[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުންދޭ މުދާ 7

  1. އަނބިމީހާއަށް ގެއްލުމެއްދިނުމުގެ ގަޞްދުގައި އޭނާ ވަރިކުރުމާއި ވަރިކުރެވޭ އަންހެނާއަށް މުދަލެއް ދިނުމާހުރި ގުޅުން

އަނބިމީހާއަށް ގެއްލުމެއް ދިނުމުގެ ޤަޞްދުގައި ކުރެވޭ ވަރިއާއި، އެކުއެކި މުބާހު ސަބަބުތަކާހުރެ ޢާންމު ގޮތެއްގައި މީސްތަކުންކޮށްއުޅޭ ވަރިއާ ތަފާތުކުރަން ޖެހެއެވެ. އެހެނީ މިއީ ވަރަށް ތަފާތު ދެޙާލަތެކެވެ. އެގޮތުން މުބާހު ސަބަބުތަކާހުރެ ކުރެވޭ ވަރީގައި މުދަލެއް ދިނުމަށް ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި އައިސްފައިވެއެވެ. ނަމަވެސް އަނބިމީހާއަށް ގެއްލުން ދިނުމުގެ ޤަޞްދުގައި ކުރެވޭ ވަރީގައި ވަކި އެއްޗެއް ދިނުމަށް ކަނޑައެޅުން އޮތީ ޙާކިމު މީހާގެ އިޖްތިހާދުކޮށްގެންނެވެ. އެއީ އިސްލާމްދީނުގައިވާ ޝަރުޢީ ސިޔާސަތުގައި ކަނޑައެޅޭ ޙުކުމްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މިދެޙާލަތުގައިވާ އެއް ތަފާތަކީ މުބާހު ވަރިއެއްކުރުމަށްފަހު މުދަލެއް ދެވެނީ މުރާއަތްތެރިކަމުގެ ދަށުންނެވެ. ނަމަވެސް ގެއްލުން ދިނުމުގެ ޤަޞްދުގައި ވަރިކުރިކަން ޘާބިތުވެއްޖެނަމަ މުދަލެއް ދިނުމަށް އަމުރުކުރެވޭނީ ޢުޤޫބާތެއްގެ ގޮތުންނެވެ.

މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމުގައި ޞައްޙަ ގޮތަކީ ވަރިކުރުމަށްފަހު ޝަރުޢީ ގޮތުން ކަނޑައަޅާފައިވާ ހޭދަކުރުންތައް ފިޔަވާ އެހެން ޚަރަދުތަކައް ކުރަން ނުޖެހޭނެކަމަށް ދެކުމެވެ. އެއީ ޢިއްދައިގެ ދުވަސްވަރު ކުރަންޖެހޭ ހޭދައާއި ވަރިކުރުމަށްފަހު ދެވޭ މުދަލެއް ދިނުމެވެ.

ނަމަވެސް ވަރިކުރުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް އަނބިމީހާއަށް ލިބިފައިވާނަމަ، އަދި ފިރިމީހާ ޤަޞްދުގައިކޮށްފައިވާކަމެއްނަމަ އެ ގެއްލުން އެއްކިބާކޮށްދިނުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިގެންވެއެވެ.

އެހެންކަމުން ވަރިކުރެވޭ ކޮންމެ އަންހެނަކީ އެއަންހެނާއަށް ގެއްލުން ދިނުމުގެ ޤަޞްދުގައި ވަރިކުރެވޭ އަންހެނެއްކަމުގައި ދެކިގެން ނުވާނެއެވެ.

= ނުނިމޭ =

ލިޔެ ޖަމާކުރީ

އައްޝައިޚް ޔާމީން ނާޞިރު

އައްޝައިޚް ޢިމްރާން މުޙައްމަދު

________________________

މިލިޔުމުގެ އެހެނިހެން ބައިތައް