهيثمي: ((رجال الصحيح، غير محمد بن الحارث بن سفيان، وهو ثقة)). ((مجمع الزوائد)) (7 / 327).
[3] ((صحيح البخاري))، كتاب الفتن، باب ظهور الفتن، (13 / 13 – مع الفتح).
[4] رواه الطبراني، ورجاله رجال الصحيح. ((مجمع الزوائد)9 (8 / 14).
[5] ((صحيح مسلم))، كتاب البر والصلة والآداب، باب تحريم الظلم، (16 / 134 – مع شرح النووي).
[6] [ބައްލަވާ:] ((شرح النووي لمسلم)) (16 / 134).