[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުންދޭ މުދާ 5

މިމައްސަލާގައި ޢިލްމުވެރިންގެ ބަސްފުޅުތަކާއި އޭގެ ދަލީލުތަކާއި އޭގެ ރާޖިޙް

  • ފުރަތަމަ ބަސްފުޅު: [ޙަނަފީ މަޛްހަބާއި ހަންބަލީ މަޛްހަބާއި އިމާމު ޝާފިޢީގެ ކުރީގެ ބަސްފުޅު]

ކައިވެނީގެ ރަން ކަނޑައަޅާފައިނުވާ، އެއްދާންކުރުމުގެ ކުރިން ވަރިކުރެވިފައިވާ އަންހެނާއަށް ވަރިމުދާ ދިނުމަކީ ވާޖިބުކަމެކެވެ. އެނޫން ވައްތަރުގެ ވަރީގައި އެއީ ސުންނަތެކެވެ.

ދަލީލުތައް:

ފުރަތަމަ ދަލީލު: ﷲ ތަޢާލާގެ ވަޙީބަސްފުޅުކަމުގައިވާ ﴿لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ ۖ حَقًّا عَلَى الْمُحْسِنِينَ﴾ [سورة البقرة ٢٣٦]

މާނައީ: “ތިޔަބައިމީހުން އަނބިންނާއެކު ރޭނުކުރާހާ ހިނދަކު، ނުވަތަ އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައިނުވާހާ ހިނދަކު، ތިޔަބައިމީހުން، އެކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. (ނަމަވެސް) ތިޔަބައިމީހުން، އެކަނބަލުންނަށް މުދަލެއް ދޭށެވެ! ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށްވަނީ، އޭނާގެ ވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށްވެސްވަނީ، އޭނާގެ ވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ މުދަލެއްގެ ގޮތުގައެވެ. (ވަރިކުރެވޭ މީހުންނަށް ދިނުން) އިޙްސާންތެރިންގެ މައްޗަށް އޮތް ޙައްޤެއްގެ ގޮތުގައެވެ.”

އާއި ﴿ وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ﴾ [سورة البقرة ٢٣٧]

މާނައީ:  “އަދި، ތިޔަބައިމީހުން އެކަނބަލުންނަށް، ރަނެއް ކަނޑައަޅާފައިވާ ޙާލުގައި، އެކަނބަލުންނާއެކު ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ފަހެ، ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެކަނބަލުންނަށް) ދިނުން ހުށްޓެވެ. “

މި އާޔަތެވެ.

– ފުރަތަމަ އާޔަތުގައިވަނީ ވަރިކުރުމަށްފަހު މުދަލެއް ދިނުމަށެވެ.

– އަދި ދެވަނަ އާޔަތުގައިވަނީ ވަރިކުރުމަށްފަހު ކައިވެނީގެ ރަނުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރުގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ.

– މިއާޔަތްތަކުގައި ވަރިކުރެވޭ އަންހެނުން މިވަނީ ދެބަޔަކަށް ބައްސަވާފައެވެ.

– އަދި މިއިން ކޮންމެ ބަޔަކަށް ޙުކުމެއް އެވަނީ ބަޔާންކުރައްވާފައެވެ.

– މި ރައުޔަށް ބުރަވެލައްވާ ޢިލްމުވެރިންގެ އަރިހުގައި ވަރިކުރެވޭ ކޮންމެ އަންހެނަކަށް މުދަލެއް ދިނުމަށް އައިސްފައިވާ އާޔަތް އެވަނީ މަންސޫޚުވެފައެވެ.

ދެވަނަ ދަލީލު: ކައިވެނީގެ ރަން ކަނޑައެޅުމުގެ ކުރިން ނުވަތަ އެއަންހެނާއާ އެކަހެރިވުމުގެ ކުރިން ވަރިކުރެވޭ އަންހެނާއަށް މުދަލެއް ދޭންޖެހޭކަމަށް ދެގޮތުން ދަލީލުލިބެއެވެ.

ފުރަތަމައީ: އާޔަތުގައިވާ

﴿ وَمَتِّعُوهُنَّ ﴾

މާނައީ: “އެކަނބަލުންނަށް މުދަލެއް ދޭ ހުށިކަމެވެ.”

އިން ދަލާލަތުކޮށްދެނީ އެއީ ވާޖިބުކަމެއްކަމަށެވެ.

ދެވަނައީ: އާޔަތުގައިވާ

﴿حَقًّا عَلَى الْمُحْسِنِينَ﴾

މާނައީ: “(ވަރިކުރެވޭ މީހުންނަށް ދިނުން) އިޙްސާންތެރިންގެ މައްޗަށް އޮތް ޙައްޤެއްގެ ގޮތުގައެވެ.”

މިއާޔަތުންވެސް އެކަމަށް ދަލާލަތުކުރެއެވެ. އެއީ ވާޖިބުވުމަށް ބޭނުންކުރެވޭ އެންމެ ވަރުގަދަ އެއް ލަފްޡެވެ.

ތިންވަނަ ދަލީލު: މިޙާލަތުގައި ވަރިކުރެވޭ އަންހެނާއަށް މުދަލެއް ދިނުން ވާޖިބުވެގެންވެއެވެ. އެހެނީ އެއީ ވާޖިބު އެއްޗެއްގެ ބަދަލުގައި ދެވޭ އެއްޗެކެވެ. ވާޖިބުކަމެއްގެ ބަދަލުގައި ގެނެވޭ ކަމެއްވެސް ދާނީ ވާޖިބުގެ ޙުކުމަށެވެ.

  • ދެވަނަ ބަސްފުޅު: [އިމާމު ޝާފިޢީގެ ފަހުގެ ބަސްފުޅާއި އިމާމު އަޙްމަދުގެ އެއް ބަސްފުޅު]

ވަރިކުރެވޭ ކޮންމެ އަންހެނަކަށްވެސް މުދަލެއް ދިނުން ވާޖިބެވެ. އެއީ އެކަހެރިވުމަށްފަހުގައި ވަރިކުރިޔަސްމެއެވެ. ނަމަވެސް ކައިވެނީގެ ރަންކަނޑައެޅުމަށްފަހު އެކަހެރިނުވެ ވެރިކުރި އަނބިމީހާ މިކަމުން އިސްތިޘްނާ ކުރެވެއެވެ. ފަހެ އެފަދަ އަންހެނުނަށް އޮތީ ކައިވެނީގެ ރަނުގެ ދެބައިކުޅައެއްބައެވެ. އަދި އޭގެ އިތުރަށް އެހެން މުދަލެއް އެފަދަ އަންހެނުންނަށް ދޭން ނުޖެހޭނެއެވެ.

ދަލީލުތައް:

ފުރަތަމަ ދަލީލު: ﷲ ތަޢާލާގެ ވަޙީބަސްފުޅުކަމުގައިވާ

﴿وَلِلْمُطَلَّقَاتِ مَتَاعٌ﴾ [سورة البقرة ٢٤١] 

މާނައީ: “ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި މުދަލެއް ދިނުން ހުށްޓެވެ”.

މިއާޔަތުގައި މިވަނީ ޢާންމު މާނައެކެވެ. އޭގެން އިސްތިޘްނާ ކުރެވޭނީ ދަލީލުން ޚާއްޞަކޮށްފައިވާ ކަމެކެވެ. އެއީ ކައިވެނީގެ ރަން ކަނޑައެޅުމަކާ ނުލައި އަދި އެކަހެރިވުމެއް ނެތި ވަރިކުރެވިފައިވާ އަންހެނުންނެވެ.

ދެވަނަ ދަލީލު: ﷲ ތަޢާލާގެ ވަޙީބަސްފުޅުކަމުގައިވާ ﴿ يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ إِن كُنتُنَّ تُرِدْنَ الْحَيَاةَ الدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا﴾ [سورة الأحزاب ٢۸] 

މާނައީ: ” އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ حياة އާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް متعة ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާ ހުށީމެވެ. “

މިއާޔަތުގެ މުރާދަކީ: ތިޔަކަނބަލުން އަންނާށެވެ. ރިވެތިވެގެންވާ ވަރިއަކުން ވަރިކޮށް މުދަލެއް ދެއްވާހުށީމެވެ.

މީގެން ދަލީލުކުރަނީ އަންހެނަކާ އެކު ކައިވެންޏަށްފަހު އެކަހެރިވެއްޖެނަމަ މުދަލެއް ދިނުން ވާޖިބުކަމަށެވެ.

 

ތިންވަނަ ދަލީލު: ޖާބިރު ބިން ޢަބްދިﷲ ގެ އަރިހުން ބައިހަޤީ ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ.

ޙަފްޞު ބިން މުޣީރާ އެކަލޭގެފާނުގެ އަނބިކަނބަލުން ފާޠިމާ ވަރިކުރެއްވުމުން ނަބިއްޔާ ގެ އަރިހަށް އެކަމަނާ އަތުވެއްޖެއެވެ. ފަހެ އެކަމަނާގެ ފިރިކަލުންނަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެކަމާނާއަށް މުދަލެއް ދެއްވާށެވެ.” އެބޭކަލަކު ދެންނެވިއެވެ. “މުދަލަކަށް ދޭނެ އެއްޗެއް ތިމަންކަލޭގެފާނުގެ އަތުގައި ނެތެވެ.” ޙަދީޘްކުރެއްވިއެވެ. “ކޮންމެހެންވެސް މުދަލެއް ދެއްވަންވާނެއެވެ.” ދެން ޙަދީޘްކުރެއްވިއެވެ. “ކަދުރުގެ ޞާޢެއްގެ ދެބައިކޮށްފައި އެއްބައި ނަމަވެސް ދެއްވާށެވެ.” [أخرجه البيهقي في السنن الكبرى وحسنه الألباني]

  • ތިންވަނަ ބަސްފުޅު: [މާލިކީންގެ ބަސްފުޅު]

ބާއިން ވަރިއަކުން ވަރިކުރެވޭ ކޮންމެ އަންހެނަކަށް މުދަލެއް ދިނުމަކީ ވާޖިބެކެވެ. އޭގެން އިސްތިޘްނާ ކުރެވޭ ބައެއް ޙާލަތްތަކުގައި މެނުވީއެވެ. އެއީ މިޘާލަކަށް: ވަރިވުމުގެ އިޚްތިޔާރު ދެވިފައިވާ އަންހެނާއާއި ފިރިމީހާގެ އައިބެއްވާތީ ވަރިވާ އަންހެނުންފަދަ މީހުންނެވެ.

ދަލީލު: ﷲ ތަޢާލާގެ ވަޙީބަސްފުޅުކަމުގައިވާ ﴿لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ ۖ حَقًّا عَلَى الْمُحْسِنِينَ﴾ [سورة البقرة ٢٣٦] 

މާނައީ: “ތިޔަބައިމީހުން އަނބިންނާއެކު ރޭނުކުރާހާ ހިނދަކު، ނުވަތަ އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައިނުވާހާ ހިނދަކު، ތިޔަބައިމީހުން، އެކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. (ނަމަވެސް) ތިޔަބައިމީހުން، އެކަނބަލުންނަށް މުދަލެއް ދޭށެވެ! ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށްވަނީ، އޭނާގެ ވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށްވެސްވަނީ، އޭނާގެ ވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ މުދަލެއްގެ ގޮތުގައެވެ. (ވަރިކުރެވޭ މީހުންނަށް ދިނުން) އިޙްސާންތެރިންގެ މައްޗަށް އޮތް ޙައްޤެއްގެ ގޮތުގައެވެ.”

އާއި ﷲ ތަޢާލާގެ ވަޙީބަސްފުޅުކަމުގައިވާ

﴿وَلِلْمُطَلَّقَاتِ مَتَاعٌ﴾ [سورة البقرة ٢٤١] 

މާނައީ: “ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި މުދަލެއް ދިނުން ހުށްޓެވެ”.

މިއާޔަތެވެ.

މި ދެއާޔަތުގައިވާ އަމުރުފުޅަކީ މުސްތަޙައްބުކަމަށް ދަލާލަތުކުރާ އަމުރުފުޅެކެވެ. އެއީ އިޙްސާންތެރިވުމުގެ ގޮތުން ދޭ އެއްޗަކަށްވާތީއެވެ. އިޙްސާންތެރިކަމުގެ ގޮތުން ދޭ އެއްޗެއް ވާޖިބެއްކަމުގައި ނުވާނެއެވެ.

  • ހަތަރުވަނަ ބަސްފުޅު: [ޡާހިރީންގެ ބަސްފުޅާއި ޙަންބަލީ މަޛްހަބުގެ އެއްބަސްފުޅާއި އިބްނު ތައިމިއްޔާ އަދި އިބްނު ޙަޖަރު ރާޖިޙުކުރައްވާފައިވާ ބަސްފުޅު]

ވަރިކުރެވޭ ކޮންމެ އަންހެނަކަށް މުދަލެއް ދިނުން ވާޖިބުވެގެންވެއެވެ.

 

ފުރަތަމަ ދަލީލު: ﷲ ތަޢާލާގެ ވަޙީބަސްފުޅުކަމުގައިވާ

﴿وَلِلْمُطَلَّقَاتِ مَتَاعٌ﴾ [سورة البقرة ٢٤١] 

މާނައީ: “ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި މުދަލެއް ދިނުން ހުށްޓެވެ”.

މިއާޔަތެވެ.

މިއާޔަތުގައި މިވަނީ ވަރިކުރެވޭ އެއްވެސް އަންހެނަކު އިސްތިޘްނާކުރުމަކާ ނުލައި ޢާންމުކޮށް ބަޔާންކުރައްވާފައެވެ.

ދެވަނަ ދަލީލު: ﷲ ތަޢާލާގެ ވަޙީބަސްފުޅުކަމުގައިވާ ﴿ يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ إِن كُنتُنَّ تُرِدْنَ الْحَيَاةَ الدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا﴾ [سورة الأحزاب ٢۸] 

މާނައީ: ” އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ވިދާޅުވާށެވެ! ތިޔަކަނބަލުން ދުނިޔޭގެ حياة އާއި، އެތާނގެ ޒީނަތްތެރިކަން އެދޭކަމަށްވާނަމަ، އަންނާށެވެ! ތިޔަކަނބަލުންނަށް متعة ދެއްވާހުށީމެވެ. އަދި ރިވެތިވެގެންވާ ވަރިކުރެއްވުމަކުން ތިޔަކަނބަލުން ވަރިކުރައްވާ ހުށީމެވެ. “

މިއާޔަތެވެ.

މިއާޔަތުގައި މިވަނީ އެކަނބަލުން ވަރިވުން ޚިޔާރކުރައްވައިފިނަމަ މުދަލެއް ދިނުމަށް އަމުރުކުރައްވާފައެވެ.

އަދި މިނޫން އެހެން ދަލީލުތައްވެސް މިބޭފުޅުން ބަޔާންކުރައްވާފައިވެއެވެ.

 

ރާޖިޙުވެގެންވާ ބަސްފުޅު: ރާޖިޙުވެގެންވާ ގޮތަކީ ވަރިކުރެވޭ ކޮންމެ އަންހެނަކަށް މުދަލެއް ދިނުމީ ވާޖިބެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅެވެ. މިއީ ޞަޙާބީންނާއި ތާބިއީންގެ ޖަމާޢަތެއްގެ ބޭކަލުންގެ ބަސްފުޅެވެ. އެގޮތުން ޢަލީ ބިން އަބީ ޠާލިބާއި އަބޫ ޤިލާބާއި ސަޢީދު ބިން ޖުބައިރާއި އަބުލް ޢާލިޔާއާއި ޒުހްރީއާއި ޤަތާދާއާއި ޟައްޙާކުއާއި އަބޫ ޘައުރު رحمهم الله އެވެ.

އަދި މުޙައްޤިޤު ޢިލްމުވެރިންކުރެ ޖަމާޢަތެއްވެސް މިބަސްފުޅު ޚިޔާރުކުރައްވާފައިވެއެވެ. އެގޮތުން ޠަބަރީއާއި ޤުރުޠުބީއާއި އިބްނު ތައިމިއްޔާއާއި އިބްނު ޙަޖަރާއި ފަހުގެ ޢިލްމުވެރިން ކުރެ ޝަންޤީޠީއާއި އިބްނު ޢުޘައިމީން މިބަސްފުޅު ޚިޔާރުކުރައްވާފައިވެއެވެ.

 

= ނުނިމޭ =

ލިޔެ ޖަމާކުރީ

އައްޝައިޚް ޔާމީން ނާޞިރު

އައްޝައިޚް ޢިމްރާން މުޙައްމަދު

________________________

މިލިޔުމުގެ އެހެނިހެން ބައިތައް