- މުސްކުޅިން ޒުވާންވާން އުޅުން.
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ؛ كَحَوَاصِلِ الْحَمَامِ، لَا يَرِيحُونَ رَائِحَةَ الْجَنَّةِ))[1] މާނައީ: “ކަޅުކުލައިން (ނުރައިގައި) ކުލަޖައްސާ ބަޔަކު ފަހުޒަމާނުގައި ވާނެއެވެ. ކޮތަރެއްގެ ދަށްބަނޑު ކަހަލައެވެ. އެބައިމީހުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭހުއްޓެވެ.”
މިޙަދީޘްގައި ނަންގަނެވިފައި މިވާ ކަންތައް މިޒަމާނުގައި މިދަނީ ހިނގަމުންނެވެ. ފަހެ ފިރިހެނުން އެބައިމީހުގެ ތުނބުޅިތަކާއި ބޯތަކުގައި ކަޅުކުލަ ޖެއްސުން މިވަނީ ޢާންމުކަމަކަށް ވެފައެވެ.
އަޅުގަނޑަށް ފެންނަގޮތުގައި އެކަލޭގެފާނު صلى الله عليه وسلم ގެ ބަސްފުޅުގައިވާ: ((كَحَوَاصِلِ الْحَمَامِ)) “ކޮތަރުގެ ދަށްބަނޑުހެންނެވެ.” އެއީ މިޒަމާނުގެ މުސްލިމުންގެ ކިބައިން މިފެންނަމުންދާ ގޮތެވެ. –والله أعلم- އެބައިމީހުންގެ ތުނބުޅިތައް ކޮތަރުގެ ދަށްބަނޑު އިންނަ ގޮތަށް ހަދައި ކޯތާފަތުގެ ދެފަރާތުން ބާލައިފައިވާތަން ފެނެއެވެ. އަދި ދަތްދޮޅީގައިވާ އިސްތަށިކޮޅު ބަހައްޓައި ކަޅުކުލަ ޖައްސައެވެ. ކޮތަރެއްގެ ދަށްބަނޑު ފަދައިން އެތަން ވެގެން ދެއެވެ.
ابنُ الجَوْزِي[2] ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “އެބައިމީހުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއޭ ވާބަސްފުޅުގެ މާނައަކީ އެއީ އެބައިމީހުން ޢަމަލުކުރި ގޮތަކުން ނުވަތަ ޤަބޫލުކުރި ޤަބޫލުކުރުމަކުން ކަމުގައި ވެދާއެވެ. ކުލަޖައްސާލުމުގެ ސަބަބަކުން ނޫނެވެ. ކުލަޖެއްސުމީ އެއީ އެމީހުންގެ ފާހަގައެވެ. ޚަވާރިޖުންގެ ފާހަގައިގެ ތެރޭގައި އެބައިމީހުން އިސްތަށި ބައިލާނެކަމުގައި ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. އެއީ އިސްތަށި ބޭލުން ޙަރާމް ކަމުގައި ނުވިނަމަވެސް މެއެވެ.”[3]
ދަންނަވަމެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ ތުނބުޅިއާއި ބޮލުގެ އިސްތަށި ކަޅުކުރުން ނަހީކުރައްވައިފައެވެ. ޞަޙީޙު [މުސްލިމް] ގައި ޖާބިރު ބްން ޢަބްދުﷲ رضي الله عنه ގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މައްކާ ފަތަޙަ ކުރެވުނު ދުވަހުގައި ޘުޣާމާ[4] ފަދަ ހުދު ކަމެއްގައި ބޮލާއި ތުނބުޅި ވާޙާލު އަބޫ ޤުޙާފާ ގެނެވުނެވެ. ދެންފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((غَيِّرُوا هَذَا بِشَيْءٍ، وَاجْتَنِبُوا السَّوَادَ))[5] “ކޮންމެވެސް [ކުލައަކުން] މި ބަދަލުކުރާށެވެ. އަދި ކަޅުކުލައާ ދުރުވެގަންނާށެވެ.”
________________________________
[1] ((مسند الإمام أحمد)) (4 / 156) (ح 247)، تحقيق وشرح أحمد شاكر، وقال: ((صحيح)).
و((سنن أبي داود))، كتاب الترجل، باب ما جاء في خضاب السواد، (11 / 266 – مع عون المعبود).
قال ابن حجر: ((إسناده قوي، إلا أنه اختلف في رفعه ووقفه، وعلى تقدير ترجيح وقفه؛ فمثله لا يقال بالرأي، فحكمه الرفع)). ((فتح الباري)) (6 / 499).
وقال الألباني: ((أخرجه أبو داود، والنسائي، وأحمد، والضياء في ((المختارة))، وغيرهم مما لا مجال لذكرهم… بإسناد صحيح على شرط الشيخين)).
انظر: ((غاية المرام في تخريج أحاديث الحلال والحرام))، (ص 84)، ط. المكتب الإسلامي، ط. الأولى، (1400هـ).
[2] އެއީ العَلاَّمة أَبُوْ الفَرَج عَبْدُ الرَّحمن بْن عَلِي الجَوْزِي القُرَشِي البَغْدَادِي الحَنْبَلِي އެވެ. ވަރަށް ބޮޑެތި ފޮތްތައް ލިޔުއްވި ބޭފުޅެކެވެ. ޙަދީޘާއި ވައުޒާއި ތަފްސީރާއި ތާރީޚާއި މިނޫންވެސް ފޮތްތަކުގެ ޢަދަދު ތިންސަތޭކައާ ގާތްކުރެއެވެ. އަވަހާރަވެވަޑައިގެންނެވީ ހިޖުރީ ސަނަތުން 597 ވަނަ އަހަރުއެވެ. މާތް ﷲ އެކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ.
