މަދީނާ މާތްވެގެންވާ ކަންކަމުގެ ތެރޭގައި މަދީނާގައި ދިރިއުޅުމުގައި ދިމާވާ އުނދަގޫތަކަށް ކެތްތެރިވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ބާރުއެޅުއްވުން ހިމެނެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘް ކުރައްވާފައިވެއެވެ. (( المَدِيْنَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ )) މާނައީ: “އެމީހުންނަށް މަދީނާ މާ ހެޔޮކަންބޮޑުވެގެންވެއެވެ. އެމީހުންނަށް އެކަން އެނގޭނެނަމައެވެ.” އެކަލޭގެފާނު މިހެން ޙަދީޘްކުރެއްވީ މަދީނާ ދޫކޮށް އެހެން ރަށަކަށް ބަދަލުވާން ވިސްނަމުންދިޔަ ބަޔަކާއި ބޭހޭގޮތުންނެވެ. އެމީހިން ބަދަލުވާން އުޅުނު ރަށަކީ އުފާވެރިކަމާއި ހިތްހަމަޖެހުމާއިއެކީ ގިނަގުނަ ރިޒުޤުތަކާއި ގިނަ ފައިސާލީބޭނެގޮތް ތަނަވަސްވެގެންވާ ރަށެކެވެ. ފަހެ ރަސޫލުﷲ صلى الله عليه و سلم ޙަދީޘް ކުރައްވާފައިވެއެވެ. (( المَدِيْنَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ لَا يَدَعْهَا أَحَدٌ رَغْبَةً عَنْهَا إِلَّا أَبْدَلَ اللهُ فِيْهَا مَنْ هُوَ خَيْرٌ مِنْهُ وَ لَا يَثْبُتُ أَحَدٌ عَلَى لأوَائِهَا وَ جَهْدِهَا إِلَّا كَنْتُ لَهُ شَفِيْعٌا أَوْ شَهِيْدًا يَوْمَ الْقِيَامَةِ )) رواه مسلم މާނައީ: ” އެމީހުންނަށް މަދީނާ މާ ހެޔޮކަންބޮޑުވެގެންވެއެވެ. އެމީހުންނަށް އެކަން އެނގޭނެނަމައެވެ. މަދީނާއާއިމެދު ހިތްހަމަނުޖެހިގެން މަދީނާ ދޫކޮށް މީހަކު ގޮސްފިކަމުގައިވަނީނަމަ ﷲ ތަޢާލާ އޭގެބަދަލުގައި އެއަށްވުރެ ހަޔޮވެގެންވާ މީހާކު މަދީނާގައި ލަހައްޓަވާނެއެވެ. މަދީނާގެ އުނދަގުލާއި ވޭނަށް ކެތްކުރާމީހަކަށް ޤިޔާމަތްދުވަހު ތިމަންކަލޭގެފާނު ޝަފާޢަތްތެރިވެވަޑައިގަންނަވާނަމެވެ. ނުވަތަ އޭނާގެ މައްޗަށް ހެކިވެ ވަޑައިގަންނަވާނަމެވެ. “
މަތީގައިބަޔާންވެދިޔަ ޙަދީޘްތަކުން އަޅުގަނޑުމެންނަށް ދަލީލްކޮށްދެނީ މަދީނާގެ މާތްކަމާއި މަތިވެރިކަމެވެ. އަދި މަދީނާގައި ދިމާވާ ދަތި ތަކާއި އުނދަގޫތަކާއި ވޭންތަކާއި އުދާސްތަކަށް ކެތްކުރުމަކީ މަތިވެރިވެގެންވާ ކަމެއްކަންވެސް އެނގިގެން ހިނގައްޖެއެވެ. އެހެންކަމުން މަދީނާގައި ދިރިއުޅުމުގައި އުނދަގޫތަކެއްވާކަމުގައި ވަނީނަމަ އޭނާއަށް އޮތީ މަދީނާ ދޫކޮށްފައި ދިޔުމެއްނޫނެވެ. އެހެންނަމަވެސް މަދީނާގައި ކެތްތެރިކަމާއެކު ސާބިތުވެ ހުރުމެވެ. ﷲ ތަޢާލާގެ ފަރާތުން އެއިލާހުގެ ވަޢުދާއި އެއްގޮތަށްލިބޭ މަތިވެރި އަޖުރާއި ސަވާބަށްޓަކައެވެ.
މަދީނާ މާތްވެގެންވާ ކަންކަމުގެ ތެރެއިން ދެން ފާހަގަކޮށްލެވޭ އަނެއްކަމަކީ ރަސޫލުﷲ صلى الله عليه و سلم މަދީނާގައި ބިދުޢަތައް ހަދައި އެފާފަތަކަށް އަރައިގަންނަމީހުންގެ އެ އަމަލުގެ ބޮޑުކަމާއި އޭގެ ނުބައިކަން ބަޔާންކޮށްދެއްވާފައިވުމެވެ. މަދީނާގެ ޙުރުމަތްތެރިކަން ބަޔާންކުރައްވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((المَدِيْنَةُ حَرَمٌ مَا بَيْنَ عَيْرٍ إِلىَ الثَوْرِ مَنْ أَحْدَثَ فِيْهَا حَدَثَا أَوْ آوَى مُحْدَثَا فَعَلَيْهِ لَعْنَةُ اللهِ وَ الْمَلَائِكَةِ وَ الْنَاسِ أَجْمَعِيْنَ لَا يَقْبَلُ اللهُ مِنْهُ صَرْفًا وَلَا عَدْلًا)) رواه البخاري و مسلم މާނައީ: ” ޢައިރު ފަރުބައާއި ޘަވްރު ފަރުބަދައާއި ދެމެދުގައިވާ މަދީނާގެ ބިމަކީ ޙަރަމެވެ. އެތާނގައި ބިދުޢަހަދާމީހާއަށާއި ބިދުޢައިގެ އަހުލުވެރިންނަށް ބޯހިޔާވަހިކަން ދޭމީހަކަށް ﷲ ތަޢާލާއާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢުނަތް ލިބިގެންވެއެވެ. އަދި އޭނާގެ ކިބައިން އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލް ނުކުރައްވާނެއެވެ. (އެބަހީ: އޭނާ އަދާކުރާ ފަރުޟެއްވެސް އަދި ސުންނަތެއްވެސް ޤަބޫލްނުކުރައްވާނެތެވެ.)”
މަދީނާ މާތްވެގެންވާ ކަންކަމުގެތެރޭގައި ރަސޫލުﷲ صلى الله عليه و سلم މި މަދީނާއަށް ބަރަކާތްލެއްވުން އެދި ދުޢާކުރައްވާފއިވުން ހިމެނެއެވެ. އެކަލޭގެފާނު ދުޢާކުރައްވާފައިވެއެވެ. (( اللهم بَارِكْ لَنَا فِيْ ثَمَرِنَا وَ بَارِكْ لَنَا فِيْ مَدِيْنَتِنَا وَ بَارِكْ لَنَا فِيْ صَاعِنَا )) رواه مسلم މާނައީ: ” އޭ ﷲ! އަޅަމެންނަށްޓަކައި އަޅަމެންގެ މޭވާގައި ބަރަކާތް ލައްވާންދޭވެ. އަދި އަޅަމެންގެމަދީނާގައި ބަރަކާތް ލައްވާނދޭވެ. އަދި އަޅަމެންގެ މިނެކިރުމުގައި ބަރަކާތްލައްވާނދޭވެ. “
މާދީނާގެ މާތްކަމުގެ ތެރެއިންވާ އަނެއްކަމަކީ މަދީނާއަށް ޠާޢޫންބައްޔާއި ދައްޖާލު ނުވަންނާނެކަމެއެވެ. މިކަން ބަޔާން ކުރައްވައި ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ((عَلَى أَنْقَابِ الْمَدِينَةِ مَلَائِكَةٌ لَا يَدْخُلُهَا الطَّاعُونُ وَلَا الدَّجَّالُ)) رواه البخاري و مسلم މާނައީ: ” މަދީނާއަށް ވަންނަން އޮންނަ މަގުތަކުގައި މަލާއިކަތުން ތިއްބަވައެވެ. އެހެންކަމުން މަދީނާއަށް ޠާޢޫންބައްޔަށައި ދައްޖާލަށް ނުވަދެވޭނެއެވެ. “
މަދީނާގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ހަދީޘްތައް ވަރަށްވެސް ގިނައެވެ. އެހެންނަމަވެސް “މަދީނާގެ މާތްކަން” މި ސިލްސިލާގެ ލިޔުންތަކުގައި ގެނެވިފައިވަނީ އިމާމް ބުޚާރީ އާއި އިމާމް މުސްލިމް އިއްތިފާޤުވެލައްވާފައިވާ ޙަދީޘްތަކާއި ޞަޙީޙުލް ބުޚާރީ އާއި ޞަޙީހް މުސްލިމް ދެ ފޮތުން ވަކިވަކިން ގެނެވިފައި ހުރި ބައެއް ޙަދީޘްތަކެވެ. މިހާހިސާބުން މަދީނާގެ މާތްކަމާއި ބެހޭގޮތުން ލިޔަން ގަސްދުކުރެވުނު ހިސާބަށް ލިޔެ ނިމުނީއެވެ. ދުޢާއަކީ މި ލިޔުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޢަޚުންނާއި އުޚްތުންގެ ހިތްތަކުގައި މަދީނާއާއިމެދު އޮންނަ ލޯބި އިތުރުވެގެން ދިއުމެވެ. އަދި ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް މަދީނާގެ މާތްކަން އެނގިގެން ދިއުމެވެ.
(ނިމުނީ)
އަޟްލު: فضل المدينة و آداب سكناها و زيارتها للعلامة المحدث عبد المحسن بن حمد العباد البدر -حفظه الله-.