558 ވަނަ ޙަދީޘް:
558- وَعَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- عَنِ النَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( لَا تَخْتَصُّوا لَيْلَةَ الْجُمُعَةِ بِقِيَامٍ مِنْ بَيْنِ اللَّيَالِي، وَلَا تَخْتَصُّوا يَوْمَ الْجُمُعَةِ بِصِيَامٍ مِنْ بَيْنِ الْأَيَّامِ، إِلَّا أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ )) رَوَاهُ مُسْلِمٌ .
أَبُو هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. { ރޭތަކުގެތެރެއިން ހުކުރު ވިލޭރޭ ދަމުނަމާދުކުރުމަށް ޚާއްޞަ ނުކުރާހުށިކަމެވެ. އަދި ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ރޯދަ ހިފުމަށް ޚާއްޞަ ނުކުރާހުށިކަމެވެ. (އެއީ) ތިޔބައިމީހުންގެ ތެރެއިން މީހަކު (ހުކުރު ދުވަހުގެ ކުރިން ފެށިގެން) ހިފަމުން އައި ރޯދައެއްގައި މެނުވީއެވެ.}
ރިވާކުރެއްވީ الإِمَامُ مُسْلِم އެވެ.
559 ވަނަ ޙަދީޘް:
559- وَعَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( لَا يَصُومَنَّ أَحَدُكُمْ يَوْمَ اَلْجُمُعَةِ، إِلَّا أَنْ يَصُومَ يَوْمًا قَبْلَهُ، أَوْ يَوْمًا بَعْدَهُ )) مُتَّفَقٌ عَلَيْهِ .
أَبُو هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { ތިޔބައިމީހުންގެ ތެރެއިން މީހަކު ހުކުރު ދުވަހުގެ ކުރީދުވަހު ނުވަތަ ހުކުރު ދުވަހާއި ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާކަމުގައި ނުވާނަމަ، ހުކުރުދުވަހު ރޯދަ ނުހިފާހުށިކަމެވެ.}
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
560 ވަނަ ޙަދީޘް:
560- وَعَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( إِذَا اِنْتَصَفَ شَعْبَانَ فَلَا تَصُومُوا )) رَوَاهُ اَلْخَمْسَةُ, وَاسْتَنْكَرَهُ أَحْمَدُ .
أَبُو هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { ޝަޢުބާންމަސް ދެބައި ވެއްޖެނަމަ ތިޔަބައިމީހުން ރޯދަ ނުހިފާހުށިކަމެވެ.}
ރިވާކުރެއްވީ ފަސްބޭފުޅުންނެވެ.
މިއީ މުންކަރު ޙަދީޘްއެއްކަމަށް الإِمَامُ أَحْمَدُ ވިދާޅުވިއެވެ. (މުންކަރު ޙަދީޘްއަކީ ސަނަދުގެ ކޮންމެވެސް ޠަބަޤާއެއްގައި ހަދީޘް ރިވާކުރުމުގައި ބަލިކަށި އެންމެ ރާވިއެއް ވާ ހަދީޘްތަކެވެ.)
561 ވަނަ ޙަދީޘް:
561- وَعَنِ اَلصَّمَّاءِ بِنْتِ بُسْرٍ رَضِيَ اَللَّهُ عَنْهَا أَنَّ رَسُولَ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( لَا تَصُومُوا يَوْمَ السَّبْتِ، إِلَّا فِيمَا اِفْتُرِضَ عَلَيْكُمْ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلَّا لِحَاءَ عِنَبٍ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهَا )) رَوَاهُ اَلْخَمْسَةُ، وَرِجَالُهُ ثِقَاتٌ، إِلَّا أَنَّهُ مُضْطَرِبٌ .
وَقَدْ أَنْكَرَهُ مَالِكٌ .
وَقَالَ أَبُو دَاوُدَ: هُوَ مَنْسُوخٌ .
اَلصَّمَّاءُ بِنْتُ بُسْرٍ رَضِيَ اَللَّهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { ތިޔަބައިމީހުންގެ މައްޗަށް ފަރުޟުވެގެންވާ ރޯދައެއް މެނުވީ ހޮނިހިރު ދުވަހުގައި ނުހިފާ ހުށިކަމެވެ. މޭބިސްކަދުރު ތޮށި ނުވަތަ ގަހެއްގެ ގޮފިކޮޅެއް ފިޔަވައި އެހެން އެއްޗެއް ނުލިބުނު ކަމުގައި ވިޔަސް އެ ހަފައި (އޭގެން ރޯދަވީއްލާ) ހުށިކަމެވެ.}
ރިވާކުރެއްވީ ފަސްބޭފުޅުންނެވެ. އަދި ހުރިހާ ރާވީންނަކީ އިތުބާރުކުރެވޭ ޘިޤާއިންނެވެ. (އެބަހީ: އެބައެއްގެ ކިބައިން ޙަދީޘް ނެގުމުގެ ޝަރުތު ހަމަވާ ބޭފުޅުންނެވެ.) މިހަދީޘްއަކީ ސަނަދު ގެނައުމުގައި ތަރައްދުދު ތަކެއް ވާރިދުވެފައިވާ ހަދީޘަކަށް ވުން ފިޔަވަފައި (އެހެން ބައިތައް ރަގަޅެވެ.)
