[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 88 “އެކަކު އަނެކަކު ދެކެފަރިތަކަން ނެތިގެން ދިޔުން “

  1. އެކަކު އަނެކަކު ދެކެފަރިތަކަން ނެތިގެން ދިޔުން.

ޙުޛައިފާ رضي الله عنه ގެ އަރިހުން [ރިވާވެގެން] ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޤިޔާމަތާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ސުވާލު ދެންނެވުނެވެ. ޙަދީޘްކުރެއްވިއެވެ. ((عِلْمُهَا عِنْدَ رَبِّي، لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ، وَلَكِنْ أُخْبِرُكُمْ بِمَشَارِيطِهَا، وَمَا يَكُونُ بَيْنَ يَدَيْهَا، إِنَّ بَيْنَ يَدَيْهَا فِتْنَةً وَهَرْجًا)). قَالُوا: يَا رَسُولَ اللهِ! الْفِتْنَةُ قَدْ عَرَفْنَاهَا، فَالْهَرْجُ مَا هُوَ؟ قَالَ: ((بِلِسَانِ الْحَبَشَةِ: الْقَتْلُ. وَيُلْقَى بَيْنَ النَّاسِ التَّنَاكُرُ فَلَا يَكَادُ أَحَدٌ أَنْ يَعْرِفَ أَحَدًا))[1] “އެކަމުގެ ޢިލްމު ވަނީ ތިމަންކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުގައެވެ. އެކަމުގެ ވަގުތު ޖެހުމުން އެކަން ފާޅުކުރެއްވުން އެކަލާނގެ ނޫން އެއްވެސް ފަރާތަކަށް ނުވެއެވެ. އެހެންނަމަވެސް އެކަމުގެ ޢަލާމާތްތަކާއި އެކަމާއި ދެމެދުގައި ހިނގާނެ ކަންކަމުގެ ޚަބަރު ތިޔަބޭކަލުންނަށް ދެއްވަފާނަމެވެ. ހަމަކަށަވަރުން ޤިޔާމަތް ކުޑަތަން ވުމުން ފިތުނައާއި ހަރްޖު ވެއެވެ.” ދެންނެވޫއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެންބޭކަލުންނަށް ފިތުނަ އެނގެއެވެ. ހަރްޖަކީ ކޮބައިހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ޙަބަޝީންގެ ބަހުރުވައިން: ޤަތުލުކުރުމެވެ. އަދި މީސްތަކުންގެ މެދުގައި ބީރައްޓެހިކަން ލައިގަންނާނެއެވެ. ފަހެ އެކަކު އަނެކަކު ދެކެފަރިތަކަމެއް ނުވާނެއެވެ.”

ދެންފަހެ ބީރައްޓެހިކަން މެދުވެރިވަނީ ފިތުނަތަކާއި ބަލާމުޞީބާތް ގިނަވެ މީސްތަކުންގެ މެދުގައި ޤަތުލު ޢާންމުވުމުންނެވެ. މީސްތަކުންގެ މައްޗަށް މާއްދިއްޔަތު ވެރިވެގަނެ ކޮންމެ މީހަކުމެ އޭނާގެ އަމިއްލަ އެދުމާގެން އުޅެން ފެށުމުންނެވެ. އަނެކާގެ މަޞްލަޙަތަކަށް އަދި ޙައްޤަކަށް ފަރުވާލެއް ނުބެހެއްޓުމާހުރެއެވެ. މަށަށް މަށަށް ކިޔުމުގެ ވިޔާނުދާ [އާދަ] ފެތުރުމުންނާއި އިންސާނާ އޭނާގެ އަމިއްލަ އެދުމާއި ހަވާނަފްސަށް ކަމަރު ބަނދެލުމުންނެވެ. ފަހެ އެކަކު އަނެކަކު ދެނެގަންނާނެފަދަ އަޚްލާޤެއްގެ ކަންފުޅެއްވެސް އޭރުގައި ނުހުރެއެވެ. އަދި ﷲ އަށްޓަކައި ލޯބިވެ ހެޔޮކަންކަމަށާއި ތަޤުވާވެރިކަމުގައި ވާގިވެރިކުރުވާ އީމާނީ އުޚުއްވަތްތެރިކަން ވެސް ނުހުންނާނެތެވެ.

