- ހަމައެކަނި ދެކެފަރިތަމީހުންނަށް ކުރާ އެއްޗެއްކަމުގައި ސަލާމްކުރުންވުން.
ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދެކެފަރިތަ މީހުން ނޫން މީހުންނަށް ސަލާމް ނުކުރުން ހިމެނެއެވެ. އިބްނު މަސްޢޫދުގެ އަރިހުން [ރިވާވެގެންވާ] ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُسَلِّمَ الرَّجُلُ عَلَى الرَّجُلِ، لَا يُسَلِّمُ عَلَيْهِ إِلَّا لِلْمَعْرِفَةِ)) رواه أحمد[1] މާނައީ: “ހަމަކަށަވަރުން ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދަންނަ މީހުންނަށް މެނުވީ ސަލާންކޮށް ނޫޅުން ވެއެވެ.”
އަދިވެސް އެކަލޭގެފާނު ރިވާކުރައްވާފައި ރިވާޔަތެއްގައި ވަނީ: ((إِنَّ بَيْنَ يَدَيِ السَّاعَةِ تَسْلِيمَ الْخَاصَّةِ))[2] “ވަކިބަޔަކަށް ސަލާންކޮށްއުޅުން، ޤިޔާމަތާ ކައިރީގައި ވެއެވެ.”
ދެންފަހެ މިކަމަކީ މިޒަމާނުގައި ފެންނަމުން އަންނަ ކަމެކެވެ. ފަހެ މީސްތަކުންގެ ތެރެއިން ގިނަބަޔަކު އެމީހުން ދަންނަ މީހުންނާ ނޫނީ ސަލާމެއް ނުކުރެއެވެ. މިއީ ސުންނަތާ ދިމާއިދިކޮޅު ކަމެކެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ވަނީ ދަންނަ މީހުންނަށްވެސް އަދި ނުދަންނަ މީހުންނާވެސް [ސަލާންކޮށް] ސަލާން ފެތުރުމަށް ބާރު އަޅުއްވާފައެވެ. އަދި ހަމަކަށަވަރުން އެކަމަކީ މުސްލިމުންގެ މެދުގައި ލޯބި އަށަގަތުމުގެ ސަބަބެކެވެ. އެއީ އެކަމުގެ ސަބަބުން ސުވަރުގެ ވަނުމަށް މެދުވެރިކުރުވާ އީމާންކަމުގެ ސަބަބެކެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެފައިވާ [މި] ޙަދީޘްގައި ވާފަދައިންނެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((لَا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ)) رواه مسلم[3] މާނައީ: “އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމާ ހަމައަށް، އީމާންވީ ކަމުގައި ނުވެއެވެ. އެކަމެއް ކުރުމުގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭ ކަމަކަށް ތިމަންކަލޭގޭފާނު، ތިޔަބައިމީހުންނަށް މަގުނުދައްކަވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާން ފަތުރާށެވެ.”
_________________________________
[1] ((مسند أحمد)) (5 / 326)، قال أحمد شاكر: ((إسناده صحيح).
[2] ((مسند أحمد)) (5 / 333)، قال أحمد شاكر: ((إسناده صحيح).
وقال الألباني: ((هذا إسناد صحيح على شرط مسلم)). انظر: ((سلسلة الأحاديث الصحيحة)) (2 / 251) (ح 647).
[3] ((صحيح مسلم))، كتاب الإيمان، باب بيان أنه لا يدخل الجنة إلا المؤمنون، (2 / 35 – مع شرح النووي).