544 ވަނަ ޙަދީޘް:
544- وَعَنْ حَمْزَةَ بْنِ عَمْرٍو الْأَسْلَمِيِّ رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ: (( يَا رَسُولَ اللَّهِ! أَجِدُ بِي قُوَّةً عَلَى اَلصِّيَامِ فِي السَّفَرِ, فَهَلْ عَلَيَّ جُنَاحٌ؟ فَقَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ” هِيَ رُخْصَةٌ مِنَ اَللَّهِ، فَمَنْ أَخَذَ بِهَا فَحَسَنٌ، وَمَنْ أَحَبَّ أَنْ يَصُومَ فَلَا جُنَاحَ عَلَيْهِ ” )) رَوَاهُ مُسْلِمٌ .
وَأَصْلُهُ فِي ” الْمُتَّفَقِ عليه ” مِنْ حَدِيثِ عَائِشَةَ رَضِيَ اللَّهُ عَنْهَا (( أَنَّ حَمْزَةَ بْنَ عَمْرٍو سَأَلَ))
حَمْزَةُ بْنِ عَمْرٍو الْأَسْلَمِيِّ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުވިދާޅުވިއެވެ. { އޭ اَللَّهُ ގެ ރަސޫލާއެވެ. ދަތުރުމަތީގައި ރޯދަ ހިފާނެހާ ބާރު ތިމަންކަލޭގެފާނުގެ ހަށިގަނޑުގައި އެބަހުއްޓެވެ. އެކަމުގައި ގޯހެއް އެބައޮތްތޯއެވެ؟ رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ” އެއީ اللَّهُ ގެ ހަޟުރަތުން ލިބިފައިވާ ލުއިފަސޭހަކަމެކެވެ. އޭގައި ހިފައިފި މީހާ އެކުރީ ހެޔޮކަމެވެ. އަދި ރޯދަ ހިފަން އެދޭ މީހާއަށް އެކަންކުރުމުގައި ގޯހެއް ނެތެވެ.”}
ޙަދީޘް ރިވާކުރެއްވީ الِإمَامُ مُسْلِم އެވެ.
މި ޙަދީޘްގެ އަސްލު އައިސްފައިވަނީ حَمْزَةُ بْنِ عَمْرٍو -رَضِيَ اللَّهُ عَنْهُ- ސުވާލުކުރެއްވިކަމަށް عَائِشَةَ -رَضِيَ اَللَّهُ عَنْها- ރިވާކުރައްވާފައިވާ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންނަވާ ޙަދީޘުންނެވެ.
545 ވަނަ ޙަދީޘް:
545- وَعَنِ اِبْنِ عَبَّاسٍ -رَضِيَ اَللَّهُ عَنْهُمَا- قَالَ: (( رُخِّصَ لِلشَّيْخِ اَلْكَبِيرِ أَنْ يُفْطِرَ، وَيُطْعِمَ عَنْ كُلِّ يَوْمٍ مِسْكِينًا، وَلَا قَضَاءَ عَلَيْهِ )) رَوَاهُ اَلدَّارَقُطْنِيُّ، وَالْحَاكِمُ، وَصَحَّحَاهُ .
وَعَنِ اِبْنِ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. { ދުވަސްވީ މުސްކުޅިންނަށް ރޯދަ ދޫކޮށްލުމުގެ ލުއިފަސޭހަކަން ދެވިފައިވެއެވެ. އަދި ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. އަދި ޤަޟާކުރުމެއް ނުވެއެވެ.}
ރިވާކުރެއްވީ الإِمَامُ الدَّارَقُطْنِيُّ އާއި الإِمَامُ الْحَاكِمُ އެވެ. އަދި ދެބޭފުޅުންވެސް ޞައްޙަކުރެއްވިއެވެ.
-ނުނިމޭ-