مُحَمَّد بن سوقة ގެ އަރިހުން ޠަބަރާނީ ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] “ތިމަންނާ نُعَيْم بن أَبي هند ގެ އަރިހަށް ދިއުމުން ތިމަންނާގެ އަތަށް ފަތްކޮޅެއް ދެއްވިއެވެ. އޭގައި ވެއެވެ. އަބޫ ޢުބައިދާ ބްން ޖައްރާޙާއި މުޢާޛު ބްން ޖަބަލުގެ ފަރާތުން ޢުމަރު ބްން އަލް ޚައްޠާބުއަށް. ތިބާއަށް ސަލާމްހުއްޓެވެ. (އަދި އެ ފަތްކޮޅު ކިޔުއްވިއެވެ. އޭގައި ވެއެވެ:) އަދި މިއުއްމަތުގެ ކަންކަން ފަހު ޒަމާނުގައި ހުންނާނެ ގޮތާމެދު ތިމަންމެން ބޭކަލުން ވާހަކަދައްކާ އުޅެމުއެވެ. ފާޅުވެތިބި އެކުވެރީން ސިއްރު ޢަދުއްވުންނަށް ވުމާ ހަމައަށް ދާނެ ކަމުގައި ކީމުއެވެ…. (އެއަށްފަހު އެދެބޭކަލުންނަށް ޢުމަރު رضي الله عنه ދެއްވި ޖަވާބު ޛިކުރުކުރެއްވިއެވެ. އޭގައި ވެއެވެ:) މިއުއްމަތުގެ ފަހުޒަމާނުގައި ފާޅުވެތިބި އެކުވެރީން ވަންހަނާވެފައިވާ ޢަދުއްވުން ކަމުގައި ވުމާ ހަމައަށް މިއުއްމަތުގެ ކަންކަން ދާނެ ކަމުގައި ބުނެ ތިޔަދެބޭކަލުން ތިމަންކަލޭގެފާނަށް ލިޔުއްވައިފީމުއެވެ. އެމީހުންގެ ތެރެއިން ތިޔަބޭކަލުން ނުވަމުއެވެ. އަދި މިއީ އެކަމުގަ ޒަމާނެއް ނުވެސް ނޫނެވެ. އެޒަމާނަކީ އެއީ އެއްކޮޅުވުމާއި ރެކުން ފާޅުވާ ޒަމާނެވެ. ދުނިޔެވީ ބޭނުންތައް ފުއްދުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ އެއްކޮޅު ވެއެވެ.”[2]

=ނުނިމޭ=

___________________________

[1] ((مسند الإمام أحمد)) (5 / 389 – بهامشه منتخب كنز العمال).

قال الهيثمي: ((رواه أحمد، ورجاله رجال الصحيح)). ((مجمع الزوائد)) (7 / 309).

[2] قال التويجري: ((رواه الطبراني. قال الهيثمي: ورجاله ثقات إلى هذه الصحيفة)). ((إتحاف الجماعة)) (1 / 504).

މިކަމާ ގުޅޭގޮތުން ހީވާ އެއްޗަކުން ((مجمع الزوائد)) ހޯދައިބެލީމެވެ. މިނައްސެއް ނުފެނުނެވެ. ފެނުން އެއްޗަކީ މުޢާޛް ބްން ޖަބަލު ރިވާކުރައްވައިވާ މިޙަދީޘެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((يَكُوْنُ فِيْ آخِرِ الزَّمَانِ أَقْوَامٌ إِخْوَانُ العَلَانِيَّةِ أَعدَاءُ السَّرِيْرَة)) قَالَ: يَا رَسُوْلَ الله! كَيْفَ يَكُوْنُ ذَلِكَ؟ قَالَ: ((بِرَغْبَةِ بَعْضِهِمْ إلَى بَعْضٍ، وَبِرَهْبَةِ بَعْضِهِمْ مِنْ بَعْضٍ)) މާނައީ: “ފަހުޒަމާނުގައި ފާޅުވެގެންތިބި އެކުވެރިން ވަންހަނާވެތިބި ޢަދުއްވުން ކަމުގައިވާ އަޚުންތަކެއް ވާނެއެވެ.” ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކިހިނެއް ހިނގާ ކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެއްބަޔަކު އަނެއްބަޔަކަށް ބޭނުން ޖެހި އަދި އެއްބަޔަކު އަނެއްބަޔެއްގެ ކިބައިން ރެކުމެވެ.”

قال الهيثمي: ((رواه البزار، والطبراني في ((الأوسط))، وفيه أبوبكر بن أبي مريم، وهو ضعيف)). ((مجمع الزوائد)) (7 / 286).