[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން 1

ހަމަކަށަވަރުން މަދީނާއަކީ މާތްވެގެންވާ ނަބިއްޔާ މުޙައްމދު ޞައްލަﷲ ޢަލައިހި ވސައްލަމްގެ ރަށްކޮޅެވެ.  އެއީ މާތްވެގެންވާ ޠައިބާއެވެ. އެ ބިމެއްގައި ވަޙީ ބާވައިލެއްވުނު ބިމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ބައްދަލު ކުރެއްވުމަށްޓަކައި ޖިބްރީލުލް އަމީން އެރަށަކަށް ފައިބައިވަޑައިގެންނެވި ރަށެވެ. އަދި އީމާންކަން އެނބުރި ރުޖޫޢަވާން އޮތް ރަށެވެ. އަދި މުހާޖިރުންނާއި އަންޞާރުން އެރަށެއްގައި ބައްދަލުވި ރަށެވެ. އަންޞާރުންގެ ވަޠަނެވެ. އަދި މުސްލިމުންގެ އެންމެ ފުރަތަމަ ވެރިރަށެވެ. އެ ރަށަކުން ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމުގެ ދިދަ ނެގުނު ރަށެވެ. އަދި އެއީ ޙައްޤުގެ ފަހުލަވާނުން މީސްތަކުން ޖަހާލަތުގެ އަނދިރިކަމުގެ ތެރެއިން ތަވްޙީދުގެ އަލިކަމުގެ ތެރެޔަށް ގޮވާލުމަށް އެރަށަކުން ނުކުންނެވި ރަށެވެ. އެ ރަށަކުން އިސްލާމްދީނުގެ ނޫރު ނުކުމެގެން އައި މާތް ރަށެވެ. އަދި އެނޫރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ. އަދި އެއީ ރަސޫލުﷲ ޞައްލަﷲ އަލައިހިވސައްލަމް އެރަށަކަށް ހިޖުރަ ކުރެއްވި ދާރުލް ހިޖުރާ އެވެ. އަދި އެކަލޭގެފާނުގެ ޙަޔާތުގެ ފަހުކޮޅު އެރަށެއްގައި ދިރިއުޅުއްވި ރަށެވެ. އަދި އެރަށެއްގައި އެކަލޭގެފާނު އަވާހާރަވެވަޑައިގެންނެވި ރަށެވެ. އަދި އެރަށެއްގައި އެކަލޭގެފާނު ފަސްދާނުލެވިފައިވާ ރަށެވެ. އަދި އެރަށަކުން އެކަލޭގެފާނު މަޙްޝަރުކުރެއްވުމަށްޓަކައި ދިރުއްވޭ ރަށެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ މަޙްޝަރުކުރުމަށްޓަކައި ޤަބުރުފުޅުން ނެރުއްވޭނީ އެކަލޭގެފާނެވެ.

މަދީނާއަކީ މާތްﷲ ޝަރްފުވެރި ކުރައްވައި މާތްކުރައްވާފައިވާ ރަށެކެވެ. މައްކާ ފިޔަވައި އެންމެ މާތް ބިންކަމުގައި ލައްވާފައިވާ ބިމެވެ. ރަސުލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޙަދީޘްފުޅުން މަދީނާއަށްވުރެ މައްކާ މާތްވެގެންވާކަން ސާބިތުވެއެވެ. މައްކާއާއި މުޚާޠަބުކުރައްވައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (( وَاللَّهِ إِنَّكِ لَخَيْرُ أَرْضِ اللَّهِ ، وَأَحَبُّ أَرْضِ اللَّهِ إِلَى اللَّهِ ، وَلَوْلَا أَنِّي أُخْرِجْتُ مِنْكِ مَا خَرَجْتُ)) رواه الترمذي و ابن ماجه و هو حديث صحيح މާނައީ: “ﷲ ގަންދީ ހުވާކޮށް ވިދާޅުވަމެވެ. ހަމަކަށަވރުން ތިއީ (މައްކާ) ﷲ ތަޢާލާގެ ބިންތަކުގެ ތެރެއިން އެއިލާހު އެންމެ ލޮބިވެވޮޑިގެންވާ ބިމެވެ. ތިމަންކަލޭގެފާނު ތި ރަށުން ނެރެނުލެވުނު ނަމަ ތިރަށުން ރަށުން ނުކުމެވާޑައިނުގަންނަވާނަމެވެ.”

ބައެއްމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ނިސްބަތްކޮށްއުޅޭ ހަދީޘެއްގައި ވެއެވެ. ((للَّهُمَّ إِنَّكَ أَخْرَجْتَنِي مِنْ أَحَبِّ الْبِلادِ إِلَيَّ ، فَأَسْكِنِّي أَحَبَّ الْبِلادِ إِلَيْكَ )) މާނައީ: ” އޭ ﷲ އެވެ. އިބަ އިލާހު މިއަޅާ އެންމެ ލޯބިވާ ބިމުން މިއަޅާނެރުއްވިއެވެ. އަދި އިބަ އިލާހު އެންމެ ލޯބިވެވޮޑިގަންނަވާ ބިމުގައި މިއަޅާ ވަޒަންވެރި ކުރެއްވިއެވެ.” މި ޙަދީޘަކީ މަޟޫއު ޙަދީޘެކެވެ. ބަޔަކު ހަދާފައިވާ ޙަދީޘެކެވެ. އަދ ހަދީޘްގެ މާނަވެސް ހަމަނުޖެހެއެވެ. ސަބަބަކީ މިޙަދީޘުން ދަލީލްކުރާގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ލޯބިވެވަޑައިގަންނަވާ ތަނަކީ ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ ތަންކަމުގައި ނުވެއެވެ. އަދި ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ ތަނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް އެންމެ ލޯބިވެވަޑައިގަންނަވާ ތަންކަމުގައި ނުވެއެވެ. އެހެންނަމަވެސް ޙޤީޤތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ލޯބިވެވަޑައިގަތުން ތަބަޢަވަނީ ﷲ ތަޢާލާ ގެ ލޯބިވެވޮޑިގަތުމަށެވެ. އަދި ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގްނަވާ ތަނަކީ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ލޯބިވެވަޑައިގަންނަވާ ތަންކަމުގައި ނުވެ ނުދާނެއެވެ.

(ނުނިމޭ)

އަޞްލު: فضل المدينة و آداب سكناها و زيارتها للعلامة المحدث عبد المحسن بن حمد العباد البدر -حفظه الله-.