އަދި عبد العزيز بن عبد الله بن باز رحمه الله އާ އަންނަނިވި ސުވާލު ދެންނެވުނެވެ.
ދައުލަތެއްގެ ވެރިއަކަށް ނުވަތަ ސަރުކާރެއްގެ ވެރިއަކަށް ނުވަތަ ވަޒީރެއްގެ މަޤާމަށް އަންހެނަކު އަމިއްލައަށް ކުރިމަތިލުމަކީ އިސްލާމްދީނުގައި ކޮން ކަހަލަ ކަމެއް ހެއްޔެވެ؟
ޖަވާބު:
މުސްލިމުންގެ މައްޗަށް ވެރިއެއްކަމުގައި އަންހެނަކު އައްޔަނުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެކަމަށް ޤުރުއާނާއި ސުންނަތާ އިޖްމާޢުން ދަލީލު ލިބެއެވެ.
ޤުރުއާނުގެ ދަލީލަކީ:
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
( الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ ) [النساء 34]
މާނައީ: “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. “
މިއާޔަތުގައިވާ ޙުކުމަކީ ޢާންމު ޙުކުމެކެވެ. ޢާއިލާއެއްގެ ވެރިއަކަށް ފިރިމީހާ ވާފަދައިން މީސްތަކުންގެ ވެރިކަންވެސް ވަނީ އެބައިމީހުންނަށެވެ. އެއީ އަދި މާ އައުލާވެގެންވާކަމެކެވެ…
ސުންނަތުގެ ދަލީލަކީ:
ކިސްރާގެ އަންހެން ދަރި ވެރިކަމަށް އައްޔަނުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެވެ.
((لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمُ امْرَأَةً)) [رواه البخاري]
މާނައީ: “އެބައިމީހުންގެ ވެރިއަކަށް އަންހެނަކު އިސްކޮށްފިބަޔަކަށް ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.”
އެއްވެސް ޝައްކެތް ނެތް ގޮތުގައި މިޙަދީޘުން ދަލީލު ލިބެނީ ހުރިހާ މުސްލިމުންގެ ވެރިއަކަށް އަންހެނަކު ކަނޑައެޅުމަކީ ޙަރާމްކަމެއްކަމުގައެވެ. އަދި ރަށެއް ނުވަތަ ހިސާބެއްގެ ވެރިކަމަށްވެސްމެއެވެ. އެހެނީ އެ ހުރިހާކަމެއް ޢާންމު ވާނޭހެން އެވަނީ ނަހީކުރައްވާފައެވެ. އަންހެނަކު ވެރިކަމަށް އިސްކުރި ބަޔަކު ކާމިޔާބު ނުވާނޭކަމަށް އެކަލޭގެފާނު އެވަނީ ބަޔާންކުރައްވާފައެވެ. އެތަނުގައި ގެ الفلاح މުރާދަކީ ކާމިޔާބާއި ހެޔޮކަން ޙާޞިލުވުމެވެ…” “مجلة المجتمع” ( العدد 890 )
= ނިމުނީ =
____________________
عبد العزيز بن عبد الله بن باز رحمه الله އަކީ ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީއެވެ.