[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 50

17760

ނަރަކަ ވަންތަވެރިންގެ ކާނާއާއި ބުއިމާއި އަދި އެމީހުންގެ ހެދުން

ނަރަކައިގެ އަހުލުވެރިންގެ ކެއުމަކީ ކަށިހުރި ވިހަ މޭވާޔާއި އަދި ޒައްޤޫމެވެ. އަދި އެބައިމީހުންގެ ބުއިމަކީ ކެކިކެކިހުންނަ ހޫނުފެނާއި އަދި ނަރަކައިގެ އަހުލުވެރިން ގައިން އޮހެރޭ ފާދިޔައެވެ.  ﷲ ތާޢާލާ ވަޙީ ކުރެއްވިއެވެ.

(لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴿٦﴾ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ) [سورة الغاشية]

މާނައީ: “ކަށިހުރި ވިހަ މޭވާޔަކުން މެނުވީ އެއުރެންނަކަށް ކާނާއެއް ނުވެއެވެ. އެ ކެއުމަކުން ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނެމެއެވެ.”

މިކެއުމަކުން އެމީހުންގެ ހަށިގަނޑަށް އެއްވެސް ހަކަތައެއް ލިއްބައި ނުދޭނެތެވެ. އަދި އެމީހުންގެ ހައިހޫނު ކަމެއް ފިލުވައެއް ނުމެދޭނެތެވެ. އަދި މިކެއުމަކުން އެއްވެސް ފައިދާއެއް އެމީހުންނަށް ނުކުރާނެއެވެ. އެހެން ނަމަވެސް މިކެއުމަކީ އެމީހުންނަށް ދެވޭ ޢަޛާބު ތަކުގެ ތެރެއިން ޢަޛާބެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

(إِنَّ شَجَرَتَ الزَّقُّومِ ﴿٤٣﴾ طَعَامُ الْأَثِيمِ ﴿٤٤﴾ كَالْمُهْلِ يَغْلِي فِي الْبُطُونِ ﴿٤٥﴾ كَغَلْيِ الْحَمِيمِ ﴿٤٦﴾) [سورة الدخان]

މާނައީ: “ހަމަކަށަވަރުން، ޒައްޤޫމު ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ. [43،44] ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ.[45] ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ.[46]

އަދި އެހެން އާޔަތެއްގައި ޒައްޤޫމު ގަސް ޞިފަ ކުރަމުން އެކަލާނގެ ވަޙީ ކުރެއްވިއެވެ.

(أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ ﴿٦٢﴾ إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ ﴿٦٣﴾ إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ ﴿٦٤﴾ طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ ﴿٦٥﴾ فَإِنَّهُمْ لَآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ ﴿٦٦﴾ ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ ﴿٦٧﴾ ثُمَّ إِنَّ مَرْجِعَهُمْ لَإِلَى الْجَحِيمِ ﴿٦٨﴾) [سورة الصافات]

މާނައީ:” މޮޅީ އެތަން(ސުވަރުގެ) ހެއްޔެވެ؟ ނުވަތަ ޒައްޤޫމު ގަސް ހެއްޔެވެ؟ [62] ހަމަކަށަވަރުން އަނިޔާވެރިންނަށް އޮތް އިމްތިޙާނެއް ކަމުގައި ތިމަންރަސްކަލާނގެ އެ ގަސް ލެއްވީމެވެ. [63] ހަމަކަށަވަރުން އެއީ ނަރަކައިގެ އަޑިން ފަޅައިގެންހެދޭ ގަހެކެވެ. [64] އޭގެ މޭވާ ޝައިޠާނުންގެ ބޯތަކެކޭ އެއްފަދައެވެ. [65] ފަހެ ހަމަކަށަވަރުން އެއުރެންނީ އެއިންކާނޭ ބަޔަކުކަން ކަށަވަރެވެ. އަދި އެއިން ބަނޑުތައް ފުރާނޭ ބަޔެކެވެ. [66] ދެން ހަމަކަށަވަރުން އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: ޒައްޤޫމާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއް) އެއުރެންނަށްވާކަން ކަށަވަރެވެ. [67] ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ. [68]

އަދި އެހެން ތަނެއްގައި އެކަލާނގެ ވަޙީ ކުރެއްވިއެވެ.

(ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ ﴿٥١﴾ لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ ﴿٥٢﴾ فَمَالِئُونَ مِنْهَا الْبُطُونَ ﴿٥٣﴾ فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ ﴿٥٤﴾ فَشَارِبُونَ شُرْبَ الْهِيمِ ﴿٥٥﴾ هَـٰذَا نُزُلُهُمْ يَوْمَ الدِّينِ ﴿٥٦﴾) [سورة الواقعة]

މާނައީ: ÷”އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ. [51،52] ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ. [53] ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ. [54] ފަހެ، ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ. [55] ޤިޔާމަތްދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ. [56]

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