މިއީ މުންކަރު ޙަދީޘެއްކަމުގައި الإِمَامُ مَالِكٌ ވިދާޅުވިއެވެ.
الإِمَامُ أَبُو دَاوُدَ ވިދާޅުވިއެވެ. ”މިއީ މަންސޫޚުވެފައިވާ ޙަދީޘެކެވެ.”
562 ވަނަ ޙަދީޘް:
562- وَعَنْ أُمِّ سَلَمَةَ رَضِيَ اَللَّهُ عَنْهَا; (( أَنَّ رَسُولَ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ كَانَ أَكْثَرَ مَا يَصُومُ مِنَ اَلْأَيَّامِ يَوْمُ اَلسَّبْتِ، وَيَوْمُ اَلْأَحَدِ، وَكَانَ يَقُولُ: ” إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ، وَأَنَا أُرِيدُ أَنْ أُخَالِفَهُمْ ” )) أَخْرَجَهُ النَّسَائِيُّ، وَصَحَّحَهُ اِبْنُ خُزَيْمَةَ، وَهَذَا لَفْظُهُ.
أُمُّ سَلَمَةَ -رَضِيَ اَللَّهُ عَنْهَا- ގެ ކިބައިން ރިވާވެގެންވެއެވެ. { ހަމަކަށަވަރުން ދުވަސްތަކުގެ ތެރެއިން رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ އެންމެ ގިނައިން ރޯދަ ހިއްޕަވާ ދުވަސްތަކަކީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރައްވާކަމުގައިވެއެވެ. ” އެ ދެ ދުވަހަކީ މުޝްރިކުންގެ ޢީދު ދެދުވަހެވެ. އަދި އެބައިމީހުންނާއި ތަފާތު ވުމަށް ތިމަން ކަލޭގެފާނު އެދިވަޑައިގަންނަވަމެވެ.”}
ހަދީޘް ނެރުއްވީ الإِمَامُ النَّسَائِيُّ އެވެ. އަދި الإِمَامُ اِبْنُ خُزَيْمَةَ މިހަދީޘް ޞައްޙަކުރެއްވިއެވެ. މިއީ އެކަލޭގެފާނު ގެންނަވާފައިވާ ޙަދީޘްގެ ލަފްޒެވެ.
563 ވަނަ ޙަދީޘް:
563- وَعَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ((أَنَّ اَلنَّبِيَّ صَلَى اللَّهُ عَلَيْه وَسَلَّمَ نَهَى عَنْ صَوْمِ يَوْمِ عَرَفَةَ بِعَرَفَةَ )) رَوَاهُ اَلْخَمْسَةُ غَيْرَ اَلتِّرْمِذِيِّ، وَصَحَّحَهُ اِبْنُ خُزَيْمَةَ، وَالْحَاكِمُ، وَاسْتَنْكَرَهُ الْعُقَيْلِيُّ .
أَبُو هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. { ޢަރަފާތުގައި ހުރެ ޢަރަފާތު ދުވަހުގެ ރޯދާ ހިފުން ހަމަކަށަވަރުން ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ނަހީ ކުރެއްވިއެވެ.}
ރިވާކުރެއްވީ الإِمَامُ اَلتِّرْمِذِيِّ ފިޔަވައި ފަސްބޭފުޅުންނެވެ. الإِمَامُ اِبْنُ خُزَيْمَةَ އަދި الإِمَامُ الْحَاكِمُ މިހަދީޘް ޞައްޙަކުރެއްވިއެވެ. މިއީ މުންކަރު ޙަދީޘްއެއްކަމަށް الإِمَامُ الْعُقَيْلِيُّ ވިދާޅުވިއެވެ.
564 ވަނަ ޙަދީޘް:
564- وَعَنْ عَبْدِ اَللَّهِ بْنِ عَمْرِوٍ رَضِيَ اَللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( لَا صَامَ مَنْ صَامَ اَلْأَبَدَ )) مُتَّفَقٌ عَلَيْهِ.
وَلِمُسْلِمٍ عَنْ أَبِي قَتَادَةَ بِلَفْظٍ: (( لَا صَامَ وَلَا أَفْطَرَ )) .
عَبْدُ اللَّهِ بْنُ عَمْرِوٍ -رَضِيَ اَللَّهُ عَنْهُمَا – ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިއެވެ. { އަބަދު (އެބަހީ: ކޮންމެ ދުވަހަކު) ރޯދަ ހިފާ މީހާއަށް ރޯދައެއް ނުވެއެވެ.}
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
އަދި أَبُو قَتَادَةَ -رَضِيَ اَللَّهُ عَنْهُ- ގެ ކިބައިން الِإمَامُ مُسْلِم ރިވާކުރައްވާފައި ޙަދީޘް ލަފްޒެއްގައި ވެއެވެ. { ރޯދަ ނުވިއްލާ (އަބަދު ރޯދަހިފާ) މީހާއަށް ރޯދައެއް ނުވެއެވެ.}
-ނުނިމޭ-