ބައްލަވާ: ((البداية والنهاية)) ( 13 / 28 – 30)، ومقدمة كتابه ((الموضوعات)) (1 / 21 – 26) لعبد الرحمن محمد عثمان، الناشر محمد عبد المحسن، ط. الأولى، (1386 هـ).
[3] [ބައްލަވާ:] ((الموضوعات)) (3 / 55) لابن الجوزي.
ابْنُ الجَوْزِي ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ދަންނައެވެ! ޞަޙާބީންނާއި ތާބިޢީންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން [ނުރާގައި] ކުލަ ޖެއްސެވިއެވެ. އޭގެތެރޭގައި: ޙުސައިނުގެފާނާއި، ޙަސަނުގެފާނާއި ސަޢްދު ބްން އަބީ ވައްޤާޞް ހިމެނިވަޑައިގަންނަވައެވެ. އަދި ތާބިޢީބޭކަލުންގެ ތެރެއިންވެސް އެތައް ބޭކަލުންނެއް އެކަން ކުރެއްވިއެވެ. އަދި އެކަމުގައި ޢައިބު ފޮރުވުން ވާތީ މެނުވީ އެކަންކުރުން މަކުރޫހަ ވެގެން ނުވެއެވެ. ފަހެ އެކަމުގައި ޢައިބު ފޮރުވުން ނުވާނަމަ ޙަރާމްކަމުގެ ދަރަޖައަށް އުފުލޭނެ ކަމާއި މިވަޢީދު އައިސްފައި މިވަނީ އެފަދަ މީހުންނަށޭ އެއްވެސް ބޭކަލަކު ވިދާޅުވެފައެއް ނުމެވެއެވެ.”
[އިމާމު] ނަވަވީ ވިދާޅުވެފައި ވެއެވެ.[އެބަސްފުޅުގެ ތަރުޖަމާއީ:] “އެންމެ ޞައްޙަ ގޮތަކީ: ކަޅުކުލައިން ކުލަޖެއްސުން ޙަރާމްވެގެން ވުމެވެ. އަދި ބުނެވެއެވެ. އެކަމުން ދުރުވެގަތުމުގެ ގޮތުން އެކަން މަކުރޫހަ ވެގެން ވެއެވެ. އަދި އެކަމުގައި އިޚްތިޔާރުކުރެވެން އޮތީ އެއީ ޙަރާމްކަމެއް ކަމުގައެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ މިބަސްފުޅަށްޓަކައެވެ. ((وَاجْتَنِبُوا السَّوَادَ)) “ކަޅުން ދުރުވެގަންނާށެވެ.” ((شرح مسلم)) (14 / 80).
އަދި އިބްނު އަބީ ޢާޞިމް ((كِتَابُ الخضاب)) ގައި ޒުހުރީގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. ވިދާޅުވިއެވެ. “ތިމަންމެން މޫނު އާއިރު (އެބަހީ ޒުވާން ދުވަސްވަރު) ކަޅުކުލައިން ކުލަޖައްސައި އުޅުނީމުއެވެ. އަދި މޫނާއި ދަތްތައް ތުރުތުރުލާން ފެށުމުން (އެބަހީ ޒުވާންކަން ފިލައި ދިޔުމުން) އެކަން ދޫކޮށްލެއްވީމެވެ.” ((فتح الباري))، (10 / 354 – 355).
އަލްބާނީ ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] ” މިކަން ޙަރާމް ކަމުގައިވާ ޙަދިޘް [އަލްއިމާމް] ޒުހުރީ އަތްޕުޅުގައި ނެތްކަން ހާމަވެއެވެ. ފަހެ އެކަލޭގެފާނު އެކަން ކުރެއްވުމަކުން އަދި އެކަން އޮތީ އެގޮތަށް ކަމުގައި ހެދޭކަށް ނެތެވެ. ކޮންމެ ގޮތެއް ކަމުގައި ވިޔަސް ރަސޫލުﷲ صلى الله عليه وسلم އަށްފަހު އެކެއްގެ ޢަމަލަކީވެސް ނުވަތަ ބަހަކީވެސް ޙުއްޖަތެއް ނޫނެވެ. އިސްވެދިޔަ ޙަދީޘްކީ ޒުހުރީއާއި އެނޫންވެސް ބޭކަލުންގެ މައްޗަށްވާ ޙުއްޖަތެކެވެ.” ((غاية المرام)) (ص 84).
[4] (الثُّغَامَة): އަކީ އޭގެ މަލާއި މޭވާ ހުދުކަންގަދަ ގަހެކެވެ. އަދި ބުނެވެއެވެ. އެއީ ގަނޑުފެންފަދަ ހުދުކަމެއްވާ ގަހެކެވެ.
ބައްލަވާ: ((النهاية في غريب الحديث)) (1 / 214)، و ((فتح الباري)) (10 / 355).
[5] ((صحيح مسلم))، كتاب اللباس والزينة، باب استحباب خضاب الشيب بصفرة أو حمرة وتحريمه بالسواد، (14 / 79 – مع شرح النووي).